ކުޅިވަރު

ރޮނާލްޑޯއަކީ ގިނަ ހުނަރުތަކެއް ހުރި އާދަޔާހިލާފު މީހެއް: މެސީ

Jun 8, 2017

ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ގިނަ ހުނަރުތަކެއް ހުރި އާދަޔާހިލާފް ކުޅުންތެރިޔެއް ކަމަށް ބާސެލޯނާގެ ލިއޮނަލް މެސީ ބުނެފި އެވެ.

ރޮނާލްޑޯ 2009 ވަނަ އަހަރު، ރެއާލް މެޑްރިޑަށް ބަދަލުވުމުން، އޭނާ އާއި މެސީއާ ދެމެދު އޮންނަ ވާދަވެރިކަން ވަރަށް ބޮޑު ކަމަށް ގިނަ ބަޔަކު ވާހަކަ ދައްކަ އެވެ. ނަަމަވެސް، މެސީ ބުނީ އެފަދަ ވާދަވެރިކަމެއް ނެތް ކަމަށެވެ.

"އެ ވާދަވެރިކަން ބޮޑުކޮށްލައިގެން އުޅެނީ މީޑިއާއިން އަހަރެމެނެއް ނޫން،" އީއެސްޕީއެންގައި ވާހަކަ ދައްކަމުން މެސީ ބުންޏެވެ،

މެސީ ބުނީ އޭނާ އާއި ރޮނާލްޑޯ ވެސް މަސައްކަތް ކުރަނީ ޓީމަށް ކާމީޔާބު ހޯދައިދިނުމަށް ކަމަށާއި، އޭގެ ބޭރުން ދައްކާ ވާހަކައަކީ މާ މުހިންމު ކަމެއް ނޫން ކަމަށެވެ.

"އޭނާ [ރޮނާލްޑޯ] އަކީ ގިނަ ހުނަރުތަކެއް ހުރި އާދަޔާހިލާފް ކުޅުންތެރިޔެއް، ކޮންމެ އަހަރަކުން އަހަރަކުން އޭނާ ދަނީ އިތުރަށް މޮޅުވަމުން، އެހެންވެ މުޅި ދުނިޔެ ދަންނާނެ އޭނާ އަކީ ދުނިޔޭގެ އެއްމެ މޮޅު އެއް ކުޅުންތެރިޔާކަން." މެސީ ބުންޏެވެ.

އެއް އަހަރަށްފަހު، މެސީ ވަނީ ބާސެލޯނާގެ ކޮންޓްރެކްޓް އާ ކުރުމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ އޭނާ ރިޓާޔާ ކުރަން ބޭނުން ވަނީ ބަސެލޯނާގައި ހުރެ ކަމަށެވެ. މިދިޔަ އަހަރު ބާސެލޯނާއިން ވަނީ މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއި ކުރުމަށް ހުށަހަޅާފަ އެވެ. ނަމަވެސް، އޭރު މެސީ ވަނި ކޮންޓްރެކްޓަށް ނުނެކޭ ބުނެފަ އެވެ. ބާސާއާއެކު މިހާރު އޮތް އެއްބަސްވުމުގައި އޮތީ ބާކީ އެންމެ ސީޒަނެކެވެ.

"ބާސެލޯނާގައި ހުރުމަކީ އަހަރެން އަބަދުވެސް ބޭނުންވާ ކަމެއް، ބާސާގައި ހުރެ ރިޓާޔާ ކުރުމަކީ އަހަރެންގެ ހުވަފެނެނެއް، އަހަރެން ނިންމާލާނީ އެގޮތުގައި ހުރެ،" މެސީ ބުންޏެވެ.

ބާސެލޯނާގައި، ކާމިޔަބު ހޯދިޔަސް، އާޖެންޓީނާގައި، މެސީ އަށް މިހާތަނަށް ކާމިޔާބު ވެފައެއް ނުވެ އެވެ. ވޯލްޑްކަޕް ފައިނަލު ގަ އާއި ކޮޕާ އެމެރިކާގެ ފައިނަލުގައި ދެ ފަހަރު ކުޅުނު އިރުވެސް، މެސީ އަށް ކާމިޔާބު ވެފައެއް ނުވެ އެވެ. އޭނާ ބުނީ އެ ތިން ފައިނަލުގައި ވެސް ނާކާމިޔާބު ވީ ކުޑަކުޑަ ކަމަކުން ކަމަށެވެ.

"އަހަރެން ގަބޫލު ކުރަނީ އެ މުހިންމު ވަގުތުގައި އަހަރެމެން ޗެމްޕިއަންކަން ނުލިބެނީ ނަސީބު ވެސް ނެތުމުން ކަމަށް، ފައިނަލެއްގައި ނާކިމިޔާބު ވެގެން އަލުން ދެ ވަނަ ފަހަރަށް ފައިނަލަށް ދިއުމަކީ ފަސޭހަ ކަމެއް ނޫން ނަމަވެސް އަހަރެމެން ވަނީ ދެފަހަރަށް ފައިނަލަށް ގޮސްފަ." މެސީ ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައިވެސް، އާޖެންޓީނާ އޮތީ އުނދަގޫ ހިސާބެއްގަ އެވެ. އެޓީމު އޮތީ، ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގެ ފަސް ވަނައިގަ އެވެ. ވޯލްޑްކަޕްގެ ސީދާ ޖާގަ ލިބޭނީ ގަދަ ހަތަރު ޓީމަށެވެ. ފަސްވަނަ އަށް ދާ ޓީމަށް ޖެހޭނީ އޯޝެނިއާ ސަރަހައްދުން އަންނަ ނިއުޒިލެންޑާ ދެކޮޅަށް ޕްލޭއޮފް ކުޅޭށެވެ.

އެކުވެރި ކަމުގެ މެޗެއްގައި، މާދަމާ އާޖެންޓީނާއިން ބްރެޒިލްއާ ދެކޮޅަށް ކުޅޭނެ އެވެ. ބްރެޒިލް ވަނީ މިހާރު ވޯލްޑްކަޕަށް ކޮލިފައި ވެފަ އެވެ. އެ މެޗުގައި ވެސް އަދި ވޯލްޑް ކަޕް ކޮލިފައިން މެޗުގައި ވެސް އޭނާ ކުޅޭނެ އެވެ. އެއީ އޭނާ އަށް ކުރިން އަޅާފައިވަ ދެ މެޗުގެ ސަސްޕެންޝަން ފިޔަވަޅު އޭޕްރީލް މަހު ފީފާއިން އުވަލުމުންނެވެ.