"ރިހަފަތް" ގައި މިއަދު މި ގެނެސްދެނީ ތަފާތު ރިހައެއް ހަދާލާނެ ގޮތެވެ. ޖަޕާން ސްޓައިލަކަށް ތައްޔާރު ކުރާ މި ރިހަ އަށް ކިޔަނީ "ކަޓްސޫ ކަރީ" އެވެ. މިއީ ހުޅުމާަލޭގައި ހުންނަ އޮއިޝީ ރެސްޓޫރަންޓުގެ މެނޫގައި ވެސް ހިމެނޭ އަދި ގިނަ ބަޔަކަށް ވަރަށް ކަމުދާ ރިހައެކެވެ. އެހެންކަމުން ރޯދަ ވީއްލާ ގަޑިއަށް ބަތް ނުވަތަ ރޮއްޓާ އެކުގައި ވެސް މި ރިހަ ބޭނުން ކުރެވިދާނެ އެވެ.
ބޭނުންވާ ތަކެތި
ޗިކަން ބްރެސްޓް
އަސޭމިރުސް
ލޮނު
ފުށް
ބިސް
ބްރެޑް ކްރަމް
ލޮނުމެދާ އިނގުރު ޕޭސްޓް
މަސްޓަޑް ސޯސް
މެގީ އޮއިސްޓާ ސޯސް
ސަފޯލާ ގޯލްޑް
މެގީ ޗިކަން ސްޓޮކް
އަލުވި
ކެރެޓު
ގޯލްޑަން ކަރީ ޕޭސްޓް
ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ ފޮތި ފޮއްޗަށް ކޮށާފައި ހުރި ޗިކަން ބްރެސްޓް މައްޗައް ކުޑަ އަސޭމިރުސް ކޮޅަކާއި ލޮނު އަދި ޖިންޖާ އެންޑް ގާލިކް ޕޭސްޓްކޮޅެއް އަޅާލާނީ އެވެ. ދެން އޭގެ މައްޗައް ސަފޯލާ ގޯލްޑް ތެޔޮ އަޅާލުމަށް ފަހު މަސަޓަޑް ސޯސްކޮޅެއް އަޅާލާށެވެ. އަދި މެގީ އޮއިސްޓާ ސޯސްއާ މެގީ ޗިކަން ސްޓޮކް ވެސް އަލާލާނީ އެވެ. ދެން އެ ހުރިހާއެއްޗެއް ރަނގަޅަށް އެއްކޮށްލާނީ އެވެ. އެއަށް ފަހު ޗިކަން ބްރެސްޓްގެ ކޮންމެ ފޮއްޗެއް ނެގުމަށް ފަހު ފުށް އެއްޗަކަށާއި ބިސް އަދި ބްރެޑް ކްރަމް ތެރެއަށް ލާށެވެ. ދެން ގޯލްޑަން ބްރައުން ކުލައަެއެް އަރަންދެއް ތެލުލާނީ އެވެ. އޭރުން ކަޓްސޫ ކަރީއަށް ބޭނުންވާ ކުކުޅު ތައްޔާރު ކުރެވުނީ އެވެ.
ދެން ތަވައަކަށް ސަފޯލާ ގޯލްޑް ތެޔޮ އަޅާ ހޫނުކޮށްލުމަށް ފަހު އޭގެ ތެރެއަށް ޖިންޖާ އެންޑް ގާލިކް ޕޭސްޓްއާ އަލުވި އަދި ކެރެޓު އަޅާނީ އެވެ. އެއް ޖޯޑު ފެންކޮޅެއް އަޅާލުމަށް ފަހު އޭގެ ތެރެއަށް އަލާލާނީ ގޯލްޑަން ކަރީ ޕޭސްޓެވެ. ދެން ރަނގަޅަށް އެއްކޮށްލާނީ އެވެ. އެއަށް ފަހު ކުރިން ހެދި ކުކުޅާ އެކު ރިހަ އެއްތައްޓަކަށް އަޅާލުމުން ކަޓްސޫ ކަރީ ތައްޔާރުކޮށްލެވުނީ އެވެ.