ފާއިތުވި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑަށްް ކުޅުނު ސްވިޑަންގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗްގެ ކޮންޓުރެކްޓް އާ ނުކުރުމަށް އެ ކްލަބުން ނިންމައިފި އެވެ.
ޔުނައިޓެޑުން އިބްރަހިމޮވިޗް 35، ދޫކޮށްލިކަން ޔަގީންވީ ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ސްކޮޑުގައި އަންނަ ސީޒަންގައި ވެސް ފެންނާނެ ކުޅުންތެރިންގެ ލިސްޓުތައް ޕްރިމިއާ ލީގުން އާންމު ކުރިއިރު، ޔުނައިޓެޑްގެ ލިސްޓުގައި އިބްރަހިމޮވިޗްގެ ނަން ނެތުމުންނެވެ.
ޕީއެސްޖީން ޓްރާންސްފާ ފީއަކާ ނުލައި މިދިޔަ އަހަރު ޔުނައިޓެޑަށް ބަދަލުވި އިބްރަހިމޮވިޗް އެ ކްލަބަށް ކުޅުނު 46 މެޗުން 28 ލަނޑު ޖެހި އެވެ. އެކަމަކު އޭޕްރީލް މަހު ޔޫރޮޕާ ލީގުގައި އެންޑަކެލްޓްއާ ދެކޮޅަށް ކުޅެނިކޮށް، އިބްރަހިމޮވިޗަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާ އަށް ވަނީ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަންޖެހިފަ އެވެ. ޔުނައިޓެޑުން އިބްރަހިމޮވިޗްގެ ކޮންޓުރެކްޓް އާނުކުރަން ނިންމި މައިގަނޑު ސަބަބަކީ އިބްރަހިމޮވިޗްގެ އިންޖަރީ އެވެ.
ބެލެވޭ ގޮތުގައި އިބްރަހިމޮވިޗަށް އަލުން ދަނޑަށް ނުކުމެވޭނީ ޖެނުއަރީ މަހު އެވެ. އިބްރަހިމޮވިޗްގެ މުސާރަ ބޮޑުވުމާއެކު، ޔުނައިޓެޑުން ނިންމީ އޭނާގެ ކޮންޓުރެކްޓް އާނުކޮށް، އެހެން ފޯވަޑެއް ހޯދުމުގެ މަސައްކަތް ފެށުމަށެވެ.
ޔުނައިޓެޑާއެކު އިބްރަހިމޮވިޗް ހެދި ކޮންޓުރެކްޓް ހަމަވާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. ކޮންޓުރެކްޓް ހަމަވިޔަސް، ޔުނައިޓެޑްގެ ވަސީލަތްތައް ބޭނުން ކޮށްގެން އިބްރަހިމޮވިޗްގެ ރިކަވަރީ ކުރިއަށް ގެންދިއުމުގެ ފުރުސަތު ޔުނައިޓެޑުން ދޭނެ ކަމަށް ބެލެވެ އެވެ.
ޔުނައިޓެޑް އާ ފޯވަޑެއް ހޯދަނީ
ޔުނައިޓެޑަށް މިދިޔަ ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހި އިބްރަހިމޮވިޗްގެ ބަދަލުގައި އާ ފޯވަޑެއް ހޯދުމުގެ މަސައްކަތް އެ ކްލަބުން މިހާރު ވަނީ ފަށައިފަ އެވެ.
އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ފޯވަޑް ގްރީޒްމަން ހޯދަން ޔުނައިޓެޑުން މަސައްކަތްކުރި ނަމަވެސް، އެތުލެޓިކޯއަށް ފީފާ އިން ދިން ޓްރާންސްފާ ބޭންއާ ގުޅިގެން އެ ފުރުސަތު ވަނީ ހަނިވެފަ އެވެ.
ރެއާލް މެޑްރިޑްގެ ފޯވަޑް އަލްވާރޯ މޮރާޓާ ޔުނައިޓެޑަށް ބަދަލުވާން ނިންމާފައިވާކަމަށް ރިޕޯޓްތަކުން ދަނީ ބުނަމުންނެެވެ. އަދި ދެ ކްލަބުގެ ދެމެދުގައި ޓްރާންސްފާ ފީއަކަށް އެއްބަސްވުމާއެކު، މޮރާޓާ ޔުނައިޓެޑަށް ބަދަލުވާނެ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
ޓޮރީނޯގެ ފޯވަޑް އެންޑްރެއާ ބެލޮޓީ އަށް ވެސް ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ. އެކަމަކު ޓޮރީނޯ އިން ބެލޮޓީ ވިއްކާލަން ބޭނުންނުވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.