ޑެނީ ބްލިންޑާއެކު، ހޮލެންޑަށް، ވޯލްޑްކަޕް ކޮލިފައިންގެ ނަތީޖާ ދަށް ވުމުން، އޭނާ ކޯޗް ކަމުން ވަކިކޮށް، ޑިކް އޮޑްވަކާޓްއާ ކޯޗްކަން ހަވާލު ކުރުމަށްފަހު، ކުޅުނު ފުރަތަމަ މެޗުގައި، ލަގްޒަމްބާގްގެ މައްޗަށް 5-0 ނަތީޖާ އަކުން ބޮޑު މޮޅެއް ހޯދައިފި އެވެ.
ހޮލެންޑުން ޖެހީ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 21 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އާރެން ރޮބިން އެވެ. ދެ ވަނަ ލަނޑު 34 ވަނަ މިނެޓްގައި ކާމިޔަބު ކުރީ ވެސްލީ ސްނައިޑާ އެވެ.
ތިން ވަނަ ލަނޑު 62 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖޯޖީނިއޯ ވައިނާލްޑަމް އެވެ. ހަތަރު ވަނަ ލަނޑު 70 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކްއިންސީ ޕްރޯމްސް އެވެ. އަދި ފަސް ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔަބު ކުރީ، ވިންސެންޓް ޖޭންސެން އެވެ.
މި މޮޅާއެކު، ހޮލެންޑް ވަނީ 10 ޕޮއިންޓާއެކު، ތާވަލުގެ ތިން ވަނަ އަށް ޖެހިލާފަ އެވެ. އެހެންވެ ދެ ވަނަ އަށް ޖެހިލައިގެން، އެ ޓީމަށް ކޮލިފައިވުމުގެ ފުރުސަތު ލިބޭނެ އެވެ.
ފްރާންސަށް ފަހު ވަގުތު ގެއްލުން
ސްވިޑެން އަތުން ފަހު ވަގުތު 2-1 ބަލިވެ، ފްރާންސަށް ތާވަލުގެ އެއް ވަނަ މަގާމު ވަނީ ގެއްލިފަ އެވެ.
ފުރަތަމަ ލީޑް ނެގީވެސް ފްރާންސުންނެވެ. މެޗުގެ 37 ވަނަ މިނެޓްގައި، އެ ޓީމަށް ލީޑް ނަގައިދިނީ އޮލިވާ ޖިރޫޑެވެ. ނަަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން، ހީމޭ ދުރުމަޒު ވަނީ ސްވިޑެންއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މެޗުގެ އެންމެ ފަހު ވަގުތުގައި، އޯލާ ޓޮއިވަނަން، ސްވިޑެން މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ، ފްރާންސްގެ ކީޕަރު ހޫގޯ ލޯރިސްއަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެންނެވެ.
ފްރާންސްގެ ފަހަތުން ދިން ޕާހެއް، ޕެނަލްޓީ އޭރިއާ ބޭރަށް ނިކުމެފައި ލޯރިސް ދިނީ ފްރާންސްގެ ކުޅުންތެރިޔަކަށެވެ. ނަމަވެސް، އެބޯޅަ ލިބުނީ މެދު ރޮނގުގައި ހުރި ޓޮއިވަނަންއަށެވެ. އޭނާ ވަނީ، ލޮރިސް ކުރިއަށް އަރާ އޮއްވައި އެ ބޮޅަ ގޯލަށް ފޮނުވާލާފަ އެވެ. ލޮރިސް އަށް ގޯލާ ހަމަޔަށް އާދެވުނު އިރު، އެ ބޯޅަ އޮތީ ގޯލް އެތެރޭގަ އެވެ.
ރޭ ޕޯޗްގަލް އާއި ލެޓްވިއާ ކުޅުނު މެޗު، ޕޯޗްގަލް ކާމިޔާބު ކުރީ 3-0 ންނެވެ. އެ ޓީމުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ރޮނާލްޑޯ އެވެ. ތިން ވަނަ ލަނޑު އެންޑްރޭ ސިލްވާ ކާމިޔާބު ކުރީ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ރޭ ބެލްޖިއަމް، އެސްޓޯނިއާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 2-0 ންނެވެ.