އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު، ރަމަޟާން މަހު "އަވަސް" އިން ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭ "ރޯދައިގެ ދަރުމައިގެ" މިއަދުގެ މައުލޫއަކީ "ރޯދަވެރިޔާގެ އަނގައިގެ ވަސް" އެވެ.
ރޯދައަކީ މާތްﷲ ވަރަށް މާތްކުރައްވާފައިވާ އަޅުކަމަކަށްވާއިރު، ރޯދަވެރިޔާއަށް ހާއްސަ އިމްތިޔާޒުތަކެއް ދެއްވާފައިވެ އެވެ. ހާއްސަ ކަންތައްތަކެއް ރޯދަވެރިޔާއަށް ހެޔޮ ޖަޒާ ދެއްވުމަށް ލައްވަވާފައިވެ އެވެ. އޭގެތެރެއިން އެއް ކަމަކީ ރޯދަވެރިޔާގެ އަނގައިގެ ވަހެވެ. ރޯދަވެރިޔާގެ އަނގައިގެ ވަހަކީ ﷲ ހަސްރަތުގައި މިސްކްގެ ވަހަށްވުރެ މީރު ވަސް ދުވާ ވަހެއް ކަމަށް ހަދީޘްތަކުގައި ބަޔާންވެފައިވެ އެވެ.
އޭގެން ދޭހަވަނީ ރޯދަވެރިޔާގެ އަނގައިން ނުކުންނަ ވަހަކީ ރޯދަވެރިޔާއަށް އެއްވެސް އައިބު ކަމެއް ލިބޭނެ ވަހެއް ނޫން ކަމެވެ. އެގޮތަށް ހަދީޘް ކުރައްވާފައިވަނީ ވެސް ރޯދަވެރިޔާގެ އަނގައިގެ ވަހާ ގުޅޭ ގޮތުން މީހުން ވާހަކަ ދައްކާތީ އެއަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ.
އެހެންނަމަވެސް ރޯދައަށް ހުންނަ މީހާ އޭނާގެ ދަތްތައް އުނގުޅައި، ސާފުކޮށްފަ ބެހެއްޓުމަކީ ރަނގަޅު ކަމެކެވެ. އަނގަ ތެރެ ވެސް ސާފުކޮށް ބެހެއްޓުމެވެ.
ރަސޫލާ ހަދީޘް ކުރައްވާފައިވާ ގޮތުގައި އުއްމަތުގެ މީހުންނަށް ދަތި އުނދަގޫ ކަމަކަށް ނުވާނަމަ ކޮންމެ ނަމާދަކަށް ދަތް އުނގުޅާ ސާފުކުރުމަށް އަމުރު ކުރެއްވީހެވެ. އެ ހަދީޘް ވެސް ބަޔާންކޮށްދެނީ ދަތްތަކާއި އަނގަ ސާފުކޮށްފައި ބެހެއްޓުމުގެ މުހިންމު ކަމެވެ.
އަނގަ އާއި ދަތްތައް ސާފުކޮށްފައި ބެހެއްޓި ނަމަވެސް އެއްވެސް ނުކައި ނުބޮއި ހުންނަނަމަ އަނގައިން ވަހެއް ދުވުމަކީ އެކަށީގެންވާ ކަމެކެވެ. އެ ވަސް އެއީ ﷲގެ ހަސްރަތުގައި އައިބު ކަމެއް ހުރި ވަހެއް ނޫނެވެ.