ކުޅިވަރު

މެސީ ވަރަށް މޮޅު، އޭނާގެ ކުޅުން ބަލަން ޝައުގުވެރިވޭ: ރޮނާލްޑޯ

Jun 10, 2017

މިހާރު ދުނިޔޭގެ އެންމެ މޮޅު ދެކުޅުންތެރިން ކަމަށްވާ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ، މީގެ ކުރިން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ނުކުރާ ވަރަށް ތައުރީފް ބަންޑުން ކޮށްލައިފި އެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާގެ މި ދެ ތަރިންގެ ސަޕޯޓަރުންގެ މެދުގައި ވާދަވެރިކަން އޮތަސް، މިދެ ކުޅުންތެރިންގެ މެދުގައި އެފަދަ ވާދަވެރިކަމެއް ނެތްކަން ދާދި ފަހުން ދެކުޅުންތެރިން ދިން އިންޓަވިއު ތަކުން ހާމަވެއެވެ.

މެސީ ދާދި ފަހުން ބުނެފައި ވަނީ، އޭނާ އާއި ރޮނާލްޑޯއާ ދެމެދު ވާދަވެރިކަން ބޮޑުކޮށްލައިގެން އުޅެނީ މީޑިއާއިން ކަމަށެވެ.

"އޭނާ [ރޮނާލްޑޯ] އަކީ ގިނަ ހުނަރުތަކެއް ހުރި އާދަޔާހިލާފް ކުޅުންތެރިޔެއް، ކޮންމެ އަހަރަކުން އަހަރަކުން އޭނާ ދަނީ އިތުރަށް މޮޅުވަމުން، އެހެންވެ މުޅި ދުނިޔެ ދަންނާނެ އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާކަން،" އީއެސްޕިއެން އަށް ދިން އިންޓަވިއުގައި މެސީ ބުންޏެވެ.

ފޮކްސް ސްޕޯޓްސްއާ ވާހަކަ ދައްކަމުން، ދާދި ފަހުން ރޮނާލްޑޯ ބުނީ، މެސީގެ ކުޅުން ބަލަން، އަބަދުވެސް އޭނާ ޝައުގުވެރިވާ ކަަމަށެވެ.

"މެސީ އަކީ މޮޅު ކުޅުންތެރިޔެއް، މޮޅު އެހެން ކުޅުންތެރިންގެ ކުޅުން ބަލަން ޝައުގުވެރިވާ ހެން އަހަރެން ވެސް، މެސީގެ ކުޅުން ބަލާލަން ޝައުގުވެރިވޭ، އަހަރެން ވަރަށް ބޮޑަށް އެންޖޯއި ކުރަން އޭނާގެ ކުޅުން ބަލާއިރު." ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އޭނާ މެސިއާ މެދު ޝައުގުވެރި ނުވާންވީ ސަބެއް ނެތް ކަމަށާއި އޭނާ އަށް ދެރައެއް ލިބޭ ގޮތަށް މެސީ ކަމެއް ކޮށްފައި ނެތް ކަމަށެވެ.

"އަހަންނާ މެދު ދެރަކޮށް ކަންތައް ކޮށްފައި ނެތް މީހަކާ މެދު އަހަރެން ގަޔާން ނުވާންވީ ސަބަބަކީ ކޮބާ، އަހަންނާ ބެހޭގޮތުން، މެސީއާ ސުވާލު ކޮށްފިއްޔާ އޭނާ ވެސް ވާހަކަ ދައްކަނީ ވަރަށް ރަނގަޅަށް،" ރޮނާލްޑޯއާ މެސީއާ ގަޔާ ނުވާކަމަށް ބުނާ ސަބަބުތައް ދޮގު ކުރުމުގެ ގޮތުން ރޮނާލްޑޯ ބުންޏެއެވެ.

ރޮނާލްޑޯ ބުނީ މެސީ އަކީ އޭނަގެ އެކުވެރިއެއް ނޫން ކަަމަށާއި ނަމަވެސް ކޮލީގެއް ކަމަށެވެ.

"ވޭތުވެދިޔަ 10 އަހަރު އެވޯޑް ސެރުމަނީގައި އަހަރެމެން ވަނީ ހަނދާންތަކެއް އާ ކޮށްފަ، އަހަންނާ އޭނާއާ މެދު ވަރަށް ގާތް ގުޅުމެއް އޮވެ، އަހަރެމެން އެއްކޮށް ކާކަށް ނުދަން، އެކަމަކު އަހަރެން އޭނާ އަށް އިހްތިރާމް ކުރަން، އޭނާ އަކީ ވާދަވެރިއެއް ނޫން އެއީ ޕްރޮފިޝަނަލް ކޮލީގެއް،" ރޮނާލްޑޯ ބުންޏެވެ.