ރިޕޯޓް

އަނިޔާގެ ހައްދެއް ނެތް: އެލުވައިގެން ވެސް ތެޅި!

އުތުރުގެ ތިން އަތޮޅުން މާޗު ،3 1943 ގައި، 9،000 އަށް ވުރެ ގިނަ މީހުން މާލެ އައީ ވަރަށް "ހިތްވަރު ގަދަ" ބައެއްގެ ގޮތުގަ އެވެ. ބައެއް ތާރީހީ އިލްމުވެރިން ވިދާޅުވާ ގޮތުގައި 17،000 އަށް ވުރެ ގިނަ މީހުން އެ ދަތުރުގައި މާލެ އަ އެވެ. އެންމެން ވެސް އައީ ވަރަށް ބޮޑު އުންމީދުތަކެއްގެ ހުޅުކޮޅު ހިތުގައި ރޯ ކޮށްގެނެވެ. އެއީ ގާނޫނާ ހިލާފު އެއްވުމަކަށް ކުރި ދަތުރެއް ނަމަވެސް އެ މީހުންގެ އަޒުމަކީ، އެ މީހުންގެ ހިތަށް ފެންނަ ގޮތަކަށް އެ މީހުން ބޭނުންވާ ބަދަލުތަކެއް އޭރު އޮތް ދިވެހި ސަރުކާރަށް ގެނައުމެވެ. ދިވެހި ސަރުކާރުގެ ބައެއް އިސް ވެރިން ބަންދުކޮށް މާ ކުރިން ރާވާފައިވާ ރަށްތަކަކަށް ފޮނުވާލުމެވެ.

ހާއްސަކޮށް އޭރު ސަރުކާރު ހިންގެވުމުގައި އިސްކޮށް ހުންނެވި މުހައްމަދު އަމީނާއި ސިޔާސީ ގޮތުން އަމީނުގެ އެންމެ ބޮޑު "ފޭވަރިޓް" ކަމަށް ހެއްދެވި ވެލާނާގެ އިބްރާހިމް ދީދީ ފަދަ ބޭބޭފުޅުން ސަރުކާރުން ވަކިވެ، ނުވަތަ ވަކިކޮށް އަރުވާލުމުގެ އިތުރަށް 1930 ވަނަ އަހަރުގެ ކުރީކޮޅު ރަސްކަމުން އަޒަލު ކުރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ރަސްކަމަށް އިސްކޮށްދިނުމަކީ އެ މީހުންގެ އެޖެންޑާގެ އެންމެ މުހިންމު ނުކުތާ އެވެ.

މުހައްމަދު އަމީނަކީ ވަރަށް "ކޫލް" ބޭފުޅެކެވެ. ތާރީހު ލިޔުއްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެމަނިކުފާނު އުންމީދުކުރެއްވި ގޮތާ ހިލާފަށް އާހިރުގައި "ބޮނޑި" އެޅީ ވެސް މާ ބޮޑަށް ކަންކަމާ މެދު "ޕޮޒިޓިވް ތިންކިން" އެއްގައި ދިރިއުޅުއްވުން ބައްޓަން ކުރެއްވުމުންނެވެ.

އުތުރު މީހުންގެ ބަޣާވާތަކީ ހަގީގަތުގައި މުހައްމަދު އަމީނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ސިހުމެކެވެ. ނަމަވެސް އެ މަނިކުފާނު ވަރަށް ފަރުވާތެރިކަމާ އެކު ބޭނުންކުރެއްވި ސިޔާސީ އުކުޅުތަކަކުން، ނުރައްކާތެރި ހާދިސާތަކެއް ކުރިމަތި ނުވެ، ބަޣާވާތުގައި ބައިވެރިވި އިސް މީހުން ހައްޔަރުކޮށް، ޝަރީއަތްކޮށް އަދި އަދަބު ވެސް ދެއްވި އެވެ. އުތުރުގެ އެހާ ގިނަ އަދަދެއްގެ ބަޔަކު މާލޭގެ ފަޅުގައި ރުޅިވެރިކަމާ އެކު ތިބުމަކީ، ރައްކާތެރި ކަމަކަށް ނުވާނެތީ މުހައްމަދު އަމީނު މަސައްކަތް ކުރެއްވީ ވީހާ ވެސް އަވަހަކަށް އެ މީހުން ފޮނުވާ ލެއްވޭތޯ އެވެ.

މި ގޮތުން އުތުރުގެ ހުށަހެޅުންތަކަށް އަމަލު ކުރައްވާނެ ކަމަށާއި އަދި ހުރިހާ އެންމެންނަށް މާފު ދެއްވާނެ ކަމަށް، ދެ ފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގައި އަމީނު އެއްބަސްވެ ވަޑައިގަތެވެ.

ސަރުކާރުގެ ހުށަހެޅުންތައް ގަބޫލުކޮށް އުންމީދުތަކެއް އާކުރަމުން އުތުރުގެ މީހުން ވަރަށް އަވަހަށް ފުރައިގެން ހިނގައްޖެ އެވެ. އެކަމަކު އެ މީހުންގެ ތެރޭގައި ނަގާ ކިޔަން ތިބި އިސް ވެރިން މާލޭގައި ބައިތިއްބައިފަ އެވެ. ފަހުން ތަސްވީރު ބަދަލުވެގެން ދިޔައީ މުޅިން އެހެން ކުލައަކަށެވެ. ސަރުކާރާ ވާހަކަ ދެއްކުމަށް މާލޭގައި މަޑުކުރި އުތުރުގެ މަންދޫބުންނާއި ހަމަނުޖެހުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މާލޭގެ ބައެއް މީހުން ސަރުކާރުން ހައްޔަރުކުރި އެވެ.

އުތުރުގެ ބަޣާވާތުގެ މައި މުގޫ ކަމަށް ބެލެވޭ ކުޅުދުއްފުށީ ބޮޑު މުހައްމަދާއި އެ ރަށު ބޮޑު ރުއްދޮށުގޭ މޫސަ އާއި މާޅެންދޫ މުދިން މޫސަގެ އިތުރަށް މާލެ އިން ބައިވެރިވި ކަމަށް ޝައްކު ކުރެވިގެން ހައްޔަރު ކުރީ އިބުރާހިމް ހިލްމީ އާއި ގަލޮޅުގޭ އިބުރާހިމް ދީދީ އަދި އަބްދުﷲ ހިލްމީ އެވެ.

ބައެއް މީހުން ބަނޑޭރި ގޭގައި ބަންދުކޮށް ތަހުގީގު މަރުހަލާ ފެށުނީ ދެ ތިން ދުވަހުގެ ތެރޭގަ އެވެ. މި ތަހުގީގުގައި އެންމެ އިސް ވެރިޔަކަށް ހުންނެވީ ސީދާ މުހައްމަދު އަމީނެވެ. ތަހުގީގުތައް ފުރިހަމަ ކުރެއްވުމަށް އަމީނާ ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުންނަކީ މަހުކަމަތުއް ދާހިލިއްޔާގެ ވަކީލު ވެލާނާގޭ އިބްރާހިމް ދީދީ އާއި މަހުކަމަތުލް އަމަން އާންމުގެ ވަކީލު އެސްޖެހިގޭ ޅަސީދީ އެވެ. މުހައްމަދު އަމީނު ލިޔުއްވާފައިވާ ގޮތުގައި ތަހުގީގުގައި ގާޒީ އާއި ބަންޑާރަ ނައިބު ވެސް ބައިވެރިވެވަޑައިގަތެވެ.

އުތުރުން އުފެދި އުފުލިގެން އައި ގަޑުބަޑުގެ ޝަރީއަތް ކުރުމަށާއި އަދި ޝަރީއަތުގައި ކަނޑައެޅި އަދަބުތައް ދިނުމަށް މަހެއްހާ ދުވަސް ނެގި ކަމަށް ފެންނަން ހުރި ތާރީހީ ލިޔުންތަކުން ސާބިތުވެ އެވެ. އަމީން ލިޔުއްވާފައިވާ ގޮތުގައި އުތުރުގެ ބަޣާވާތުގެ ފަހަތުގައި ތިބި މީހުންގެ ގަސްދަކީ އެ ހިނދު ދިވެހި ދައުލަތް ހިންގަވަން ތިއްބެވި ބައެއް ވެރިން ނައްތާލައި އެހެން ބައެއްގެ މައްޗަށް ދައުލަތުގެ ބާރުތައް ފުރޮޅައިލުމެވެ.

"މި ގަޑުބަޑުގައި މާލޭގެ އިއްޒަތްތެރި ބައެއް ބޭފުޅުންނާއި ރާއްޖޭގެ ރައްޔިތުންގެ ވަރަށް ގިނަ ވެރިން ބައިވެރިވިކަން ސާބިތުވި އެވެ. އެ މީހުންނަށް ނުހަނު ހައްގު ވެގެންވާ އަދަބު ދިނުމުގެ ހިތާމަވެރި ވާޖިބު އަޅުގަނޑުމެން އުފުލަން ޖެހުނެވެ،" އަމީނު ލިޔުއްވާފައިވެ އެވެ.

އުތުރު ބަޣާވާތުގެ ކުށްވެރިންގެ ތެރެއިން އެންމެ އަނިޔާވެރި އަދަބު ލިބުނީ ބަޣާވާތުގެ "މައި ސޯބު" ކަމަށް އަބަދުމެ ބެލެވެމުން އައި އޭރު އުތުރުގެ "ހީރޯއެއް" ކަމަށް ބައެއް މީހުން ބެލި ކުޅުދުއްފުށީ ބޮޑު މުހައްމަދަށެވެ. ދެން ބޮޑު ރުއްދޮށުގޭ މޫސަ އާއި މާޅެންދޫ މުދިން މޫސަ އެވެ. މި އެންމެނަށް ދިން އަދަބަކީ ބުރިން ހަން ނެގުމެވެ. އެ އަދަބު ދިނީ އެ ދުވަސްވަރު ރާއްޖޭގައި އެކަން ކުރާ އެންމެ އަނިޔާވެރި އުސޫލަށް ފައްތައިގެން ކަމަށްވެ އެވެ. އެއީ ތިންފަށް އެއްތެލުން ތަޅައިގެންނެވެ. ތަޅަނީ ބިންމަތީގައި ބަންޑުން ބާއްވައި، ދެ އަތާއި ދެ ފައިގައި ސިފައިންގެ މީހުން ހިފަހައްޓައިގެން ތިބެ އެވެ. އެއްތެލުން ތަޅައި އަހުވަ ދައްކާއިރު ބުރަކައްޓާއި ފިނދުމަހާއި ގައިގެ ތަންތަން ފެޅި، ލޭ އޮހޮރި ހަންގަނޑު އޮޅެންދެން މި ތެޅުން ކުރިޔަށް ގެންދެ އެވެ.

އާންމުކޮށް ދެ ދޮރާށި ދޭތެރޭ، (މިހާރު އިސްލާމީ މަރުކަޒު އެހުރި ތަން) ގިނަ އަދަދެއްގެ މީހުންގެ ކުރިމަތީގައި އެ މީހުންގެ ބުރިން ހަން ނެގީ ޝަރީއަތުން އަތް ދޫކޮށްލިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

އުތުރު ބަޣާވާތުގައި މިއަށް ވުރެ ކުދި އަދަބު ދިން މީހުންނަށް އޮތީ ތައުޒީރު ކުރުމެވެ. އުތުރު ގަޑުބަޑާ ބެހޭ ގޮތުން މައުލޫމާތު އެއްކުރައްވައި ތަފާތު ލިޔުއްވުންތައް ލިޔުއްވާފައިވާ މަރުހޫމް އަބްދުލް ހަކީމް ހުސެންމަނިކުގެ އެއް ލިޔުއްވުމެއްގައި ވިދާވެފައި ވަނީ "އެ މީހުން [ގަޑުބަޑުގެ ބައެއް ކުށްވެރިން] ގެނެސް ދުއްރައިން ތެޅީ ތެޅުމުގެ ބޮޑެތި މާހިރުން ލައްވަ އެވެ. އަދި 30 އެތިފަހަރު އަޅައިލަނީ ފަޅަފަޅައިގެން ދާ ގޮތަށެވެ. އަނބުރައިގެންފައި ތިބޭ މީހުންގެ ދެ ފަރާތުގައި ސިފައިން ހިފަހައްޓައި އެލުވައިގެން ދުއްރައިން ތެޅުމުގެ ތެރޭ ބައެއް މީހުންގެ މައިބަދައިގައި ތަޅައި އުނަގަނޑަށާއި މައިބަދަ އަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އެހެންނަމަވެސް މާލެ އިން ބައިވެރިވި ކަމަށް ބުނާ ކުށްވެރިންނަށް ދިން އަދަބަކީ އަރުވާލުމެވެ."