ކުޅިވަރު

އިންޑިއާ ބޭނުންވިގޮތަށް ސާފް ޗެމްޕިއަންސިޕް ފަސް ކޮށްފި

Jun 10, 2017
3

ބަންގުލަދޭޝްގައި މި އަހަރު ޑިސެމްބަރު މަހު، ބާއްވަން ތާވަލު ކޮށްފައި އޮތް ސަރަހައްދުގެ ފުޓްބޯޅަ މުބާރާތް، އިންޑިއާ ބޭނުންވި ގޮތަށް އަންނަ އަހަރުގެ މެއި މަހު ބޭއްވުމަށް ފަސް ކޮށްފި އެވެ.

ކުރިން ސާފް ޗެމްޕިއަންޝިޕް ފަށަން ހަމަޖހިފައި ވަނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. މުބާރާތް ފަސް ކުރުމަށް އިންޑިއާއިން އެދިފައި ވަނީ މި އަހަރު އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑަކަޕާ ގުޅިގެން، އިންޑިއާގެ ސްޕަ ލީގް މެޗުތައް މެދު ކަނޑާލަން ޖެހޭތީ، އަލުން ޑިސެމްބަރު މަހު ސާފް ޗެމްޕިއަންޝިޕް ކުރިއަށް ދާނަމަ، އަނެއްކާވެސް ދެ ފަހަރަކަށް ލީގް މެޗުތައް މެދު ކަނޑާލަން ޖެހޭނެ ތީ އެވެ.

ސަތާރަ އަހަރުން ދަށުގެ ވޯލްޑް ކަޕް އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ، އޮކްޓޯބަރު 6 އިން 28 ށެވެ. ސާފް ޗެމްޕިއަންޝިޕް މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ، އަންނަ އަހަރު މެއި މަހު އެކަކުން 12 އަށެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ބާއްވާފައި ވަނީ އިންޑިއާގައި، ދެހާސް ފަނަރަ ވަނަ އަހަރު ޑިސެމްބަރު 23 ން 2016 ގެ ޖަނަވަރީ ތިނަކަށް އިންޑިއާގެ، ކެރެލާ ސިޓީގެ ޓްރިވަންޑްރަމް ގައެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ، އިންޑިއާ އެވެ. އަދި އެ ޓީމަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުވެސް މެއެވެ. އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮންނަ ކޯޅުމުގެ އަސަރު، ސާފް ޗެމްޕިއަންޝިޕަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. އެންމެ ފަހުން އިންޑިއާގައި ބޭއްވި މުބާރަތުގައި ޕާކިސްތާން ބައިވެރިވެފަ އެއް ނުވެ އެވެ.

ނަމަވެސް، މިފަހަރު ބަނގުލަދޭޝްގައި ބާއްވާތީ، އެ ދެ ގައުމުވެސް މުބާޜާތުގައި ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.