ކުޅިވަރު

ހަތަރު އަހަރަށް ފަހު އެމްބީއޭއަށް ބަޖެޓެއް ފާސްކޮށްފި

Jun 11, 2017
11

ހަތަރު އަހަރު ފަހުން، ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާއެއް ބާއްވައި ބަޖެޓެއް ފާސް ކޮށްފި އެވެ.

މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި، އަހަރީ އާންމް ޖަލްސާ އަށްފަހު، އެމްބީއޭގެ ނައިބު ރައީސް ހަސަން އިސްމާއީލް އަވަސްއަށް ވިދާޅުވީ، ކޮންމެ އަހަރަކުވެސް އަހަރީ އާންމު ޖަލްސާއެއް ބާއްވައި، ބަޖެޓް ފާސް ކުރުމަށް އަސާސީ ގަވައިދުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ ހަތަރު އަހަރު، އަހަރީ އާންމު ޖަލްސާ ބާއްވާފައި ނުވާ ކަމަށެވެ. އެންމެ ފަހުން އަހަރީ ޖަލްސާއެއް ބޭއްވީ 2013 ވަނަ އަހަރު އެވެ.

ދެން ސުވާލަކީ، މުބާރާތްތައް ބާއްވައި، އެކަމަަށް ހަރަދު ކުރަމުން ގެންގޮސްފައި ވަނީ ކިހިނެއްތޯ އެވެ. އެކަމާ ބެހޭ ގޮތުން، ބާސެކެޓްގައި އިސްކޮށް ހަރަކާތްތެރިވާ އެހެން އޮފިޝަލަކު ބުނީ، ސަރުކާރުންނާއި ސްޕޮންސަރުންގެ އަތުން ލިބޭ ފައިސާއިން ހަރަދު ކުރަމުން ގޮސްފައިވާ ކަމަށާއި ނަމަވެސް، ކުލަބުތަކަށް ދައުވަތު ދީގެން އަހަރީ އާންމު ޖަލްސާއެއް ބައްވައި، ބަޖެޓް ފާސްކޮށްފައި ނުވާ ކަމަށެވެ.

އެމްބީއޭއަށް ވަނީ މިއަހަރުގެ ބަޖެޓުގެ ގޮތުގައި 9160926.52 (ނުވަ މިލިއަން އެއް ލައްކަ ފަސްދޮޅަސް ހާސް، ނުވަ ސަތޭކަ ސައްބިސް ރުފިޔާ ފަންސާސް ދެ ލާރި) ކަނޑައަލާފަ އެވެ.

އޭގެ ތެރެއިން، އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައި ވަނީ، މުބާރާތްތަކަށެވެ. މުބާރާތްތަކަށް، 2.4 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ހަސަން އިސްމާއިލް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ބަޖެޓްގެ ގޮތުގައި ހުށަހަޅާފައިވަނީ އެއް އަދަދެއް ކަމަށާއި މުބާރާތްތައް އިތުރުވެ ހަރަކާތްތައް އިތުރުވި ނަމަވެސް، ބަޖެޓަށް ބަދަލެއް އިސްފައި ނުވާ ކަމަށެވެ.