ބޭރު ކުޅިވަރު

ސްވިޑަންގެ ޑިފެންޑަރު ލިންޑެލޯފް ޔުނައިޓެޑަށް

Jun 11, 2017

ޕޯޗުގަލްގެ ބެންފީކާ އަށް ކުޅެމުންދިޔަ ސްވިޑަންގެ ޑިފެންޑަރު ވިކްޓާ ލިންޑެލޯފް މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލުމަށް ބެންފީކާ އިން އެއްބަސްވެއްޖެ އެވެ.

ލިންޑެލޯފްގެ ޓްރާންސްފާގައި ދެ ކްލަބުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާކަން ޔުނައިޓެޑުން ވަނީ ރޭ ކަށަވަރުކޮށްދީފަ އެވެ. މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ބެންފީކާ އިން ލިންޑެލޯފް ވިއްކާލަން އެއްބަސްވީ 31 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ.

ސްވިޑަންގެ ގައުމީ ޓީމަށް ކުޅެމުންދާ ލިންޑެލޯފް ،22، އަކީ ޔުނައިޓެޑްގެ ކޯޗު ޖޯސޭ މޮރީނިއޯ އަށް ވަރަށް ކަމުދާ ކުޅުންތެރިޔެެކެވެ. ލިންޑެލޯފް ގެންދަން ޔުނައިޓެޑުން މި އަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ވެސް މަސައްކަތްކުރި އެވެ. އެކަމަކު އޭރު ދެ ކްލަބުގެ މެދުގައި އެއްބަސްވުމަކަށް ނާދެވުނެވެ.

ބެންފީކާ އަށް 2012 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ލިންޑެލޯފް އަކީ ކުރިއަށް އޮތް ސީޒަނަށް ޔުނައިޓެޑާ އަަލަށް ގުޅުނު ފުރަތަމަ ކުޅުންތެރިޔާ އެވެ.

މިދިޔަ ސީޒަންގައި ބެންފީކާ އިން ޕޯޗުގަލް ލީގާއި ކަޕް ކާމިޔާބުކުރިއިރު، ލިންޑެލޯފް ވަނީ ޖުމްލަ 47 މެޗުގައި ކުޅެފަ އެވެ.