މިއުޒިކް

އިޝާނާއި ހިޝާންގެ ދެެބެން އީދުގައި ކުޅުދުއްފުއްޓަށް!

ރޯދަމަހަށް ފަހު އަންނަ ކުޑަ އީދު ބަންދަށް ދުވަސް އިތުރު ކުރުމާއެކު އީދު ބަންދަށް ގާތްގަނޑަކަށް ނުވަ ދުވަސް ލިބުނީ އެވެ. ބޮޑު ޗުއްޓީ އެކެވެ. ޗުއްޓީ ހަދާލަން ކޮންމެވެސް ތަނަކަށް ދާން މިހާރު މީހުން ޕްލޭންތައް ފަށައިފި އެވެ. ބައެއް މީހުން އަދިވެސް ދާނެ ތަނެއް ނޭނގިފައި ތިބީ އެވެ. ޕްލޭން ނުހަދާ ތިބި މީހުން މި ފަހަރު އީދަށް ކުޅުދުއްފުއްޓަށް ދާން ކިހިނެއް ވާނެ ހެއްޔެވެ؟ ހާއްސަކޮށް އިޝާން އަދި ހިޝާން ގެ ދެބެން ގެ ފޭނުންނެވެ. އެ ދެބެން މިފަހަރު އީދަށް ދަނީ ކުޅުދުއްފުއްޓަށެވެ.

އީދުގެ ދެވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި އިޝާނާއި ހިޝާންގެ ހާއްސަ ޝޯއެއް އޮންނާނެ އެވެ. ދެބެންގެ ރީތި ލަވަތަކެއް އަޑު އިވުމުގެ އިތުރަށް އިތުރު ހާއްސަކަމެއް ވެސް އެބަ އޮތެވެ. އެއީ އިޝާންގެ އަމިއްލަ އަލްބަމްގެ ބައެއް ލަވަތައް މި ޝޯއިން އަޑުއިވިގެން ދާނެތީ އެވެ.

"އިޝާންގެ އަލްބަމްގެ ގާތްގަނޑަކަށް 50 ޕަސަންޓު ލަވަ އަޑު އިވޭނެ. އެ އަލްބަމް އެކަމު ރިލީޒް ކުރާނީ ޝޯ އަށް ފަހު މާލޭގައި، މިއީ ޕްރީ އޯޕެނިން އެއް" އިޝާން ބުންޏެވެ.

އިޝާންގެ އެ އަލްބަމް ރިލީޒް ކުރާނީ ވީޑިއޯ އެއް ލަވަޔާއެކު އެވެ. އެހެން ލަވަތަކުގެ ވީޑިއޯ ފަހުން ނެރޭނެ ކަމަށް އިޝާން ބުންޏެވެ. އެ އަލްބަމްގައި އަމިއްލަ ރާގުގެ ސޯލޯ ހަތް ލަވަ ހިމެނޭނެ އެވެ.

އެ ޝޯ އަކީ ކުޅުދުއްފުށީގައި ހުންނަ ޕެންޓަގްރާމްގެ ހަތަރު ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ޝޯ އެކެވެ. އެ ޝޯ މުޅި ރަށަށް ހުޅުވާލައިގެން ބާއްވާއިރު ޝޯ ކުރިއަށް ދާ ވަގުތު ހާއްސަ ބާބަކިއު އެއްވެސް އޮންނާނެ ކަމަށް ޝޯ އިންތިޒާމްކުރި ޕެންޓަގްރާމްގެ އޯނަރު އަބްދުﷲ މާހިރު ބުންޏެވެ.

މާހިރު ބުނީ ޝޯ ކުރިއަށް ދާއިރު އެ ފިހާރައިން ވިއްކާ އަންނައުނު 50 ޕަސަންޓު ޑިސްކައުންޓާއެކު ލިބެން ހުންނާނެ ކަމަށެވެ. އަދި މީގެ އިތުރުން ކައިރި ރަށްތަކުގެ މީހުންނަށްވެސް ހާއްސަ ކަމެއް އެބައޮތެވެ. އެއީ ކޮންމެ ރަށަކުންވެސް ޝޯ އަށް 30 މީހުންނަށްވުރެ ގިނަ މީހުން ދާ ކަމަށް ވާނަމަ ދިއުމުގެ ހަރަދާއި ކެއުމުގެ ހަރަދު ޕެންޓަގްރާމް އިން ދޭނެ ނިންމާފައި ވުމެެވެ.

ޕެންޓަގްރާމްގެ އަހަރީ ދުވަސް ފާހަގަކުރަން މީގެކުރިންވެސް ވަނީ ހާއްސަ ކަންތައްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް މިއީ މިފަދަ ގޮތަކަށް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.