ސްޕެއިންގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި، އަލްވާރޯ މޮރާޓާ ރެއާލް މެޑްރިޑް ދޫކޮށް، މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވާން އުޅޭ ވާހަކަތައް ވަނީ ގަދަ ވެފަ އެވެ.
އެހެން ކުޅުންތެރިން، އަރާމު ކުރަން ފުރުސަތު ދޭ މެޗުތަކުގައި ފުރަތަމަ 11 އިން ފުރުސަތު ހޯދާ ކުޅުންތެރިޔަކަށް ވާކަށް، މޮރާޓާ ބޭނުމެއް ނުވެ އެވެ. އޭނާ ރެއާލް މެޑްރިޑް ދޫކޮށްލަން ބޭނުންވާ ކަމަށް، އެ ކުލަބުގައި އެދިފައިވާ ސަބަބަކީ އެއީ އެވެ. މިދިޔަ ސީޒަން ފެށުމުގެ ކުރިން، ޔުވެންޓަސްއިން ރެއާލްއާ އަލުން ގުޅުނު ކުޅުންތެރިޔާއަށް، ރެއާލްގައި ފުރަތަމަ 11 އިން ފުރުސަތު ހޯދުމަކީ އުނދަގޫ ކަމެކެވެ.
އަންނަ ސީޒަންގެ، ޔޫއެފްއާ ޗެމްޕިއަންސް ލީގް ޖާގަ ޔުނައިޓަޑަށް ލިބިފައި އޮތުމުން، އެ ޓީމު ވަނީ، ސްކޮޑު ވަރުގަދަ ކުރުމަށް މަސައްކަތް ފަށާފަ އެވެ. ނިމިދިޔަ ސީޒަންގެ ބޮޑު ބައެއްގައި، އެޓީމުގެ ސެންޓާ ސްޓައިކަރުގެ ރޯލް އަދާ ކުރި، ޒަލްޓާން އިބްރޮހިމްވިޗްގެ ކޮންޓްރެކްޓް އާ ނުކުރުމަށް ޔުނައިޓަޑުން ވަނީ ނިންމާފަ އެވެ. ސެންޓާ ސްޓައިކަރަކަށް ގެނައުމަށް އެ ޓީމުން ބޭނުން ވަނީ މޮރާޓާ އެވެ.
ސްޕެއިންގެ ކުޅިވަރު ނޫސް މާސާއިން ބުނެފައި ވަނީ، ޔުނައިޓަޑްގެ ހަމަލާތަކުގެ، އެންމެ މުހިންމު ކުޅުންތެރިޔަކަށް މޮރާޓާ ގާތު، ޔުނައިޓެޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފައިވާ ކަމަށެވެ.
"އަހަރެން ކައިރިއަށް އާދޭ، ކަލޭތީ މިތަނުގައި [ޔުނައިޓަޑްގައި] ވަރަށް މުހިންމު މީހަކަށް ވާނެ." މޮރީނިއޯ މޮރާޓާ ގާތު ބުނެފައިވާ ކަމަށް މާސާގައި ބުނެފައި ވެއެވެ.
އަދި، ޔުނައިޓަޑް ކުރީގެ ވަރުގަދަ ފޯމަށް ގެންސް ދިނުމަށް، އަންނަ ސީޒަންގެ ފުރަތަމަ ޓާގެޓަކީ ޕްރިމިއާ ލީގް ކާމިޔާބު ކުރުން ކަމަށާއި އަދި ހަމައެޔާއެކު ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުންވެސް މުހިންމު ޓާގެޓް ތެރޭގައި ހިމެނޭކަމަށް، މޮރީނިއޯ މޮރާޓާ ގާތު ބުނެފައި ވެއެވެ.