ސާކް ސަރަހައްދުގެ އެންމެ ނުފޫޒު ގަދަ ގައުމަކީ އިންޑިއާ އެވެ. ކުޅިވަރުގެ ދާއިރާގައި ވެސް، ސާކް ސަރަހައްދުގައި އެންމެ ނުފޫޒާއި ބާރު ގަދަކޮށް ފެންނަނީ އިންޑިއާ އެވެ. ފުޓްބޯޅަ އަކީ އިންޑިއާގައި ނިސްބަތުން މާ މަގްބޫލު ކުޅިވަރަކަށް ނުވިޔަސް، ސަރަހައްދީ ފުޓްބޯޅާގައި އިންޑިއާ އަކީ އެންމެ ކާމިޔާބު ގައުމެވެ. އަދި ސަރަހައްދީ ފުޓްބޯޅަ ޖަމިއްޔާ ސާފްގައި އިންޑިއާގެ ނުފޫޒު ވަރަށް ގަދަ އެވެ. ކުރިން މި އަހަރުގެ ޑިސެމްބަރު މަހު އޮތް ސާފް ޗެމްޕިއަންޝިޕް، އަންނަ އަހަރުގެ މޭ މަހަށް ފަސްކުރުމުން ވެސް އެނގިގެންދިޔައީ ސަރަހައްދީ ފުޓްބޯޅަައިގައި އިންޑިއާގެ ނުފޫޒާއި އެ ގައުމުގެ މުހިންމު ކަމެވެ.
ބަންގްލަދޭޝްގައި މި އަހަރުގެ ޑިސެމްބަރު މަހު ބާއްވަން ޝެޑިއުލްކޮށްފައި އޮތް ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރަން އެދުނީ އިންޑިއާ އިންނެވެ. އެއީ ފީފާގެ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް މި އަހަރު އެ ގައުމުގައި ބޭއްވާތީ، އިންޑިއަން ސުޕަ ލީގު މުބާރާތް ކުރީ އަހަރުތަކަށް ވުރެ ލަހުން ފެށޭތީ އެވެ. ޑިސެމްބަރު މަހު ސާފް ޗެމްޕިއަންޝިޕް ނުކުޅެވޭނެ ކަމަށް ބުނި ހަމައެކަނި ގައުމަކީ އިންޑިއާ އެވެ. ސާކްގައި ދެން ހަ ގައުމުން ވެސް ބޭނުުންވީ ޑިސެމްބަރު މަހު މުބާރާތް ކުޅޭށެވެ. އެކަމަކު "ބޮޑު ބާރު" ބޭނުންވި ގޮތަށް ސާފް އިން ސާފް ޗެމްޕިއަންޝިޕް ފަސްކުރީ އެވެ. ސާފް ޗެމްޕިއަންޝިޕް މޭ މަހަށް ފަސްކުރުމާއި، އިންޑިއާ އިން ވަނީ މުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
17 އަހަރުން ދަށުގެ ވޯލްޑް ކަޕް، އިންޑިއާ އަށް މާ މުހިންމު
ފީފާ 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް މި އަހަރު އިންޑިއާގައި ބޭއްވުމަށް އެ ގައުމުން ތައްޔާރުވަމުންދާތާ އަހަރުތަކެއްވެއްޖެ އެވެ. މިއީ އިންޑިއާ އިން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން، ވަރަށް ފުރިހަމަ އަށް އިންތިޒާމްކުރަން ބޭނުންވާ މުބާރާތެެވެ. މިއީ ފީފާ ވޯލްޑް ކަޕެއް ދެކުނު އޭޝިއާގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ސަތާރަ އަހަރުން ދަށުގެ ވޯލްޑް ކަޕް މި އަހަރު އިންޑިއާގައި ބާއްވާތީ އެ ގައުމުން ވަނީ އިންޑިއަން ސުޕަ ލީގު މުބާރާތް ކުރީ އަހަރުތަކަށްވުރެ ފަސްކޮށްފަ އެވެ. ކުރިން ޑިސެމްބަރު މަހު ސުޕަ ލީގު މުބާރާތް ނިމުނު ނަމަވެސް، މި އަހަރުގެ މުބާރާތް ޑިސެމްބަރު މަހުގެ ނިޔަލަށް ނުނިމޭނެ އެެވެ.
އިންޑިއާގައި ފުޓްބޯޅައިގެ ފޯރި ގަދަކުރުމަށް 2014 ވަނަ އަހަރު ތައާރަފްކުރި އިންޑިއަން ސުޕަ ލީގަކީ ބޮޑު ހަރަދުތަކެއް ކޮށްގެން އެކުލަވާލާފައިވާ ޓީމުތަކެއް ވާދަކުރާ މުބާރާތެކެވެ. އިންޑިއާގެ ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ސުޕަ ލީގުގެ ކްލަބުތަކަށް ކުޅެ އެވެ. އެހެންކަމުން އިންޑިއާ އިން ބޭނުންވަނީ އެ މުބާރާތަށް ފަހު ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށެވެ.
އިންޑިއާ ބޭނުން ގޮތަކަށް ނިންމުންމ އެެހެން ގައުމުތަކަށް ބޭ އިންސާފެއްތަ؟
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފަސްކުރަން ސާފް އިން ނިންމީ އިންޑިއާގެ އެދުމަކަށެވެ. ސަބަބުތަކެއް ނެތިޔެސް ނޫނެވެ. އިންޑިއާއަކީ މި ސަރަހައްދުގެ އެންމެ ބޮޑު ގައުމެވެ. ފުޓްބޯޅައިގައި އެންމެ ފުރުސަތު ބޮޑު ގައުމެވެ. އެހެންކަމުން މުބާރާތް އިންތިޒާމްކުރާ ފަރާތުން ވެސް ބޭނުންވަނީ އިންޑިއާއާއެކު މުބާރާތް ބާއްވާށެވެ. މާކެޓިން ނަޒަރަކުން ބަލާއިރު ވެސް، ސާފްގެ އެންމެ ފަހު ޗެމްޕިއަން އަދި އެންމެ ކާމިޔާބު ގައުމު ކަމަށްވާ އިންޑިއާ ނުލައި މުބާރާތް ކުޅުމަކީ މުބާރާތަށް ލިބޭނެ ހީނަރު ކަމެކެވެ.
ސާފްގެ ކަންތައްތަކުގައި އާންމު ގޮތެއްގައި އެންމެ ގަދަ ބަސް ބުނާ ގައުމަކީ އިންޑިއާ އެވެ. ބޮޑެތި ނިންމުންތަކުގައި ސާފް އިން ބުރަވާނީ އިންޑިއާ އިން ބުރަވާ ކޮޅަކަށެވެ. މިއީ ޒަމާނުންސުރެ މިކަން ހިނގާ ގޮތެވެ. ސާފްގައި ހަތް ގައުމު (އަފްގާނިސްތާން މި ސަރަހައްދުން ވަކިވުމުގެ ކުރިން އަށް ގައުމު) އޮތް ނަމަވެސް، އިންޑިއާ ފިޔަވައި ދެން އޮތް ހަ ގައުމުގެ މާބޮޑު ބާރެއް ސާފްގައި ނޯވެ އެވެ.
މޭ މަހު މުބާރާތް ބާއްވާ ނަމަ، ހުރިހާ ގައުމެއްގެ ކްލަބު ފުޓްބޯޯޅަ ކަލަންޑަރަށް ބަދަލު އަންނާނެ އެވެ. އަދި މޭ މަހަށް އޭއެފްސީ ކަޕްގެ ބައެއް މެޗުތައް ވެސް ޝެޑިއުލްކުރުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، ސާފް ޗެމްޕިއަންޝިޕް މޭ މަހަށް ފަސްކުރުމަކީ ގިނަ ގައުމުތަކުގެ ކްލަބު ފުޓްބޯޅައިގެ ކަލަންޑަރަށް އަސަރު ކުރާނެ ކަމެކެވެ.
"އަސްލު ހަގީގަތަކީ ސާފް އަށް ހުރިހާ ކަމަކަށްވުރެ ބޮޑަށް މުހިންމު އިންޑިއާ އަމަލުކުރާ ގޮތެއް. އެހެން ގައުމުތަކަކީ ސާފް އަށް މާ މުހިންމު ބައެއް ނޫން،" ނޭޕާލް ފުޓްބޯޅައިގެ ތަޖުރިބާކާރެއް ބުންޏެވެ. "އެހެން ގައުމުތަކުގެ ބަހެއް ވެސް ސާފްގައި މުހިންމުވާންޖެހޭ. އަބަދު އިންޑިއާ އަށް ވިސްނައިގެން ނުތިބެވޭނެ."