ފޮޓޯ ނެގުމަކީ މިހާރު ކޮންމެ މީހަކަށް ވެސް ކުރެވޭ އެންމެ އާދައިގެ ކަންތަކެވެ. އެހެންނަމަވެސް ރާއްޖޭގައި އެކަމުގެ ވެސް ފެށުމެއް ވާނެ އެވެ. އެއީ ރާއްޖޭގައި އެއް އިރެއްގައި އެންމެ ބޮޑު އެއް ކަންތަކަށް ވެސް ވެފައި އޮވެދާނެ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފޮޓޯ ނެގުމުގެ މަސައްކަތް ކުރެއްވި ދިވެއްސަކީ މާންދޫގޭ ތުއްތު މަނިއްޕުޅެވެ. އޭނާގެ ކުރިން އެނޫން މީހަކު އެފަދަ ކަމެއް ކުރި ކަމެއް ސާފުވާނެ އެއްވެސް ލިޔެކިޔުމެއް ތާރީހަކުން ނުފެނެ އެވެ.
ފޮޓޯގްރެފީގެ މަސައްކަތް އޭނާ ދަސްކުރެއްވީ ސްރީލަންކާ އިންނެވެ. އެއީ 1898 ގެ ތެރޭގަ އެވެ. މާންދޫގެ ތުއްތުމަނިއްޕުޅު އެ މަސައްކަތް ދަސްކުރައްވައިގެން އެންމެ ފުރަތަމަ ނެންގެވީ އެ މަނިއްޕުޅުގެ މަންމާފުޅުގެ ފޮޓޯފުޅެކެވެ. އޭގެ ފަހުން އެ މަސައްކަތް މާލެ އަށް އާންމު ކުރައްވައި ފޮޓޯ ނެގުމުގެ މަސައްކަތް ފެއްޓެވީ އެވެ. އޭނާގެ ފޮޓޯގްރެފީގެ މަސައްކަތުގައި އެންމެ ހާއްސަ ވައްތަރަކީ ޕޯޓްރެއިޓް ފޮޓޯ އެވެ. ފޮޓޯއަށް ހުއްޓޭނެ ގޮތް ނުވަތަ ފޮޓޯ ޑައިރެކްޝަން ވިދާޅުވެ ދެއްވުމަކީ ވެސް އޭނާގެ ފަންނެކެވެ.
ހަމަ އެ ދުވަސްވަރު އޭނާ އެހެން ފަންނެއްގައި ވެސް ވަރަށް މަޝްހޫރުވެވަޑައިގަތެވެ. އެއީ ރަންރިހީގެ ގަހަނާގެ ފަރުމާ ކުރެއްވުމުގެ ރޮނގުންނެވެ.
ފޮޓޯގްރެފީގެ މަސައްކަތުގެ ތެރެއިން އޭނާ އަށް ލިބިވަޑައިގަތް މަޝްހޫރު ކަމަކީ ރާއްޖޭގައި ދުވަހަކު ވެސް ފޮޓޯގްރާފަރަކަށް ނުލިބޭވަރުގެ މަޝްހޫރު ކަމެކެވެ. އޭގެ ތެރެއިން އޭނާއަށް ވަރަށް ބޮޑު ކުރިއެރުން ލިބިވަޑައިގަތެވެ.
މާންދޫގޭ ތުއްތު މަނިއްޕުޅަކީ ޝާހީ ގޮތުންނާއި ސިޔާސީ ބާރުވެރި ކަމުގެ ގޮތުން ވެސް ވަރަށް މަތީ ދަރަޖައިގެ ބޭފުޅެކެވެ. ހަގީގަތުގައި ދިވެހި ޝާހީ އާއިލާގެ ބޭފުޅުންގެ ތެރެއިން މާންދޫގޭ ތުއްތު މަނިއްޕުޅު އެންމެ ބޮޑަށް ފާހަގަ ކުރަންޖެހޭ އެއް ސަބަބަކީ އެ މަނިއްޕުޅުގެ ބައްޕާފުޅާއި މަންމާފުޅުގެ ފަރާތްޕުޅުން ވެސް ހުރަވީ ޚާންދާނުގެ ބޮޅުފަތީގެ ތެރެއަށް ވަދެގެންދާތީ އެވެ.
މާންދޫގެ ތުއްތުމަނިއްޕުޅުގެ ބައްޕާފުޅަކީ ހުރާ ދޮން މަރުދަރު ފަޑިއްތަކުރުފާނުގެ، ހުސައިން ދަހަރަދަ ތަކުރުފާނުގެ، އަލް ވަޒީރު މުހައްމަދު ފާމުލަދޭރިމަނިކުފާނުގެ، އައްސުލްތާނުލް ޣާޒީ ހަސަންއިއްޒުއްދީނުގެ (ދޮންބަންޑާރައިން) ގެ އައްސުލްތާންހަސަން ނޫރުއްދީނުގެ އައްސުލްތާން މުހައްމަދު މުއީނުއްދީނުގެ އައްސުލްތާން މުހައްމަދު އިމާދުއްދީނު ނުވަތަ މުސްކުޅި ބަންޑާރައިންގެ އަލްއަމީރު ހަސަން އިއްޒުއްދީނު މާންދޫގޭ ބޮޑުދޮށީ މަނިއްޕުޅެވެ.
އޭނާގެ މަންމާފުޅަކީ ހުރާ ދޮންމަރުދުރު ފަޑިއްތަކުރުފާނުގެ އިބްރާހިމް އެދުރުތަކުރުފާނުގެ، އަލީ ބޮޑު މުރީދު ތަކުރުފާނުގެ، ހުސައިން ދޮށިމޭނާ ކިލެގެފާނުގެ، މޫސާ ދީދީގެ، އަހުމަދު ދީދީގެ މާންދޫގޭ ދޮން ދީދީ އެވެ.
މާންދޫގޭ ތުއްތު މަނިއްޕުޅުދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ފެބްރުއަރީ ،5 1877 ގައި ކަނބާފާނުގަނޑުވަރުގަ އެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި އިންނެވި މި މަނިއްޕުޅުގެ ކާފާފުޅު މުސްކުޅިބަންޑާރައިންނެވެ. އެހެންކަމުން އޭނާ އަށް ވަރަށް މަތީ ދަރަޖަތަކެއް އޭރު އޮތީ ހާއްސަވެފަ އެވެ.
އެގޮތުން ރަސްކަލެއްގެ ފުރިހަމަ އިއްޒަތުގައި ރަސްކަމުގެ ގަނޑުވަރުގައި މާންދޫގޭ ތުއްތު މަނިއްޕުޅުގެ ޅަފުރާގެ ދުވަސްތައް ހޭދަކުރެއްވި އެވެ.
ހިތާނު ކުރެއްވުމާއި، ދަސްވިދާޅުވުމާއި ކަނޑު ބޭރު ކުރެއްވުމާއި ކައިވެނި ކުރެއްވުން ފަދަ ހުރިހާ ކަމެއް މާންދޫގޭ ތުއްތު މަނިއްޕުޅު ކުރައްވާފައި ވަނީ ރަސް ދަރިކަލެއްގެ ފުރިހަމަ ބާރާއި އިއްޒަތުގައި އެންމެ މަތީ ދަރަޖައިގަ އެވެ.
މާންދޫގޭ ތުއްތު މަނިއްޕުޅުގެ ކާފާފުޅަށް ފަހު ރަސްކަން ކުރެއްވީ އެ މަނިއްޕުޅުގެ ބޮޑުބޭބޭފުޅު ކަމުގައިވާ ނޫރައްދީނު ބަންޑާރައިންނެވެ. އެއަށްފަހު ތުއްތު މަނިއްޕުޅާ އެއްބަފާ ބޭބޭފުޅަކު ކަމުގައިވާ މުހައްމަދު މުއީނުއްދީނު ދޭއް ރަސް ކަމަށް އިސްކުރެވުނެވެ.
ތުއްތު މަނިއްޕުޅާ އެއްބަނޑު އެއްބަފާ ދެ ބޭފުޅަކީ ހާޖީ އިމާދުއްދީނު ރަދުންނާއި މާންދޫގޭދޮށީ މަނިއްޕުޅެވެ. އެހެންކަމުން ޖުލައި ،20 1895 ގައި ހާޖީ އިމާދުއްދީނުގެ ރަސްކަން ފެށުމާއެކު މި ރަސްކަން މަޝްހޫރު ވެފައި ވަނީ މާންދޫގޭ ރަސްކަމުގެ ގޮތުގަ އެވެ.
މިކަން މިހެން ވަނީ ހާޖީ އިމާދުއްދީނު ރަށުން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ރަސްކަން ހިންގަވަން ގާއިމު މަގާމެއްގެ ގޮތުން ހަވާލު ކުރައްވަނީ ދޮށީ މަނިއްޕުޅާއި ނުވަތަ ތުއްތު މަނިއްޕުޅަށެވެ. ހުރިހާ ބާރުވެރި ކަމެއް އެ ދެ ބޭފުޅުންނަށެވެ.
މީލާދީން 1901 ގައި ކުރެއްވި މަޝްހޫރު ހައްޖު ދަތުރުފުޅަށް މާލެ އިން ފުރާ ވަޑައިގަތުމުން ދިވެހި ރަސްކަން ހިންގަވަން ރަދުންގެ ގާއިމު މަގާމެއްގެ ހުންނެވީ މާންދޫގެ ތުއްތު މަނިއްޕުޅެވެ. ހަމައެއާއެކު ރަދުންގެ އަރިހުގައި އެ ފަހަރުގެ ދަތުރުފުޅުގައި މާންދޫގެ ދޮށީ މަނިއްޕުޅު ގެންދެވި އެވެ.
ހާޖީ އިމާދުއްދީނުގެ ރަސްކަން 1903 ގައި ބަދަލުވީ ފަހުން ރާއްޖެ ދޫކުރައްވައި ސްރީލަންކާ އަށް ވަޑައިގެންނެވޭތޯ މާންދޫގޭ ތުއްތުމަނިއްޕުޅު މަސައްކަތް ކުރެއްވި އެވެ.
މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އަހަރުތަކަކަށް ފަހު ސްރީލަންކާ އަށް ވަޑައިގެންނެވޭ ގޮތް ވީ 1926 ގައެވެ. އެއަށްފަހު އެ މަނިއްޕުޅު މާލެ ވަޑައިގަތީ 1937 ގައެވެ. އެއީ އަލްއަމީރު ހަސަން ފަރީދުދީދީ ވަޒީރުއް ދާހިލިއްޔާގެ ގޮތުގައި ހުންނަވައިގެން ދިވެހި ގައުމު ހިންގެވި ދުވަސްވަރު އެވެ. އޭރު ވެސް މާންދޫގެ ތުއްތު މަނިއްޕުޅުވީ އެންމެ ބޮޑު ބާރުވެރި ފަރާތަށެވެ. ސަބަބަކީ ހަސަން ފަރީދު ދީދީ އޭރު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ތުއްތުމަނިއްޕުޅުގެ ދަރިކަނބަލުން ރުގިއްޔާ ނުވަތަ ތުއްތު ދޮންގޮމާ އާ އެވެ. އެ ފަހަރު ތުއްތުމަނިއްޕުޅު މާލެވަޑައިގެން ހުންނެވީ ވަރަށް މަތީ އިއްޒަތުގައި އުތުރުގަނޑުވަރުގަ އެވެ.
މާންދޫގޭ ތުއްތު މަނިއްޕުޅު ތިންބޭފުޅަކާ ކާވެނި ބައްލަވައިގަތެވެ. ދެއަނބިކަނބަލުންގެ ފަރާތްޕުޅުން އަށް ބޭފުޅުންލިބިވަޑައިގަތެވެ.
ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އަންނަބީލު އަބްދުލް ވައްހާބު މަނިއްޕުޅާއި އަންނަބީލާ ރުގިއްޔާ މާންދޫގޭ ތުއްތުދޮން ގޮމާ ހިމެނިވަޑައިގަންނަވަ އެވެ.
މާންދޫގޭ ތުއްތު މަނިއްޕުޅު އަވަހާރަވީ މޭ ،9 1946 ގައެވެ. ފަސްދާނު ވެޑުވުނީ ފުރިހަމަ ޝާހީ އިއްޒަތުގައި ހުކުރު މިސްކިތު ގަބުރުސްތާނުގަ އެވެ.