މީހުން

ކޮފީން ހިތި ކަނޑުވައި ތަފާތު ބުނެދިން ޒުވާނާ

ކޮފީއޭ ބުނެފިނަމަ އޭގެ ވަހާއި ރަހަ ގަނޑު މަތިން އެންމެ ފުރަތަމަ ވެސް ހަނދާން ވާނެ އެވެ. ކޮފީ ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ ހިތި ރަހައާއެކު ނިދި ފިލުވައިލުމަށް ބޯލާ އެއްޗެއްގެ ގޮތުގަ އެވެ. އެކަމަކު އެއީ ކުރީގަ އެވެ. ކޮފީ އަކީ ކޮންމެހެން ހިތިރަހަ ލާންޖެހޭ އެއްޗެއް ނޫނެވެ. ބޮނީ ނިދި ފިލުވަން އެކަންޏެއް ވެސް ނޫނެވެ. ކޮފީގެ އާ ރަހަތަކާއި އާ ތަޖުރިބާތައް ވަނީ ތައާރަފްވެފަ އެވެ. މިކަން ދިވެހިންގެ ތެރެއަށް ތައާރަފުވެގެން އައީ ދިވެހި، ހީވާގި ޒުވާނެއްގެ މަސައްކަތުންނެވެ. އެއީ އަހުމަދު މުހައްމަދު (އަފްރާހު) އެވެ.

ދުނިޔޭގެ އެކިއެކި ގައުމުތަކަށް ޒިޔާރަތްކުރުމުގެ ތެރެއިން އަފްރާހާއި އޭނާގެ އަންހެނުންނަށް ކުރެވުނު ކޮފީގެ އާ ތަޖުރިބާތައް ރާއްޖެއަށް ގެނެސް، އެ ރަހަތައް ދިވެހިންގެ އަރު ތެރެއަށް ތައާރަފު ކޮށްދިނީ އެ ދެމަފިރިން އުފެއްދި ކުންފުނި، ކޮފީ ލެބް މޯލްޑިވްސް އެވެ. ސްޕެޝަލިޓީ ކޮފީ ރާއްޖެއަށް ގެނެސް ވައިގަ ހިއްޕާލީ އެ ކުންފުނިންނެވެ. އެއީ ރާއްޖެ ކުރިން އާއްމު ނުވާ ކޮފީގެ އާ ތަޖުރިބާއަކަށް ކިޔާ ނަމެވެ. އެކި ދުނިޔޭގެ ގައުމުތަކުގައި އުފައްދާ އެންމެ ކޮލިޓީ ކޮފީގެ ރަހަ ތަޖުރިބާ ކޮށްލުމެވެ. އެއްކަލަ ހިތި ރަހަ ނުލާ ކޮފީ ދިވެހި ފަސްގަނޑަށް އައީ އެވެ.

ސްޕެޝަލްޓީ ކޮފީއަކީ ވަކި ސްޓެންޑަޑް ޕްރޮޓޮކޯލް އެއްގެ ދަށުން ކޮފީ ބީންތައް، "ކިއު ގްރޭޑާސް" ލައިސެންސް ލިބިފައިވާ އެކަމަށް ހާއްސަ ތަމްރީނުތައް ލިބިފައިވާ މާހިރުން ދަރަޖަކޮށް، 80 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބޭ ކޮފީ ބީންތަކުން ހަދާ ކޮފީ އެވެ. މީގެ އިތުރުންވެސް ސްޕެޝަލްޓީ ކޮފީގެ ދާއިރާގައި ހާއްސަ ކަންތައްތަކެއް އެކުލެވެ އެވެ. އެގޮތުން ކޮފީ ހައްދާފައިވާ ގައުމު، ދަނޑު، އެލެވޭޝަން، ކޮފީގަހުގެ މުޑުވައް އަދި ޕްރޮސެސް ކޮށްފައިވާ މެތަޑް ވެސް އެނގެން ހުރެއެވެ.

ކޮފީ ރޯސްޓް ކުރުމުގައި އަންދާލުމުގެ ބަދަލުގައި އެ ކޮފީއެއްގެ އެންމެ ފުރިހަމަ ރަހަތައް ނުކުންނަ ގޮތައް ވަރަށް ފަރުވާތެރި ކަމާއެކު ރޯސްޓް ކުރެއެވެ. މި ކޮފީ ތައްޔާރުކުރާ ބަރިސްޓާއިންނަކީ ފަންނީ ހުނަރު ހޯދައިގެން ތިބޭ މީހުންނެވެ. އެންމެ ތާޒާ ރަހަތަށް ފޯރުކޮށްދިނުމަށްޓަކައި ރޯސްޓް ކުރާ ދުވަހުން ފެށިގެން މަދު ހަފްތާތަކެއްގެ ތެރޭގައި ބެނުންކުރެއެވެ. ދަނޑުވެރިންނާއި ހަމައިން ފެށިގެން ކޮފީތަށި ތައްޔާރުކުރާ ހިސާބާއި ހަމައަށް މި މަސައްކަތުގައި އެކުލެވޭ ހުރިހާ ފަރާތެއްވެސް އެ ކޮފީއެއްގެ އެންމެ ފުރިހަމަ ރަހަ ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި މިދާއިރާގެ އެންމެ ފުރިހަމަ އިލްމާއި ހުނަރު ބޭނުން ކުރެއެވެ.

"ކިއު ގްރޭޑާޒް" ލައިސެންސަކީ އާދައިގެ މީހަކަށް ލިބޭ އެއްޗެއް ނޫނެވެ. އެ ލައިސެންސް ލިބެނީ ކޮފީގެ ރަހަ އާއި ވަސް ބަލައި ވަކި ކަންތައްތަކެއް ފާހަގަކުރަން އެނގޭ މިންވަރަށް މީހާ ތަމްރީނުވެގެނެވެ. މުޅި ދުނިޔޭގައި ވެސް އެ ލައިސެންސް އޮންނަ މަދު މީހުންގެ ތެރޭގައި އަފްރާހު ހިމެނެ އެވެ. އެ ދިވެއްސެކެވެ. ރާއްޖެއަށް ވެސް އެއީ ބޮޑު ފަހުރެކެވެ.

"ވަރަށް ބޮޑަށް ޓްރެވެލް ކުރަން ފުރުސަތު ލިބުނު، ކޮފީގެ ވަރަށް ތަފާތު އެކްސްޕީރިއެންސް ތަކެއް ކޮށްލެވުނު، ވަރަށް އިންޓްރެސްޓިން ތަޖުރިބާއަކަށްވި، ތަފާތު ވަރަށް ބޮޑަށް ފާހަގަކުރެވި އެޕްރިޝިއޭޓް ކުރެވުނު، ހާއްސަކޮށް ސްޕެޝަލިޓީ ކޮފީއަށް ޝައުގުވެރިވީ އޭގަ ވަރަށް ބައިވަރު ހުނަރު އެކުލެވިގެންދާތީ، މި އިންޑަސްޓްރީއަކީ ވަރަށް ގުޑް ވެލިއުސް އާއި އެތިކްސް ގެންގުޅޭ ދާއިރާއަކަށް ވެފައި ވަރަށް ޕެޝަނޭޓް ކަމާއެކު ކޮށްލެވޭ މަސައްކަތަކަށްވާތީ އެކަން ފެށިގެން އައީ، ދިވެހިންނަކީ ވަރަށް ކޮފީބޯ ބަޔަކަށް ވުމާއެކު މިއީ ދިވެހިންނަށް ވަރަށް ކަމުދާނެ ތަޖުރިބާއަކަށް ވާނެކަމަށް ފެންނާތީ ، އަދި އަމިއްލަ ކަމެއް ކުރުމުގެ ގޮތުން އެކަން ފެށުނީ،" އަފްރާހު ބުންޏެވެ.

މި އާ ތަޖުރިބާ ދިވެހިންނާ ހަމައަށް އައީ އަފްރާހު ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތްތަކެއްގެ ތެރެއިންނެވެ. ގިނަ ތަޖުރިބާތަކާއި ތަމްރީނުތަކެއްގެ ވެސް ތެރެއިންނެވެ. އެކަމަށް އަޒުމު ކަނޑައަޅައި، އޭނާ ވަނީ ކޮފީ ވަރަށް ބޮޑަށް ދިރާސާކޮށް، އޭގެ ރަހަތައް ބަލާފަ އެވެ. އެކަމަށް އަހަރެއްހާ ދުވަހު އުޅެފަ، ދެން ދިޔައީ ބޭރަށް ކޮފީ ޓްރެއިނިންތަކަށެވެ. އެގޮތުން އެމެރިކާ، ސިންގަޕޫރް އަދި ދުބާއީގައި އޭނާ ވަނީ ތަމްރީނުތައް ހަދައި، ކޮފީގެ މާހިރަކަށްވެފަ އެވެ.

ފުލުހުންގެ ފޮރެންސިކް ސާވިސަސް ގައި ކްރައިމް ސީން އިންވެސްޓިގޭޝަން އޮފިސަރެއްގެ ވަޒީފާގައި މަސައްކަތް ކުރުމަށްފަހު މެލޭޝިއާއިން ފޮޓޯގްރަފީ ކިޔެވުމަށްފަހު ވީޑިއޯ އެންޑް އިމޭޖް އެނަލިސްޓް އެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. އަމިއްލަ ކުންފުނި އުފެއްދުމަށްޓަކައި، ފުލުހުންގެ ވަޒީފާއިން އޭނާ ވަކިވީ 2014 ވަނަ އަހަރުގެ ފަހު ކޮޅު އެވެ. އަމިއްލަ މަސައްކަތެއް ފަށައި، އެއީ އާއިލާއަށް ވެސް އެންމެ ފައިދާހުރި ގޮތް ކަމަށް ދެކިގެންނެވެ.

"ދިރިއުޅުމަށް ކުރަން ބޭނުން ވަނީ ޕެޝަން ހުންނަ، ވީހާވެސް އެކަމެއްގައި ކުރިއަރައިގެން ދެވޭނެކަހަލަ ކަމެއް، އެހެން ނޫނީ ވަނީ ޖޮބަކަށް، ފުލުހުންގެ ވަޒީފާގައި ކުރިމަސައްކަތްވެސް ވަރަށް ކުރާހިތްވި އެކަމަކު ވެސް ދިގު މުއްދަތަކަށް ބަލާނަމަ އާއިލާއަށް އެންމެ ރަނގަޅު ގޮތަކީ މިއީ ކަމަށް ފެންނާތީ މިކަން ފެށީ،" އަފްރާހު ބުންޏެވެ.

ކުންފުނި އުފައްދައި ފުރަތަމަ ކޮޅުގައި ކޮފީ ރޯސްޓް ކުރުމުގެ އެންމެ ފުރިހަމަ ހުނަރާއި އާލާތްތައް ނެތުމުގެ ސަބަބުން ބޭރުން ސްޕެޝަލިޓީ ކޮފީ ގެނެސް، ބައެއް ކޮފީ ޝޮޕްތަކަށް ތަމްރީނާއި އެކު ކޮފީ ފޯރުކޮށްދެން ފެށި އެވެ. އެއަށްފަހު 2015 ވަނަ އަހަރު ފެބްރުއަރީ މަހުގައި ކުންފުނީގެ ފުރަތަމަ ކޮފީ ޝޮޕް، ފެމިލީ ރޫމް، ހުޅުމާލޭގައި ހުޅުވި އެވެ. އެ ކޮފީއަކީ ނޫނީ އެ ތަޖުރިބާއަކީ އާ ކަމަކަށްވީމަ ފުރަތަމަ އެ ކޮފީ ޝޮޕް ހިންގީ، ޑޮނޭޝަން ބޮކްސް އެއް ބަހައްޓައިގެންނެވެ. ވަކި އަގެއް ކަނޑައަޅައިގެން ބިލުހަދައިގެންނެއް ނޫނެވެ. އެގޮތަށް 10 މަސް ދުވަހު ހިންގި އެވެ. ރެގިއުލާ ކަސްޓަމަރުންތަކެއް އުފެދިގެން އައެ އެވެ. އަމިލައަށް ޑިއުޓީ ކުރަމުން، ތަނަށް އަންނަ ހުރިހާ ކަސްޓަމަރުންނާއި ވާހަކަދައްކައި ސްޕެޝަލްޓީ ކޮފީއާބެހޭ މައުލޫމާތު ހިއްސާކޮށް ކުރި ބުރަ މަސައްކަތުގެ ސަބަބުން ސްޕެޝަލިޓީ ކޮފީއަކީ ކޮން އެއްޗެއްކަން އެނގި، އެއަށް ހިތް ޖެހުމުން ކޮފީ ޝޮޕެއްގެ ގޮތުގައި ތަން ހިންގަން ފެށި އެވެ.

ފެމިލީ ރޫމް ހިނގައިގަންނަން ފެށުމާއެކު ދެން އަފްރާހް މަސައްކަތް ކުރީ އަމިއްލައަށް ކޮފީ ރޯސްޓް ކުރުމުގެ ހުނަރާއި އާލާތްތައް ހޯދުމުގެ މަސައްކަތެވެ.

"ސްޕެޝަލްޓީ ކޮފީ ރޯސްޓް ކުރުމަކީ ވަރަށް ބޮޑު އިލްމަކާއި ހުނަރެއް ބޭނުންވާ ކަމެއް، ހާއްސަކޮށް ކޮންސިސްޓެންޓް ކޮށް ރޯސްޓް ކުރަން ދަސްކުރުމަކީ ވަރަށް މުހިއްމު ކަމެއް، އެހެންވީމަ ފުރަތަމަ މަދުމަދުން އަމިއްލައަށް ރޯސްޓް ކުރަމުން ފެމިލީ ރޫމްގައި އެކަނި ސާވް ކުރީ،"

މިހާރު 'ކޮފީ ލެބް މޯލްޑިވްސް' ބްރޭޑް ގައި މާލޭގެ ބައެއް ކެފޭތަކާއި ބައެއް ރިސޯޓްތަކަށް ދަނީ ކޮފީ ބީންސް ސަޕްލައި ކުރަމުންނެވެ.

"ވަރަށް ބޮޑަށް ދެކެން ބޭނުންވޭ ދިވެހި ބްރޭންޑްތަކަށް ރާއްޖޭގެ ކޮފީ މާކެޓްގަ ޖާގަ ލިބުން، މިގޮތުން މެރާކީ އަދި ސިވިލް ކޮފީ ސޮސައިޓީ އަކީވެސް ސްޕެޝަލްޓީ ކޮފީ ދާއިރާގައި ހިމެނޭ ދިވެހިން، ބޮޑެތި ބޭރުގެ ފްރެންޗައިޒްތައް ގެނައުމުގެ ބަދަލުގަ، 100 ޕަސެންޓް ދިވެހި ކުންފުނިތަކަށް އިންޑަސްޓްރީގަ ގިނަ ފުރުސަތު ލިބުމަކީ އެދުމެއް،" އަފްރާހު ބުންޏެވެ. "އެ ހުނަރު ހުރި ދިވެހިން އެބަތި، ޕެޝަންއާއެކު އެކަން ކުރާ ދިވެހިން އެބަތިބި، އެހެންވީމަ ދިވެހިންނަށް މިކަން ނުވާނެ ސަބަބެއް ނެތް،"

ނަމަވެސް އަތުން ކޮންޓްރޯލް ނެއްޓި، ބްރޭންޑްގެ ކޮލެޓީއަށް އަސަރުކުރާހާ ބޮޑު ފްރެންޗައިޒްއެއްފަދަ ކުންފުންޏަކަށް ކޮފީ ލެބް މޯލްޑިވެސް ހެދުމުގެ ވިސްނުމެއް އަފްރާހުގެ ނެތެވެ. އަފްރާހު ގަބޫލުކުރާ ގޮތުގައި އެފަދަ ތަންތަނަކީ ވަކި މިނެއްގައި ހިފަހައްޓަންޖެހޭ ތަންތަނެވެ. ކޮލިޓީ، އެއްގޮތެއްގަ ހިފެހެއްޓޭނީ އޭރަށެވެ. މީގެއިތުރުން އޭނާއަކީ ދިރިއުޅުން ވަރަށް ބޮޑަށް ބެލެންސްކޮށްގެން އުޅެން ބޭނުންވާ މީހެކެވެ. ގިނަ ފައިސާ ހޯދުމަށް އަބަދު މަސައްކަތްކުރުމުގެ ބަދަލުގައި އާއިލާ އާއި އަމިއްލަ ސިއްހަތާއި އެހެނިހެން މުހިއްމު ކަނތައްތަކަށް އެއްވަރެއްގެ ވަގުތު ދޭން އޭނާ ބޭނުންވެ އެވެ.

"އެ ބެލެންސް ކަޓައިގެން ދިޔައީމަ ލައިފް އިންނަނީ ހަމައެކަނި ލާރި ހޯދުމާއި ކެއުމާއި ނިދުމަށް، އެހެން ކަންކަން ވެސް އެންޖޯއި ކުރަންޖެހޭ،" އަފްރާހު ބުންޏެވެ.

އަފްރާހުގެ އަނެއް އަމާޒަކީ ވީހާވެސް ގިނަ ދިވެހިން މި އިންޑަސްޓްރީއަށް ނެރުމެވެ. މިހާރު ވެސް އެތަނުގައި ގިނައިން މަސައްކަތް ކުރަނީ ދިވެހިންނެވެ. ދިވެހިންނަކީ ދިރިއުޅުމުގެ ހަރަދު ބޮޑު ބަޔަކަށްވާތީ ހަމައެކަނި އެ މަސައްކަތް ކޮށްގެން އުޅޭ ވަރުގެ މުސާރައާއި އިނާޔަތްތައް ވެސް ތަނުގެ މުވައްޒަފުންނަށް ދެއެވެ. ނަމަވެސް ސާވިސް އިނޑަސްޓްރީއަށް ޒަމާނުންސުރެ ދިވެހިންގެ މެދުގައި ލޭބަލްވެފައި އޮތް ގޮތުން ދިވެހިން ލިބުން އުނދަގޫވެ، މަދުން ނަމަވެސް ބޭރު މީހުން ގެންގުޅެން ވަނީ ޖެހިފަ އެވެ. ދިވެހިން މި ދާއިރާއަށް ނެރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީ ހިންގާ ދަސްވާރު ޕްރޮގްރާމްގެ ދަށުން ވެސް ޅަ ކުދިން ގެންދަނީ ތަމްރީނު ކުރަމުންނެވެ. އެ ހަމަސް ދުވަހުގެ ތެރޭގައި ބަރިސްޓާއެއްގެ ގޮތުގައި ގިނަ ހުނަރުތަކެއް އެ ކުދިންނަށް ދަސްކޮށްދެ އެވެ. މީގެ އިތުރުން ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ގެ ކޯސްތަކުގައި އަފްރާހް ދަނީ އެއްވެސް އުޖޫރައެއް ނެތި ކިޔަވައި ދެމުންނެވެ.

މީހުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް ޝައުގުވެރިވާ އަފްރާހަކީ ކަސްޓަމަރުންނާ ވަރަށް ގުޅޭ ރަހުމަތްތެރިއެކެވެ. ކޮފީގެ ވާހަކަތައް ކަސްޓަމަރުންނާ ހިއްސާކޮށް، އާ ތަޖުރިބާތައް ކަސްޓަމަރުންނަށް ކޮށްދެނީ ހިނިތުންވުމާއެކު އެވެ. އަފްރާހުގެ ކޮފީ ޝޮޕް އެހާ މަގުބޫލު އެއް ސަބަބަކީ އެއީ އެވެ. އަނެއް ސަބަބަކީ ޝައްކެއް ވެސް ނެތް ގޮތުގައި ކޮފީގެ މީރު ރަހަ އެވެ. ތަނުގެ މުވައްޒަފުންނަށް ވެސް އަފްރާހު ދަސްކޮށްދީފައިވަނީ ކަސްޓަމަރުންނާ ވީހާވެސް ބޮޑަށް ގުޅިގެން ހިދުމަތް ދިނުމަށެވެ.

އަފްރާހު ފާހަގަ ކުރިގޮތުގައި ޒުވާން އުމުރުގައި އާ ކަމެއް ފަށައި، ކާމިޔާބުކަމާއެކު ކުރިއަށް ދިޔުމުގައި އޭނާގެ އަންހެނުންގެ ދައުރު ވަރަށްވެސް ބޮޑެވެ. ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ އޭނާގެ އަންހެނުން ގެންދަނީ ކުންފުނީގެ ފައިނޭންސް ކަންކަން ބަލަހައްޓައި ހުރިހާ ގޮތަކުން އަފްރާހަށް އެހީވަމުންނެވެ. އޭގެ އިތުރަށް އަފްރާހަށް ސިންގަޕޫރްގެ ރަހުމަތްތެރިއެއްގެ ފަރާތުން ބޮޑު އެހީތެރިކަމެއް ދަނީ ލިބެމުންނެވެ. އަފްރާހުގެ ޓީމަކީ ވެސް ވަރަށް މަސައްކަތް ކުރާ ހިތުން އެކަން ކުރާ ޓީމެކެވެ. އަފްރާހުގެ ކާމިޔާބީގެ ފަހަތުގައި އެ ޓީމުވެސްވެއެވެ.

"މިތަނަށް އަންނަ ކަސްޓަމަރުންގެ ފަރާތުން، ހާއްސަކޮށް އާދައިގެ މަތިން އަންނަ ކަސްޓަމަރުންގެ ފަރާތުންވެސް ވަރަށްބޮޑު ހިތްވަރެއްލިބޭ، އެހެންކަމުން އެ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" އަފްރާހް ބުންޏެވެ.

އަދިވެސް ކަސްޓަމަރުން ހިތް އުފާކޮށްދީ، އާ ކަންކަން ތައާރަފްކުރުމަށް އަފްރާހު ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. އެގޮތުން ކޮފީ ލެބް މޯލްޑިވްސް ގެ ރޯސްޓްރީ އާއިއެކު ވަރަށް ހާއްސަ ތަނެއް ވަރަށް އަވަހަށް ހުޅުމާލޭގައި ހުޅުވާނެ އެވެ. އަދި އަފްރާހް ބުނި ގޮތުގައި މިއަހަރު ތެރޭގައި، ފުރަތަމަ ފަހަރަށް ދިވެއްސެއް އިންޓަނޭޝަނަލް ކޮފީ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ތައްޔާރިތަކެއް ވަމުން އެބަ ގެންދެއެވެ.

ކޮފީގެ މިފަދަ މާހިރަކަށްވެ، އޭނާ ރާއްޖެއަށް ގެނެސްދީފައިވާ މި އާ ތަޖުރިބާއަކީ ހަމަގައިމުވެސް ތައުރީފު ހައްގު މަސައްކަތެކެވެ. ދިވެހިން ފަހުރުވެރިވުން ވެސް ހައްގު މަސައްކަތެކެވެ.