ބޭރު ކުޅިވަރު

އިންގްލެންޑް 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފި

Jun 12, 2017

ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ރޭ ވެނަޒުއޭލާ އަތުން 1-0 އިން މޮޅުވެ، އިންގްލެންޑް 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފި އެވެ. މިއީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އިންގްލެންޑަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑަށް ލަނޑު ޖަހައިދިނީ އެވަޓަންގެ ފޯވަޑް ޑޮމިނިކް ކެލްވާޓް ލުވިން އެވެ.

މެޗުގެ ދެވަނަ ހާފުގައި ވެނަޒުއޭލާ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އަޑަލްބާޓޯ ޕެނަރަންޑާ ފޮނުވާލި ޕެނަލްޓީ އިންގްލެންޑްގެ ގޯލްކީޕަރު ފްރެޑީ ވުޑްމަން ވަނީ ދިފާއުކޮށްފަ އެެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ދޭ ގޯލްޑަން ބޯލް އެވޯޑް ލިބުނީ ޗެލްސީން ދާދި ފަހުން ލިވަޕޫލަށް ބަދަލުވާން ނިންމާފައިވާ ޒުވާން ފޯވަޑް ޑޮމިނިކް ސޮލާންކޭ އަށެވެ. މި އެވޯޑް މީގެ ކުރިން ހޯދި ކުޅުންތެރިންގެ ތެރޭގައި ލިއޮނެލް މެސީ، ޕޯލް ޕޮގްބާ، ސާޖިއޯ އަގުއޭރޯ އަދި ލުއިސް ފީގޯ ހިމެނެ އެވެ.

ވިހި އަހަރުން ދަށުގެ ވޯލްޑް ކަޕަކީ އެންމެ ބޮޑު ބައިނަލްއަގުވާމީ ޔޫތު މުބާރާތެވެ. މި މުބާރާތުން ވިދާލި އެތައް ކުޅުންތެރިންތަކެއް ވަނީ ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނަށްވެފަ އެވެ. ބާސެލޯނާގެ ފޯވަޑް މެސީ އަކީ 2005ގެ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް އާޖެންޓީނާ ހޯދިއިރު، އެ ޓީމުގެ ތަރި އެވެ. އަދި ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ފީގޯ ވަނީ 1989 އަދި 1991 ވަނަ އަހަރުގެ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވިދާލައިފަ އެވެ.