ވިޔަފާރި

ރާއްޖޭގެ ބައިވެރިވުމާއެކު ކުންމިން ފެއާ ފަށައިިފި

ރާއްޖޭގެ ބައިވެރިވުމާއެކު، މި އަހަރުގެ ކުންމިން އެކްސްޕޯޓް އެންޑް އިމްޕޯޓް ފެއާ ޗައިނާގައި މިއަދު ފަށައިފި އެވެ.

ޗައިނާގެ ކުންމިންގައި ކުރިއަށްދާ މި އަހަރުގެ ފެއާގައި ރާއްޖޭގެ ހަތަރު ކުންފުންޏަކުން ބައިވެރިވެފައި ވެއެވެ. މި ކުންފުނިތަކުން ދިވެހި ގިނަ އުފެއްދުންތަކެއް ފެއާގައި ބަހައްޓައި ވިއްކާ އަދި އިޝްތިހާރު ކުރާނެ އެވެ.

ކުންމިން ފެއާގައި ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު އެވެ. މީގެ އިތުރުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުންތާޒު ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ކުންމިން ފެއާގައި އޭޝިޔާ ސަރަހައްދުގައި މި ގޮތަށް ބާއްވާ އެންމެ ބޮޑު އެއް ފެއާ އެވެ. މިދިޔަ އަހަރު ކުންމިން ފެއާގައި ރާއްޖޭން ބައިވެރި ވެފައިވަނީ ކަންޓްރީ އޮފް އޮރިޖިންގެ ގޮތުގަ އެވެ. މިދިޔަ އަހަރު 9،000 އަށް ވުރެ ގިނަ އުފެއްދުން ފެއާއަށް ގެންގޮސްފައިވެ އެވެ.

ކުންމިން މި އަހަރުގެ ފެއާގައި 4،000 އަށްވުރެ ގިނަ ކުންފުނިން 8،000 ސްޓޯލެއް ބަހައްޓާފައިވެ އެވެ. މިގޮތުން ފެއާގައި ޗައިނާގެ 20 ޕްރޮވިންސަކުން ބައިވެރިވާއިރު ދުނިޔޭގެ އެކި ގައުމުތަކުން 86 ގައުމެއް ބައިވެރިވެ އެވެ.