ބޭރު ކުޅިވަރު

10 ވަނަ ފަހަރަށް ނަޑާލް ފްރެންޗް އޯޕަން ކާމިޔާބުކޮށްފި

Jun 12, 2017

ފައިނަލްގައި ސްޓޭން ވަވްރިންކާ އަތުން މޮޅުވެ، ސްޕެއިންގެ ރަފައެލް ނަޑާލް 10 ވަނަ ފަހަރަށް ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ނަޑާލް ،31، ފައިނަލްގައި ސްވިޓްޒަލޭންޑްގެ ވަވްރިންކާގެ މައްޗަށް ކުރި ހޯދީ 6-2، 6-3 އަދި 6-1 އިންނެވެ. މިއީ ބޮޑު މުބާރާތެއްގެ ފައިނަލުން ވަވްރިންކާ ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވާދަކުރި ތިން ފައިނަލް ވެސް ވަވްރިންކާ ކާމިޔާބުކުރި އެވެ.

ނަޑާލް އަކީ ގްރޭންޑް ސްލޭމް މުބާރާތެއްގެ ޗެމްޕިއަންކަން އެންމެ ގިނައިން ހޯދި ދެވަނަ ކުޅުންތެރިޔާ އެވެ. ގްރޭންޑް ސްލޭމް މުބާރާތެއްގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދި އޮސްޓްރޭލިއާގެ މާގަރެޓް ކޯޓް ވަނީ އޮސްޓްރޭލިއަން އޯޕަން 11 ފަހަރު ކާމިޔާބުކޮށްފަ އެވެ.

ދިހަ ވަނަ ފްރެންޗް އޯޕަން ތައްޓާއެކު، ނަޑާލް ވަނީ ކްލޭ ކޯޓުގައި އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން އަނެއްކާ ވެސް ސާބިތުކޮށްދީފަ އެވެ. ދެހާސް ފަސް ވަނަ އަހަރު ފްރެންޗް އޯޕަން ފުރަތަމަ ފަހަރަށް ކާމިޔާބުކުރި ފަހުން، މި މުބާރާތުގައި ނަޑާލް ވަނީ 79 މޮޅު ހޯދައިފަ އެވެ. ނަޑާލް ބަލިވީ ދެ މެޗުންނެވެ.

"މިއީ އަހަރެންގެ ކެރިއަރުގައި އެންމެ މުހިންމު މުބާރާތް،" މެޗަށް ފަހު ނަޑާލް ބުންޏެވެ. "އަހަރެން ހުރިހާ މުބާރާތެއް ވެސް ކުޅެނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން. އެކަމަކު ފްރެންޗް އޯޕަން އަށް ކުރިމަތިލާއިރު މުޅިން ތަފާތު އިހުސާސެއް ކުރެވޭނީ."

މެޗަށް ފަހު ވަވްރިންކާ ބުނީ ބަލި ގަބޫލްކުރާ ކަމަށާއި މި މެޗުގައި ނަޑާލްގެ ފަރާތުން ފެނުނީ ތަފާތު ކުޅުމެއް ކަމަށެވެ.

"ބުނާނެ މާބޮޑު އެއްޗެއް ނެތް. އަހަންނަށް ބުނެވޭނީ ނަޑާލް ހަމަ މޮޅީއޭ،" ވަވްރިންކާ ބުންޏެވެ.