އަހަރުތަކަކަށް ފަހު، ގައުމީ ފުޓްސަލް ޓީމު އެކުލަވާލުމުގެ މަސައްކަތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފަށައިފި އެވެ.
އެފްއޭއެމް އިން ވަނީ މިހާރު ޓީމު އެކުލަވައިލުމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. އެގޮތުން އާންމުކޮށް ހުޅުވާލައިގެން މިރޭ އާއި މާދަމާ ރޭ ސެލެކްޝަން ޓްރައިލްއެއް ބޭއްވުމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ. އެފްއޭއެމް އިން ގައުމީ ފުޓްސަލް ޓީމަށް ކުޅެން ބޭނުންވާ ކުޅުންތެރިން މިރޭ އާއި މާދަމާ ރޭ އޮންނަ ސެލެކްޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. ފުޓްސަލް ޓީމުގެ ސެލެކްޝަން އޮންނާނީ މިރޭ އަދި މާދަމާ ރޭ 2230ގައި، އެފްއޭއެމްގެ ޓާފް ދަނޑުގަ އެވެ.
އެފްއޭއެމްގެ އޮފިޝަލެއް ބުނީ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު އެކުލަވާލުމުގެ މަސައްކަތްކޮށް، ކްލަބް މޯލްޑިވްސް ފުޓްސަލް ކަޕުން ބައެއް ކުޅުންތެރިން ސްކޮޑަށް ނަގާފައި ތިބި ނަަމަވެސް، ސެލެކްޝަނެއް ބާއްވަނީ ވީހާ ވެސް ގިނަ ކުޅުންތެރިންނަށް ގައުމީ ޓީމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ގައުމީ ފުޓްސަލް ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ފުޓްސަލްގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ އަބްދުﷲ ނަސީރު (އަބޯ) އެވެ.
އެފްއޭއެމް އިން ބުނީ ގައުމީ ފުޓްސަލް ޓީމު އަލުން އެކުލަވާލަނީ ބައިނަލްއަގުވަމީ ފުޓްސަލް މުބާރާތަކުގައި އަލުން ރާއްޖެ ބައިވެރިވާން ފެށުމުގެ ގޮތުން ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހު އޮންނަ އޭޝިއަން އިންޑޯ ގޭމްސްގައި ގައުމީ ފުޓްސަލް ޓީމު ބައިވެރިކުރާނެ ކަމަށެވެ.
ރާއްޖޭގެ ޒުވާނުންގެ މެދުގައި މަގްބޫލު ކުޅިވަރެއް ކަމަށްވާ ފުޓްސަލްގެ ގައުމީ ޓީމެއް މީގެ އަހަރުތަކެއް ކުރިން އޮތެވެ. އޭރު ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި ވެސް ފުޓްސަލް ގައުމީ ޓީމު ވާދަކުރި އެވެ.
ފުޓްސަލްގެ ގައުމީ ޓީމެއް ނެތި އަހަރުތަކެއް ފާއިތުވި ނަމަވެސް، ރާއްޖޭގައި ފުޓްސަލް ފޯރި ވަނީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އިތުރުވެފަ އެވެ. އަދި ފުޓްސަލް ކުޅޭ ކުޅުންތެރިންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެެވެ.