ކުޅިވަރު

ސްޕެއިން އާއި އިޓަލީއަށް މޮޅެއް، ވޭލްސް އެއްވަރު

Jun 12, 2017

އިޓަލީން، ލިސްޓެންސްޓައިން 5-0 ގެ ބޮޑު ނަތީޖާއަކުން ކުރި ހޯދައި، ސްޕެއިން ވެސް، މެސަޑޯނިއާގެ މައްޗަށް، 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގުރޫޕްގެ އެއް ވަނަ ދަމަހައްޓައިފި އެވެ.

އިޓަލީގެ އުދީންގެ ޑާޗަ އެރީނާގައި ކުޅުނު މެޗުގައި، އިޓަލީ ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކުރީ މެޗުގެ ދެވަނަ ހާފުގަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑު، 35 ވަނަ މިނެޓްގައި، ކާމިޔާބު ކުރީ، ލޮރެންޒޯ އިންސިންނިއާ އެވެ.

ދެ ވަނަ ލަނޑު 52 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އަންޑްރެއާ ބެލޯޓީ އެވެ. ތިން ވަނަ ލަނޑު 74 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އީޑާ ސިޓަޑިން މާޓިން އެވެ. ހަތަރު ވަނަ ލަނޑު 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފެރުޑެރުކީ ބެރުނަރުޑެސްކީ އެވެ. ފަސް ވަނަ ލަނޑު 91 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، މަނޯލޯ ގެއްބިއަޑީނީ އެވެ.

މެސަޑޯނިއޯއާ ދެކޮޅަށް، ކުޅުނު ސްޕެއިންއަށް މެޗުގައި އެންމެ ބޮޑު ތަފާތަކަށް ވެގެން ދިޔައީ އިސްކޯ އެވެ. އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ސްޕެއިން ވަނީ ފުރަތަމަ ހާފުގައި ލީޑް ނަގާފަ އެވެ. ފުރަތަމަ ލަނޑު 15 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑޭވިޑް ސިލްވާ އެވެ. ދެ ވަނަ ލަނޑު 27 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިސްކޯ ދިން ފުރުސަތަކުން، ޑިއޭގޯ ކޮސްޓާ އެވެ.

މެސަޑޯނިއޯގެ، ލަނޑު ކާމިޔާބު ކުރީ ސްޓެފަން ރިސްޓޯވްސްކީ އެވެ. ސްޕެއިންއާ އިޓަލީ އަށްވެސް، ލިބިފައި ވަނީ 16 ޕޮއިންޓެވެ. ނަމަވެސް، ލަނޑުގެ ތަފާތުން އެއް ވަނަ ލިބެނީ ސްޕެއިން އަށެވެ.

ގުރޫޕް ޑީގައި، ސާބިއާ އާއި ވޭލްސް ބައްދަލު ކުރި މެޗު، ނިމުނީ އެއްވަރު ވެގެން ނެވެ. ގެރެތު ބޭލް ނުހިމަނައި ކުޅުނު މެޗުގައި، އާރެން ރެމްސީ ޕެނަލްޓީ އަކުން، ވޭލްސް އަށް 35 ވަނަ މިނެޓްގައި ލީޑް ނަގައިދީފައި ވަނިކޮށް، 73 ވަނަ މިނެޓްގައި، ސާބިއާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، އެލެކްސެންޑާ މިޓްރޯވިކް އެވެ.

އެ ގުރޫޕްގައި ކުޅުނު އަނެއް ދެމެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. މޯލްޑޯވޯ އާއި ޖޯޖިއާ މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. އޮސްޓްރިއާ އާއި ރިޕަބްލިކް އަޔަލެންޑް މެޗުވީ 1-1 އެއްވަރެވެ.

ގުރޫޕް އައި ގައި ކޮރޭޝިއާގެ މައްޗަށް އައިސްލެންޑް ވަނީ އަމިއްލަ ގައުމުގައި، 1-0 މޮޅުވެ، ޕޮއިންޓްގެ ގޮތުން، ކޮރޭޝިއާ އާ އަރާ ހަމަކޮށްފަ އެވެ. ތުރުކީ ވަނީ ކޮސޯވާގެ މައްޗަށް 4-1 ން މޮޅުވެފަ އެވެ. ޔޫކްރޭން ވަނީ ފިންލޭންޑްގެ މައްޗަށް 2-1 ކުރި ހޯދާފަ އެވެ.