ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް ބަދަލު ކުރަން ހުށަހެޅި އިސްލާހު ރައްޔިތުން މަޖިލީހަށް ބަލައިގެންފި އެވެ.
ސަރުކާރު ފަރާތުން އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅި މި އިސްލާހު ބަލައިގަތުމަށް ފާސް ކުރީ ވޯޓުގައި ބައިވެރިވި 34 މެންބަރުންގެ ވޯޓުނެނެވެ. ބިލު ބަަލައި ގަތުމާއެކު ބިލު އިތުރަށް ދިރާސާ ކުރަން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
ފަލާހު މި އިސްލާހު ހުށަހެޅުއްވި ސަބަބަކަށް ބަޔާންކޮށްފައި ވަނީ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް އިތުރުވެފައިވާތީ، މިހާރަށްވުރެ ހަލުވި މިނެއްގައި އަދި ހަރުދަނާކޮށް އިންސާފީ މައްސަތައް ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމަށެވެ. އެގޮތުން ހައިކޯޓުގެ އިސް ފަނޑިޔާރާއެކު ޖުމްލަ 11 ފަނޑިޔާރުން އެ ކޯޓުގައި ތިއްބަވަން ޖެހޭނެ ކަމަށާއި އެ 11 ފަނޑިޔާރުންގެ ތެރެއިން ދެކުނާއި އިތުރު ގޮއްޕަށް ފަނޑިޔާރުން އައްޔަންކުރަން ޖެހޭ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވި ފަނޑިޔާރުން މަގާމުގައި ތިބޭނެ ކަމަށާއި އަދަދު ހަމަކުރުމަށް ބޭނުންވާ ފަނޑިޔާރުން އިސްލާހު ފާސްކޮށް، ގެޒެޓްކުރެވޭތާ ތިން މަސް ތެރޭގައި އައްޔަންކުރަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
ގާނޫނުގައިވާ ގޮތުން ހައިކޯޓުގައި ނުވަ ފަނޑިޔާރުން ތިއްބަވަން ޖެހެނު ނަމަވެސް އެ ކޯޓުގައި މިހާރު ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. އެއީ ހައިކޯޓުގައި ހަތަރު ފަނޑިޔާރުން އަދި ދެކުނު ގޮފީގައި ތިން ފަނޑިޔާރުންނެވެ. ހުސްވެފައިވާ ދެ މަގާމަށް ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.
ދެކުނު ގޮއްޕަށް ފަނޑިޔާރުން ހަމަޖައްސައި އެ ގޮފީގެ މަސައްކަތްތައް ކުރިއަށް ދިޔަ ނަމަވެސް އުތުރު ގޮފީގެ މަސައްކަތް އަދިވެސް ފެށިފައިނުވެ އެވެ. އެ ގޮއްޕަށް ފަނޑިޔާރުން ވެސް ވަނީ ހަމަނުޖެއްސި އެވެ. ވަރަށް ފަހުން ގޮފިތަކުގެ ފަނޑިޔާރުން ބަދަލުވާ ގޮތަށް ގަވައިދެއް ވެސް ހަދާފައިވެ އެވެ.
އެ ގަވައިދުގައިވާ ގޮތުން ކުރިންސުރެ ހައިކޯޓުގައި މަސައްކަތް ކުރައްވަމުންދާ ފަނޑިޔާރުން ގޮފިތަކަށް ހަމަޖައްސަންވާނީ ވަކި މުއްދަތަކަށް ބަދަލުވާ އުސޫލުންނެވެ. ބަދަލުވާ އުސޫލަކީ ގޮފީގައި ވަކި މުއްދަތަކަށް މަސައްކަތް ކުރެއްވުމަށްފަހު ކުރިން މަސައްކަތް ކުރެއްވި ތަނަށް އެ ފަނޑިޔާރަކު ބަދަލުވުމެވެ. އަމިއްލަ އެދިގެން ފަނޑިޔާރަކަށް މަސައްކަތް ކުރާ ގޮފި ބަދަލު ކުރެވޭނީ އެ ތަނެއްގައި މަސައްކަތް ކުރާތާ މަދުވެގެން އެއް އަހަރުވުމުންނެވެ.
ގަވައިދަށް އަމަލުކުރަން ފަށާ ފަހުން ހައިކޯޓަށް އައްޔަންކުރާ ފަނޑިޔާރުން ދާނީ މާލޭ ހައިކޯޓުގައި ނުވަތަ ގޮފިތަކުގައި ހުސްކޮށް ހުރި މަގާމުތަކަށް ކަމަށް ގަވައިދުގައިވެ އެވެ. މިހާރު ގަވައިދު އޮތް ގޮތުން އަލަށް އައްޔަންކުރާ ދެ ފަނޑިޔާރުން މަސައްކަތް ކުރައްވަން ޖެހޭނީ އުތުރު ގޮފީގަ އެވެ.