ކުޅިވަރު

ހަދާނެ ގޮތެއް އެނގޭނީ ޗެލްސީއަށް، މިހުރީ މަޑުކޮށްގެން

Jun 12, 2017

ޗެލްސީ އިން، އިތުރަށް ޑިއޭގޯ ކޯސްޓާ ޓީމުގައި ބޭނުން ނުވާ ކަމަށް، އެ ޓީމުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ އޭނާ ގާތު ބުނެފައިވާ ކަމަށް، ދެކެވޭ ވާހަކަތަކުގެ އަޑު ވަނީ ގަދަވެ ފައެވެ. ކޮސްޓާ އާއި ކޮންޓޭ ވަނީ އެސްއެމްއެސް މެދުވެރިކޮށް މުއާމަލާތް ކޮށްފަ އެވެ.

ރޭ މެސަޑޯނިއާ އާ ދެކޮޅަށް، ސްޕެއިން މޮޅު ކޮށްދިން ލަނޑު ޖެހި، ކޮސްޓާ، ރޭގެ މެޗަށް ފަހު ބުނެފައި ވަނީ، އޭނާއާ މެދު ނިންމާނެ ގޮތެއް އެނގޭނީ ޗެލްސީ އަށް ކަމަށެވެ.

"ޗެލްސީއާއެކު އަހަރެންގެ އެއްބަސް ވުމުގައި އަދި ދެ އަހަރު އެބައޮތް، އެހެންވީމަ އެ މީހުންނަށް އެނގޭނީ އަހަންނާމެދު ނިންމާނެ ގޮތް، އަހަރެންނަށް މިހާރު މަޑުކޮށްގެން ހުންނަން މި ޖެހެނީ ކުލަބުގެ ނިންމުމަކަށް." ނިމިދިޔަ ސީޒަންގެ ޕްރިމިއާ ލީގް ޗެމްޕިއަންކަން ޗެލްސީއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ސްޓައިކަރު ބުންޏެވެ.

މިދިޔަ ސީޒަންގެ މެދުތެރެއިން ފެށިގެން، ކޮސްޓާ އާއި ކޮންޓޭއާ ދެމުދު އޮންނަ ގުޅުންތައް ރަނގަޅު ނޫންކަމަށް ވަނީ ވާހަކަ ދެކެވިފަ އެވެ. އެއީ ޖަނަވަރީ ޓްރާންސްފާ ޕީރިއަޑްގައި، ޗައިނާގެ ކުލަބަކުން ހުށަހާޅާފައިވާ އަގު ބޮޑު ޓްރާންސްފާގައި، ކޮސްޓާ ޗައިނާ އަށް ބަދަލުވާން އުޅުމުން ނެވެ.

ރޭ މެސަޑޯނިއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި، ސްޕެއިން ވަނީ ވަރަށް މޮޅަށް ކުޅެފަ އެވެ. ނަމަވެސް، ދެ ވަނަ ހާފުގައި މެސަޑޯނިއާގެ ފާރަތުން އެޓީމަށް އުނދަގޫ ކުރިމަތި ކުރި އެވެ.

"މި ލިބުނީ ވަރަށް މުހިންމު މޮޅެއް، އަހަރެމެންނަށް އެނގޭ މެޗު ފަސޭހަ ނުވާނެ ކަން، ދެވަނަ ހާފަށް ބަލާ، އަހަރެމެން ފުރަތަމަ ހާފު ވަރަށް މޮޅަށް ކުލެފައި ދެ ވަނަ ހާފު ދިޔައީ ވަރަށް އުނދަގޫ ކޮށް" ކޮސްޓާ ބުންޏެވެ.