ދުނިޔެ

ވައިގެ ސަރަހައްދު ގަތަރަށް ބަންދުކުރީ ރައްޔިތުން ހިމާޔަތްކުރަން: ސައުދީ

Jun 13, 2017

ގަތަރުން އަންނަ މަތިންްދާބޯޓްތައް ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހަައްދު ބޭނުން ކުރުން މަނާކޮށްފައި ވަނީ ގައުމުގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކަލަކުން ހިމާޔަތް ކުރަން ކަަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން މިހެން ބުނީ ބަހުރައިނާއި ސައުދީ އަރަބިއްޔާ އާއި ޔޫއޭއީން ގަތަރު އެއާވޭސްގެ މަތިންދާބޯޓްތައް އެ ގައުމު ތަކުގެ ވައިގެ ސަރަހައްދު ބޭނުން ކުރުން މަނާކުރީ ބައިނަލް އަގުވާމީ ގާނޫނާ ހިލާފަށް ކަމަށް ގަަތަރު އެއާވޭސް އިން ބުނުމުންނެވެ.

"ވައިގެ ސަރަހައްދު ބަންދު ކުރުމަކީ ނުރައްކަލެއް ކަމަށް ދެކޭ ކޮންމެ ކަމަކުން ގަައުމާއި ރައްޔިތުން ހިމާޔަތްކުރަން އޮންނަ ސިޔާދަތީ ހައްގުގެ ތެރެއިންނެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ،" ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ސައުދީން އެ ބަޔާން ނެރުނީ ގަތަރު އެއާވޭސްގެ ޗީފް އެގްޒެކެޓިވް އަކުބަރު އަލް ބާކިރު ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި، ވައިގެ ސަރަހައްދު ބަންދުކުރި އަރަބި ގައުމުތަކަަށް ފާޑު ވިދާޅުވުމުންނެވެ. ސައުދީން ބަޔާން ނެރުމާއެކު ބަހުރައިނާއި ޔޫއޭއީން ވެސް ވަނީ ހަމަ ދާދި އެއް އިބާރާތަކުން ބަޔާންތައް ނެރެފައެވެ.

އަރަބި ގައުމުތަކުން އެކަހެރިކޮށްލާފައިވާ ގަތަރާ ދެކޮޅަށް އެގައުމު ތަކުން ފިޔަވަޅުތައް ވަރުގަދަކޮށް، އެގައުމާ ގުޅުވާލާފައިވާ ޓެރަރިޒަމްގެ ކަޅު ލިސްޓެއް ވަނީ އާއްމުކޮށްފައެވެ. ސައުދީ އަރަބިއްޔާ އިސްވެ އޮވެ ނެރުނު އެ ލިސްޓްގައި ޖުމްލަ 59 މީހަކު ހިމެނޭ އިރު ގަތަރުގެ 18 މީހަކު އެ ލިސްޓްގައި ހިމެނެއެވެ. ލިސްޓްގައި ހިމެނޭ ޝާހީ ބޭފުޅަކީ އެގައުމުގެ އިންޓީރިއާ މިނިސްޓަރުކަން ވެސް ކުރިން ކުރައްވާފައިވާ ޢަބުދުﷲ ބިން ޚާލިދު އަލް ސާނީ އެވެ.

ގަތަރަކީ ގަލްފް ކޯޕަރޭޝަން ކައުންސިލްގައި ހިމެނޭ އެންމެ ކުޑަ ވަރަށް މުއްސަނދި ގައުމެކެވެ. އެ ގައުމުގައި 2.7 މިލިޔަން މީހުން އުޅޭ އިރު އެގައުމުގެ އަސްލު ވަޒަންވެރިންގެ އަދަދަކީ 300000 އެވެ. އެގައުމުން އަންނަނީ 2020 ވަނަ އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ތައްޔާރުވަމުންނެވެ.