ކުޅިވަރު

އަމާޒަކީ ބޫޓާނާ ދެކޮޅަށް ތަފާތު ބޮޑު ކުރުން: ކޯޗް

Jun 13, 2017

އޭޝިއަން ކަޕް ކޮލިފައިންގައި، މިއަދު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގައި، ތަފާތު ބޮޑު ނަތީޖާއެއް ނެރުމަކީ، ވަރަށް ބޮޑު އަމާޒެއް ކަމަށް ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓްވާޓް ބުނެފި އެވެ.

ގުރޫޕް ޑީ ގައި ރާއްޖެއާ، ބޫޓާން ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖޭގަޑިން މިއަދު ހަވީރު 5:00 ޖަހާއިރު އެވެ. ބޫޓާނާ ދެކޮޅަށް، މިދިޔަ ދެ އަހަރު ކުޅުނު މެޗުތަކުގައި، ރާއްޖެއަށް ބޫޓާން އަތުން މޮޅުވެފައި ވަނީ ހަނި ގޮތަކަށެވެ.

އެހެންވެ ސްޓްވާޓްގެ އަމާޒަކީ، މިފަހަރު، ބޫޓާނާ ދެކޮޅަށް ތަފާތު ބޮޑު ކުރުމެވެ. ވޯލްޑްކަޕް ކޮލިފައިންގައި އެންމެ ފަހުން، ބޫޓާނާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގައި، އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ހެޓްރިކް ހަދާފަ އެވެ.

"މިފަހަރު އަޝްފާގް ނެތް، ނަމަވެސް އަހަރެންގެ އުންމީދަކީ މި ޓީމުގައި ވެސް ބުޓާނާ ދެކޮޅަށް ހެޓްރިކް ހަދާނެ ކުޅުންތެރިޔަކު ވާނެ ކަމަށް." ސްޓްވާޓް ބުންޏެވެ.

ބޫޓާން މެޗަށް، ރާއްޖޭގެ ފޯމޭޝަން އޭނާ އެކުލަވާލާފައި ވަނީ 4-2-3-1 ގެ ފޯމޭޝަނަށެވެ. އެންމެ ކުރިން ސްޓައިކަރެއްގެ ގޮތުގައި ކުޅޭނީ އަސަދުﷲ އަބްދުﷲ އެވެ. އޭނާ އަކީ، މިދިޔަ އަހަރު ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި، ހެޓްރިކް ހެދި ކުޅުންތެރިޔެކެވެ.

ރާއްޖެއިން ބޫޓާނަށް ދިޔައީ، އަރަބި އެމިރޭޓްސްގައި އަފްގާނީސްތާނާ ދެކޮޅަށް އެކުވެރި ކަމުގެ މެޗެއް ކުޅެފަ އެވެ. މެޗުން ރާއްޖެ ބަލިވީ 2-1 ން ނެވެ. އަދި އޭގެ ފަހުން ތައިލެންޑްގައި ހަތަރު ދުވަހުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދިޔަ އެވެ.

ސްޓްވާޓް ބުނީ، އަފުގާނިސްތާން މެޗާއި، ތައިލެންޑްގެ ޓްރައިނިން ކޭމްޕުން، ދިވެހި ޓީމަށް އިތުރަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ.

"ކުޅުންތެރިން އެއް ތަނެއްގައި އެއްކޮށް ވަގުތު ހޭދަ ކުރުމުން، ޓީމުގެ ރޫހް އިތުރަށް ވަރުގަދަ ވެގެން ހިނގައްޖެ ދަނޑު މަތީގައިވެސް އެކަން ފެނިގެންދާނެ." ސްޓާވާޓް ބުންޏެވެ.