އަންގާރަ ދުވަހު ލާއޯސްއާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗުގައި ނުކުޅެން ނިންމީ އަނިޔާގެ ސަބަބުން ކަމަށް ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.
އޭނާ މިހެން ބުނެފައިވަނީ މި މެޗުގައި އޭނާ ނުކުޅޭނެ ކަމަށް އަވަސްގައި ޖެހިތާ ހަތަރު ގަޑިއިރު ފަހުން އޭނާގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.
"އަހަރެން އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޯފްގައި ލާއޯސްއާ ދެކޮޅަށް ނުކުޅެން ނިންމީ ކަކުލުގެ އަނިޔާގެ ސަބަުން. އަހަރެން މިހާތަނަށް ޓީމަށް ކުޅެމުން ދިޔައީ އަނިޔާގައިހުރެ. އެއީ އިންޖެކްޝަންގެ އެހީގައި. މިހެންވެ އަހަރެން މިވަގުތު ނިންމީ އަނިޔާ ރަނގަޅުކުރަން ރެސްޓް ކުރަން ވަގުތު ހޯދަން،" ދަގަނޑޭ ބުނެފައިވެ އެވެ.
ލާއޯސްއާ ދެކޮޅަށް ގައުމީ ޓީމު މާލޭގައި ކުޅުނު މެޗުގައި ދެ ލަނޑު ޖެހި ކުޅުންތެރިޔާ ބުނެފައިވަނީ އޭނާ އަބަދުވެސް ހުންނާނީ ގައުމީ ޓީމާއެކުގައި ކަމަށާއި ކޯޗާއި ކުޅުންތެރިންނަށް ހުރިހާ ގޮތަކުން ކާމިޔާބީ އަށް އެދޭ ކަމަށެވެ.
ދަގަނޑޭ، މި މެޗުގައި ނުކުޅޭނެ މީޑިއާގައި އަޑު ފެތުރުމާ އެކު، އޭނާގެ ފޭސްބުކް ޕޭޖްގައި އޭނާ ބުނެފައިވަނީ އެއްވެސް މީޑިޔާއަކަށް އޭނާ އިންޓަވިއުދީފައިނުވާނެ ކަމަށާއި ނޫސްވެރިން ޒިންމާދާރުކަމާއެކު ޕްރޮފެޝަލްކޮށް ހަބަރު ލިޔުމަށް އެދޭ ކަމަށް ބުނެފަ އެވެ. ދަގަނޑޭ މި މެޗުގައި ނުކުޅޭނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރީ ވެސް އެފްއޭއެމްގެ އިސް އޮފިޝަލުން އެކަން ޔަގީންކޮށް ދިނުމުން އެ މަސްދަރުތަކާ ހަވާލާދީ އެކަން ކަށަވަރު ކުރުމަށް ފަހު އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާ ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ދަގަނޑޭގެ ކުޅެފައެއް ނުވެ އެވެ.
ލާއޯސްއާ ދެކޮޅަށް ކުޅެން ގައުމީ ޓީމު ފުރާނީ މިރޭ އެވެ. ފުރަތަމަ މެޗުގެ ނަތީޖާ އޮތްގޮތުން އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓާނީ ލާއޯސް އަތުން ފަސް ލަނޑުން ބަލިވެއްޖެނަމަ އެވެ.
މި މެޗުގައި އަސްއަދު އަލީ (އަޑުބަރޭ) ވެސް ނުފެންނާނެ އެވެ. އޭނާ ސްކޮޑުން ބާކީކުރީ ޖަލުގައި ހައްޔަރުކުރުމުގެ ސަބަބުން ގިނަ ޕްރެކްޓިސްތަކަކާއި މެޗުތަކެއް ގެއްލުމުން ކަމަށް ކޯޗު ޑަރެން ސްޓެވާޓް ވަނީ ބުނެފަ އެވެ.