ރާއްޖެ ކުޅިވަރު

ލާއޯސް މެޗުގައި ދަގަނޑޭ ނުކުޅޭނެ

އޭޝިއަން ކަޕް ކޮލިފައިންގައި ލާއޯސްއާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު އަންގާރަ ދުވަހު ކުޅޭ މެޗުގައި ނުކުޅެން ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނިންމައިފި އެވެ.

ނަމަވެސް އޭނާ މިގޮތަށް ނިންމި ސަބަބެއް ނޭނގެ އެވެ. މިދިޔަ ހޮނިހިރު ދުވަހު ޕްރެކްޓިސް ފެށި ގައުމީ ޓީމާއެކު ދަގަނޑޭ ޕްރެކްޓިސްގައި ވެސް ބައިވެރިވެފައެއް ނުވެ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ކުޅަފެއް ނުވެ އެވެ.

ގައުމީ ޓީމު ލާއޯސް އަށް ދާނީ މިއަދު އެވެ. މި މެޗަށް ނުކުންނައިރު ރާއްޖެ ވަނީ މާލޭގައި 4-0އިން ލާއޯސް ބަލިކޮށްފަ އެވެ. މިމެޗުގައި ދަގަނޑޭ ދެ ލަނޑު ޖެހި އެވެ.

ފުރަތަމަ މެޗުގެ ނަތީޖާ އޮތްގޮތުން އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓާނީ ލާއޯސް އަތުން ފަސް ލަނޑުން ބަލިވެއްޖެނަމަ އެވެ.

ދަގަނޑޭގެ އިތުރުން މި މެޗުގައި އަސްއަދު އަލީ (އަޑުބަރޭ) ވެސް ނުފެންނާނެ އެވެ. އޭނާ ސްކޮޑުން ބާކީކުރީ ޖަލުގައި ހައްޔަރުކުރުމުގެ ސަބަބުން ގިނަ ޕްރެކްޓިސްތަކަކާއި މެޗުތަކެއް ގެއްލުމުން ކަމަށް ކޯޗު ޑަރެން ސްޓެވާޓް ވަނީ ބުނެފަ އެވެ.