ރާއްޖޭގައި އަބަދުވެސް ދައްކާ ވާހަކައަކީ ފުޓްބޯޅަ ރަނގަޅުނުވާ ވާހަކަ އެވެ. ކުލަބުތަކުގެ ދޯހަޅި ވާހަކަ އެވެ. އެފްއޭއެމް ފީކަޅާ ވާހަކަ އެވެ. ކުޅުންތެރިންގެ ފަރުވާކުޑަކަމުގެ ވާހަކަ އާއި ފެސިލިޓީސް ނެތް ވާހަކަ އެވެ. ކުޅިވަރުގެ އަހުލާގު ނެތް ވާހަކަ އެވެ. ކުޅުންތެރިންގެ ދަށުވެފައި އެފްއޭ އާއި ކުލަބުތައް ތިބޭ ވާހަކަ އެވެ. ބަރާބަރަށް މުސާރަނުދޭ ވާހަކަ އެވެ.
އެހެންވިއްޔާ މިކަމުގެ ޒިންމާ ނަގަންޖެހެނީ ކޮންބައެއްބާ އެވެ. ދާދި ފަހުން އެފްއޭއެމުގައި ބޭއްވި ބައްދަލުވުމުގައި އެތަނުގެ އިސްބޭފުޅަކު ވިދާޅުވީ ވޯލްޑް ކަޕް ކޮލިފައިންގައި އިހަށްދުވަހު ގައުމީ ޓީމު ކުޅުނު ޗައިނާ މެޗާއި މާދަމާ ބޫޓާނާއެކު ކުޅޭ މެޗު ޕްރޮމޯޓްކޮށްދިނުމަށެވެ. އެކަން ކުރަންވީ ޒުވާން ކުޅުންތެރިން ޕްރޮމޯޓްކޮށްގެން ކަމަށް ވެސް ހިޔާލުދިނެވެ. އެއީ ދުވަސްވީ ނުވަތަ ސީނިއާ ޕްލޭޔަރުން ލައްވައި މީޑިޔާ އަށް މައުލޫމާތެއް ދޭން ވިސްނުމަކީ ވެސް "މޮޔަ" ކަމެއްކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އެކަމަކު އޭގެ ފަސް ދުވަސް ފަހުން ބޫޓާން މެޗު ޕްރޮމޯޓްކުރަންވީ ސާފް ޗެމްޕިއަންޝިޕަށްފަހު ގައުމީ ޓީމަށް ނުކުޅެން ނިންމައިގެން ހުރި އަލީ އަޝްފާގް (ދަގަނޑޭ)ގެ ވާހަކައިންނެވެ. ބޫޓާން މެޗުގައި އޭނާ ކުޅޭނެ ވާހަކަ ލިޔެގެންނެވެ. ގޭމް ޕްލޭން ބަދަލުވީ އެވެ.
ބޫޓާން މެޗުގައި ދަގަނޑޭ ކުޅޭނަމަ އެއީ ހަބަރެކެވެ. ނޫސްވެރިން ލިޔަންޖެހޭ ވާހަކަ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ މެޗުގައި ކުޅުމަކީ ހުރިހާގޮތަކުން ވެސް މުހިންމު ވާހަކަ އެކެވެ.
އެކަމަކު އެފްއޭއެމުން ޖަވާބުދާރީވާންޖެހޭ ސުވާލުތަކެއް އެބަހުއްޓެވެ. މީގެ ތިން ދުވަސް ކުރިން ކުޅުނު ޗައިނާ މެޗުގައި ދަގަނޑޭ ނުކުޅުނީ އެކަށީގެންވާ ސަބަބެއް އޮވެގެން ހެއްޔެވެ؟ އިންޖަރީވެގެން ކަމަށް ބުނެ އެމެޗުގައި ނުކުޅެ ހުރެފައި ކުއްލިއަކަށް ބޫޓާން މެޗަށް އޭނާ ފިޓްވީ ކިހިނެތް ހެއްޔެވެ؟
އިތުބާރުހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި ޗައިނާ މެޗު ކުޅުނުއިރު ދަގަނޑޭ ހުރީ ރާއްޖޭގަ އެވެ. އޭނާ ޗައިނާ މެޗަށް ނުދިޔައީ ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަނީ ކަމަށްބުނެ އެވެ. ޑރ. އަހުމަދު ޝަކީބު ލައްވައި މެލޭޝިޔާގައި އިންޖެކްޝަން ޖެހުމަށްފަހު އަރާމު ކުރަން ކުލަބުން ބުނެފައިވާ ކަމަށްވެ އެވެ. ނަމަވެސް ސުވާލު އުފެދެނީ އިންޖެކްޝަން ޖެހުމަށް ފަހު ވެސް ދަގަނޑޭ އޭނާގެ ކުލަބަށް ކުޅެފައިވާތީ އެވެ. އެއަށްފަހު އަރާމުކުރަންވެގެން ކަމަށް ބުނެ ގައުމީ ޓީމާއެކު ޗައިނާ މެޗު ކުޅެން ނުގޮސްހުރިއިރު އިހަށްދުވަހު ރާއްޖެތެރޭގެ ރަށެއްގައި ބޯޅަ ކުޅެނިކޮށް ނަގާފައިވާ ވީޑިއޯތަކެއް ވެސް އިންޓަނެޓުގައި ދައުރުވެއްޖެ އެވެ. އެފްއޭއެމުން ޖަވާބުދޭން ޖެހެނީ މިހެންވެ އެވެ. ކުއްލިއަލަށް ދަގަނޑޭ ފިޓްވީ ހެއްޔެވެ؟
ދެން އޮތް ކަމަކީ ޗައިނާއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އަހަރު ރާއްޖެ ކުޅުނު މެޗަށް ވެސް ދަގަނޑޭ ނުދެ އެވެ. އެ މެޗަށް ދަގަނޑޭ ޗައިނާ އަށް ފޮނުވަން އެފްއޭއެމުން ވަރަށް މަސައްކަތް ކުރި އެވެ. މެޗު ކުޅެން އޮތީ މާދަމާ ނަމަ މިއަދުވެސް ބުނަމުން އައީ ދަގަނޑޭ މެޗުގައި ކުޅޭނެ ކަމަށެވެ. އެކަމަކު އެމެޗަށް ނުގޮސް އޭނާ ހުރީ މާލޭގަ އެވެ. އަދިވެސް އޭގެ ސަބަބެއް އެއްވެސް މީހަކު ބުނެނުދެ އެވެ. އިވެނީ ކުޅުންތެރިޔާ އާއި އެފްއޭއިން ނުރަސްމީކޮށް ބުނާވާހަކަތަކެވެ. އެކަމަކު މިއީ ހަގީގަތުގައި އެފްއޭއެމުން ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ.
މީޑިޔާތަކުން ސުވާލުކޮށްފިނަމަ އެފްއޭއެމުގެ މެޑިކަލް ޑިޕާޓްމަންޓުން "އޭނާ ފިޓްވެއްޖެ"އޭ ބުނަމަމުން ނުފުދޭނެ އެވެ. އޭގެ ތަފްސީލުވެސް ދޭންޖެހޭނެ އެވެ. ސަބަބަކީ ކުޅިބަލަން ވަންނަނީ ދިވެހި ރައްޔިތުން ކަމަށްވުމެވެ. މިއީ ދިވެހި ގައުމީ ޓީމެވެ. ދިވެހިންގެ އެއްވަނަ ކުޅިވަރެވެ. ކުޅުންތެރިންނަށާއި ކުޅިވަރަށް ސަރުކާރުން ހަރަދުކުރަނީ ރައްޔިތުންގެ ފައިސާ އެވެ.
ހަގީގަތުގައި މިއީ ދަގަނޑޭގެ މައްސަލައެއް ވެސް ނޫނެވެ. އޭނާ އަށް ވެސް އަދި އެހެން ކުޅުންތެރިންނަށް ވެސް އެޑްވާންޓޭޖް ނެގުމުގެ ފުރުސަތު ލިބެނީ އެފްއޭއެމާއި ކުލަބުތަކުގެ ފީކަމުންނެވެ. ހިތަށް އެރީމަ ގައުމީ ޒިންމާ އަށް ފިލާފައި ބޭނުންވީމަ އައިސް ގައުމީ ޓީމަށް ކުޅެން ދޫކޮށްލައިފިނަމަ މާދަމާ ދެން ތިބި ކުޅުންތެރިން ވެސް ހަދާނީ މިހެންނެވެ. ފަހުން ހިތާމަ ނުކުރާށެވެ! ޔޫތު މިނިސްޓްރީ އާއި ކުޅިވަރުގެ ގައުމީ މަޖިލީހަށް ވެސް މިފަދަ ކަންކަން ނުފެންނަކަމީ ދެރަވަރުކަމެކެވެ.