ކުޅިވަރު

ދަގަނޑޭގެ ރިކަވަރީ ޕްރޮގްރާމް ޒިނާންގެ ބެލުމުގެދަށަށް

Jun 13, 2017

އަނިޔާގައި ހުރި، ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ ރިކަވަރީގެ ރިހިބިލިޓޭޝްން ޕްރޮގްރާމް ކުރިއަށް ގެންދިއުމާ، ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ) ގެ ހުސައިން ޒިނާން ހަވާލު ވެއްޖެ އެވެ.

ކުރިން ވިކްޓަރީ ސްޕޯޓްސް ކުލަބުގެ، އިސް މާގާމެއް ފުރުއްވައި އެ ޓީމުގެ ފިޒިކަލް ޓްރެއިނަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި، ޒިނާން ވަނީ، 2015 ވަނަ އަހަރު ކުރީގެ ގައުމީ ކީޕަރު އިމްރާން މުހައްމަދަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާގެ ރިކަވަރީ ޕްރޮގްރާމް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

"އިއްޔެ ބައްދަލު ކޮށްފަ، މިހާރު އަޅުގަނޑު ވާނީ އެއްބަސް ވެފަ، އަޝްފާގްގެ ރިކަވަރީ ޕްރޮގްރާމް ވެސް ކުރިއަށް ގެންދަން، މިއަދު އެސެސް ކުރީމަ، އެނގިގެން ދާނީ، ކީހާ ދުވަހަކަށް ކަން ޕްރޮގްރް ގެންދަން ޖެހޭނީ، އަދި ކުރިއަށް ގެންދަން ޖެހޭނީ ކޮންކަހަލަ ޕްރޮގްރާމެއް ކަންވެސް،" ޒިނާން ބުންޏެވެ. "އިމްރާން އާއި އަޝްފާގް އިންޖަރީވެސް ތަފާތު، އެހެންވީމާ އަޝްފާގަށް ގެންދަން ޖެހޭނީވެސް ތަފާތު ޕްރޮގްރާމެއް، މިއަދު ޓްރެއިނިންތައް ފެށީމަ އެނގޭނީ."

ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހޭދަ ކުރުމަށްފަހު، އަޝްފާގް ވަނީ، މިދިޔަ މަހު 27 ވަނަ ދުވަހު އޭނާގެ ކަކުލުގެ ސާޖަރީ ހަދާފަ އެވެ. އޭނާ ސާޖަރީ ހެދީ ލަންކާގައެވެ.

މިއަހަރު ސީޒަންގެ ކުރިއަށް އޮތްބައިގައި ނިއުރޭޑިއަންޓަށް ކުޅެން އޭނާ ވަނީ ސޮއި ކޮށްފަ އެވެ. މިއަހަރު އޭނާ ގެންދަން، މެލޭޝިއާގެ ޕާހަންގް އެފްސީ ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އަނިޔާގައި ހުރުމުން މި އަހަރު އަޝްފާގް ހުރީ އެއްވެސް ޓީމަކާ ނުގުޅި އެވެ.