ބޮލީވުޑް

ރަންބީރުއާއި ކެޓްރީނާގެ ކޭންގެ ފިލްމް ފެސްޓިވަލްގެ ފުރަތަމަ ފެނިލުން

Apr 10, 2015

ދުނިޔޭގެ އެންމެ މަގުބޫލު ފިލްމް ފެސްޓިވަލްގެ ގޮތުގައި ބެލެވޭ ކޭން ފިލްމް ފެސްޓިވަލަށް ދިއުމުގެ ފުރުސަތު ލިބުމަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން މަދުން ނޫނީ ނުލިބޭ ޝަރަފެކެވެ.

އެހެންނަމަވެސް ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި މަޝްހޫރުވެފައިވާ ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފަށް ވެސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 68 ވަނަ ކޭން ފިލްމް ފެސްޓިވަލްއަށް ދިއުމުގެ ދައުވަތު ލިބިފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

މެއި މަހުގެ 13 އިން 24 ވަނަ ދުވަހުގެ ނިއަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ރަންބީރު ކަޕޫރު ލީޑްރޯލުން ފެނިގެންދާ ރެޓްރޯ ޑްރާމާ ފިލްމް "ބޮމްބޭ ވެލްވެޓް" ދެއްކުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ. މީގެ ކުރިން ބޭއްވުނު އެތައް ކޭނެސް ފިލްމް ފެސްޓިވަލްގައި މިފިލްމުގެ ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕްގެ ފިލްމުތައް ވަނީ ދައްކާލާފަ އެވެ.

އަންނަ މަހުގެ 15ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމު މިފެސްޓިވަލަށް ދިއުން ވަރަށް ގާތްކަމަށް އިންޑިއާގެ ގިނަ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.އެގޮތުން މިފިލްމް ފެސްޓިވަލަށް ދާނަމަ ރަންބީރުމި ފެސްޓިވަލްގައި މިފިލްމް ޕްރޮމޯޓްކުރުން އެކަށީގެންވާ ކަމަށްވެސް މިޑިއާ ތަކުން ބުނެ އެވެ.

މީގެއިތުރުން މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް މި ފެސްޓިވަލްގައި ބައިވެރިވަނީ އޭނާ ކުޅޭ އިންޓަނޭޝަނަލް ބިއުޓީ ބްރޭންޑް ލޯރެއަލް އިޝްތިހާރުގެ ބްރޭންޑް އެމްބެސެޑަރެއެއްގެ ގޮތުންނެވެ.

ވޭތުވެދިޔަ އަހަރު ބޭއްވި ކޭން ފިލްމް ފެސްޓިވަލްގައިވެސް ލޯރެއަލްގެ އެމްބެސެޑަރެއް ގޮތުގައި ބައިވެރި ވުމަށް ކެޓްރީނާއަށް ދައުވަތު ލިބިަފައިވީ ނަމަވެސް "ބޭންގެ ބޭންގް" ގެ ޝޫޓިންގައި އުޅެން ޖެހުމުގެ ސަބަބުން ވަނީ ދެވޭގޮތް ނުވެފަ އެވެ.

އެހެންކަމުން މިއަހަރުގެ މި ފެސްޓިވަލް ވެގެންދާނީ ކެޓްރީނާ މި ފެސްޓިަވަލުން ފެނިގެންދާ ފުރަތަމަ ފަހަރަށެވެ.

ކެޓްރީނާގެ އިތުރުން ރީތީގެ ރާނީ އަދި ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއީ އާއި ފެޝްނިސްޓާ ސޯނަމް ކަޕޫރުވެސް ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ރެޑްކާޕެޓް ހިނގުމަށްވަނީ ހަމަޖެހިފަ އެވެ. އެވެ.ލޯރިއަލް އަކީ މިފެސްޓިވަލްގެ ސޮޕްންސާއަކަށް ވުމާއެކު ކެޓްރީނާ މިހާރު އިންތިޒާރުކުރަމުން އެދަނީ ލޯރިއަލްގެ ފަރާތުން ރަސްމީކޮށް މިކަން އިއުލާންކުރުމަށް ކަމަށް ވެސް ކެޓްރީނާގެ ގާތް ފަރާތްތަކާއި ހަވާލާދީ ނުސްތަކުން ބުނެފަވެ އެވެ.

މިތިން ބަތަލާއިންނާއެކުވެސް ރަންބީރުގެ ގާތް ގުޅުމެއްވެ އެވެ. އެގޮތުން ރަންބިރުވަނީ އެތައް ފަހަރެއްގެ މަތިން އައިޝްވާރިޔާ އަކީ އޭނާއަށް ވަރަށް ރީތި އަންހެނެއްކަމަށް ބުނެފަ އެވެ. މި ދެތަރިންގެ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމް ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އެއި ދިލްހޭ މުޝްކިލް"ގެ ޝޫޓިންވަރަށް އަވަހަށް ފަށާނެ ކަމަށްވެ އެވެ. މީގެއިތުރުން ސޯނަމް ކަޕޫރަކީ ރަންބީރުގެ ގާތް ރައްޓެއްސެއްގެ އިތުރުން، އޭނާގެ ބޮލީވުޑް ޑެބިއު ފިލްމުގެ ކޯ-ސްޓާރެވެ. އަދި ކެޓްރީނާ ކައިފްއާއި ރަންބީރު އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.

ކޮންމެ އަހަރެއްގައި ވެސް ފްރާންސްގެ ކޭންގައި ބާއްވާ މި ފެސްޓިވަލްގައި ބޮލީވުޑްގެ ނަން މަޝްހޫރު ތަރިން ބައިވެރިވާއިރު، ރަންބީރު އާއި ކެޓްރީނާގެ ފޭނުންނަށް މިއީ ޔަގީނުންވެސް އުފާވެރި ހަބަރެކެވެ.