ބޮލީވުޑް

ޝާހިދު ކަޕޫރު އާއި މީރާގެ ކައިވެނި އޮތީ ބާލީގަތަ؟

Apr 10, 2015

މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު ދިއްލީގައި ދިރިއުޅޭ ދަރިވަރެއް ކަމުގައިވާ މީރާ ރާޖްޕޫތްއާ މިއަހަރުގެ ޑިސެމްބަރު މަހު ކައިވެނި ކުރަން އުޅޭ ހަބަރު އަދިވެސް މިދަނީ އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުންނެވެ.

މި ކައިވެންޏާއި ބެހޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން ދަނިކޮށް ދާދި ފަހުން ޝާހިދުވަނީ މިއަހަރުގެ ޑިސެމްބަރު މަހު ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެންގޭޖްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަށް ދޮގުކުރަމުން ޝާހިދުވަނީ ވަގުތު ޖެހުމުން ހުރިހާ ވާހަކަތަކެއްވެސް ހާމަކުރާނެ ކަމަށް ބުނެފަ އެވެ.

ޝާހިދު ވާހަކަތަކުން ވަނީ ކައިވެނި ކުރަން އުޅެނީ ފިލްމީ ދާއިރާގައި ހަރަކާތްތެރި ނުވާ މީހަކާ ކަން ވަނީ ޔަގީންވެފަ އެވެ.

މިދެމީހުން ފުރަތަމަ ބައްދަލުވެފައިވަނީ ފިލޯސޮފިކަލް ޖައްމިއްޔާއެއް ކަމަށްވާ ރާދާ ސޯމީ ސަތުސަންގެ ބިއާސް އިންނެވެ. އަދި މިދެމީހުންނަކީވެސް މި ގްރޫޕުގެ ބައިވެރިންނެވެ.

އޭގެފަހުން މީޑިއާތަކުން މިކައިވެންޏާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުން އަންނައިރު، ކައިވެނި ހަފްލާ ބޭއްވުމަށް ތަނެއް ކަނޑައަޅާފައިވާ ކަމަށްވެސް ވަނީ ހަބަރު ފަތުރާފަ އެވެ.

އެގޮތުން އިންޑަނޭޝިއާގެ ޖަޒީރާ ރަށެއް ކަމުގައިވާ ބާލީގައި މިއަހަރުގެ ޑިސެމްބަރުގައި ޝާހިދު އާއި މީރާގެ ކައިވެނި ހަފްލާ ބޭއްވުމަށް ދެފަރާތުގެ އާއިލާއިން ވާހަކަދައްކަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޝާހިދު މީރާއާއި ކައިވެނި ކުރަން އުޅޭކަމުގެ ހަބަރު ފެތުރުމާއެކު މިކަން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާތީ ދެފަރާތުގެ އާއިލާއިން ބޭނުންވަނީ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންނަށް ދައުވަތު ދިގެން ވަރަށް ޕްރައިވެޓްކޮށް މި ކައިވެނީގެ ހަފްލާ ބާއްވަންކަމަށް އާއިލާގެ ގާތް ފަރާތަކާ ހަވާލާދީ ބުނެފައިވެ އެވެ.

ދާދިފަހުން ޝޫޓިން ނިމުނު ޝާހިދު ލީޑްރޯލުން އާލިއާ ބަޓް އާއިއެކު ފެނިގެންދާ ފިލްމް "ޝާންދާރު" އަކީ ވެސް އިންޑިއާސް ފަސްޓް "ޑެސްޓިނޭޝަން ވެޑިންގ" ގެ ގޮތުގައި މީޑިއާތަކުން ސިފަކޮށްފައިވާ ފިލްމެކެވެ.

މީގެއިތުންވެސް ދާދި ފަހުންވަނީ ޝާހިދު އާއި މީރާގެ ކައިވެނި ޖޫންމަހު ކުރާ ގޮތަށް ހަމަޖެހިފައިވާކަމަށްވެސް ރިޕޯޓްކޮށްފަ އެވެ. އެހެންނަމަވެސް މިދެމީހުންގެ ގާތްފަރާތްތަކާ ހަވަލާދީ ފަހުން ބުނެފައިވަނީ ކައިވެނި ބާއްވަން ހަމަޖެހިފައިވަނީ ޑިސެމްބަރުގައި ކަމަށެވެ.

ޝާހިދު އާއި މީރާގެ ކައިވެންޏާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކާ އެކު ޝާހިދަށް މަރުދޭ އެތައް އަންހެން ކުދިންނެއްގެ ހިތް މިވަނީ ކުދިކުދިވެފަ އެވެ. ކޮންމެ ގޮތަކަށް ކަންއޮތަސް ޝާހިދު މިފަހަރު ކައިވެނި ކުރާނެކަން ހަމަ މިވަނީ ޔަގީންވެފަ އެވެ.