ދިވެހި ސިނަމާ

ސްޓެލްކޯ އިން ގެނެސްދެނީ ކަޅާއި ހުދު

މުނިފޫހިފިލުވުމުގެ ގިނަ ޕްރޮގްރާމްތަކެެއް ރޯދަަމަސް ފެށުނީއްސުރެ ޓީވީ ޗެނަލްތަކުން އަންނަނީ ގެނެސްދެމުންނެވެ. އެ ޕްރޮގްރާމްތަކުގެ ތެރެއިންވެސް އެންމެ ގިނަ ބަޔަކު ވަގުތު ހުސްކޮށްގެން ބަލާ އެއް ޕްރޮގްރާމަކީ އޮފީސްތަކުގެ ޑްރާމާ މުބާރާތެވެ. ޑްރާމާ އަންނަ ކޮންމެ ރެއެއްގެވެސް ރޭގަނޑު 9:30 އަށް ވަގުތު ހުސްކޮށްގެން ޓީވީ ދޮށަށް ޖަމާވެ އެވެ. އެއަށް ފާޑުކިޔާ ތައުރީފް ކުރުންތައް ކުރިއަށް ގެންދެ އެވެ.

ސަތާރަ އަހަރު ފަހުން ސްޓެލްކޯ އިންވެސް މިވަނީ ޑްރާމާ މުބާރާތުގައި ބައިވެރިވެފަ އެވެ. "ހުޅުކޮޅު" ނަމުގައި އެ ފަހަރު ގެނެސްދިން ޑްރާމާ އެތައް އެވޯޑްތަކެއް ހިފައިގެން ދިޔަ ގޮތަށް ސްޓެލްކޯ ގެއްލުނީ އެވެ. އެހާ ދުވަސް ފަހުން މި އަހަރު އެ ކުންފުނިން ގެނެސްދޭ ޑްރާމާއަކީވެސް ފެންވަރު ރަނގަޅު އަދި މޮޅު ޑްރާމާއެއް ކަމަށް ޑްރާމާގެ ކަންކަމާ ހަވާލުވެ ހުރި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖަރު ހުސެން ނޫރައްދީން ވިދާޅުވި އެވެ.

ދިވެހިން މުޖުތަމައުން ފެންނަ ނޭދެނޭ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްގެން ގެނެސްދޭ އެ ޑްރާމާއަށް ކިޔަނީ "ކަޅާއި ހުދު" އެވެ. މިއީ އަހްމަދު ނަދީމްގެ ވާހަކައަކަށް އުފައްދާ ޑްރާމާ އެކެވެ.

"މި ޑްރާމާއަކީ ކޮންމެ މީހަކަށްވެސް، އެންމެ ނިކަމެތި މީހާއަށްވެސް މުޖުތަމައުގައި ހުންނަ ކަންކަން ރަނގަޅު ކުރަން މަގުފަހި ކޮށްދެވޭނެ މީހެއްކަން ހާމަކޮށްދޭނެ ޑްރާމާއެއް."

"މި ޑްރާމާ ޕްރެޒެންޓް ކޮށްދީފައި އިންނާނީ ފަހުގެ ފޯމެޓަކަށް، ޑްރާމާ ފެށިގެން ނިމެންދެން ވަރަށް ބޮޑަށް ސަމާލުކަން ދީގެން ޑްރާމާގެ ތެރެއަށް ވެދެގެން ނޫނީ ވާ ގޮތެއް ނޭނގޭނެ، އެއީ އެއް ފަހަރާ ތިން ހަތަރު ސްޓޯރީ ފެނިގެން ދާނެ،" ނޫރު ވިދާޅުވި އެވެ.

ސްޓެލްކޯގެ ޑްރާމާގައި އެއް ލަވަ ހިމެނޭއިރު އެ ލަވަ ގެނެސްދީފައި އިންނާނީ ޑްރާމާގެ ބައިތަކާ އެކުގައި ކަމަށް ނޫރު ވިދާޅުވި އެވެ. ޑްރާމާ ޑައިރެކްޓްކޮށްފައިވަނީ ނޫރު އެވެ.

"އެންމެ ފަހުން އަޅުގަނޑުމެން ޑްރާމާގައި ބައިވެރި ފަހަރު ގެެނެސްދެވުނު ފެންވަރުގެ ޑްރާމާއެއް ގެނެސްދޭން ބޭނުންވަނީ. އިރާދަކުރެއްވިއްޔާ މި ޑްރާމާވެސް އެ ފެންވަރަށް ދާނެ." ނޫރު ވިދާޅުވި އެވެ.

ޑްރާމާގެ މަންޒަރުތައް ނަގާފައިވަނީ މާލެ، ހުޅުމާލެ އަދި އއ. ހިމަންދޫގަ އެވެ. ނޫރު އިތުރަށް ވިދާޅުވީ ޑްރާމާގައި ފެނިގެންދާ 99 ޕަސަންޓު ތަރިންނަކީ އަލަށް ޑްރާމާއަކުން ފެނިގެންދާ ތަރިން ކަމަށެވެ. ނަމަވެސް ހާއްސަ ފެނިލުން ތަކުގައި ސްޓެލްކޯގެ ކުރީގެ ޑްރާމާތަކުން ފެނުނު ބައެއް ތަރިން ފެންނާނެ ކަމަށެވެ.