ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ، އަންނަ ސިޒަންގައި، ޗެލްސީގެ ޕްލޭންގައި، ޑިއޭގޯ ކޮސްޓާ ނުހިމެނޭ ކަމަށް ބުނެ، ކޮސްޓާއަށް ކުރި މެސެޖާއެކު، ކޮސްޓާ އަށް ވަނީ އާ ޕްލޭނެއް ހޯދަން ޖެހިފަ އެވެ.
ޓްރާންސްފާ މާކެޓް މިހާރު އޮތްގޮތުން، ކޮސްޓާއަށް އޮތީ ފާޑަކަށް ދޮރު ބަންދު ވެފަ އެވެ. ޔޫރަޕުން އޭނާ ބޭނުން ވެގެން އުޅެނީ، ކުރީގެ ކުލަބު އެތުލެޓިކޯ މެޑްރިޑެވެ. ދެން އޮތީ ޗައިނާގެ ކުލަބުތަކެވެ. ނަމަވެސް ކޮސްޓާ ގެންދަން ކިތަންމެ ބޭނުންވިޔަސް، އެތުލެޓިކޯ އޮތީ މަޅިއެއްގެ ތެރެއަށް ފެތިފަ އެވެ. އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ގެނައުމުގައި، ފީފާގެ ގަވާއިދު ތަކާ ހިލާފް ވެފައި ވާތީ، ފީފާއިން ވަނީ އެތުލެޓިކޯއަށް އެއް އަހަރު ވަންދެން، އެއްވެސް ކުޅުންތެރިޔަކު ނުގެނެވޭނެ ގޮތަށް ފިޔަވަޅު އަޅާފަ އެވެ.
ދެން އޮތް ގޮތަކީ، 2015 ވަނަ އަހަރު، އަރުދާ ތުރާން އާއި އެލެކްސް ވީޑާލް ބާސާއަށް ބަދަލުވި ގޮތަށް، ޖަނަވަރީ މަސް ފެށެން ދެން އެއްވެސް މެޗެއް ނުކުޅެ ހުންނަ ގޮތަށް އެތުލެޓިކޯ އަށް ބަދަލު ވުމެވެ. ފީފާއިން ވަނީ، ކުރިން ބާސެލޯނާއާ ދެކޮޅަށް ފިޔަވަޅު އަޅާފަ އެވެ. އެފަހަރު، އެތުލެޓިކޯ މެޑްރިޑުން އަރުދާ ތުރާން އާއި ސެވިއްޔާއިން އެލެކްސް ވީޑާލް ގެނައި ނަމަވެސް، އެ ދެކުޅުންތެރިންނަށް ޖެހުނީ، މިދިޔަ އަހަރު ޖަނަވަރީ މަހު އެއް ވަނަ ދުވަހުގެ ނިޔަލަށް ބާސާގައި އެއްވެސް މެޗެއް ނުކުޅެ މަޑު ކުރާށެވެ.
ކޮސްޓާ އަށް އޮތް އަނެއް ގޮތަކީ، ހާފް ސީޒަނަށް ލޯން އުސޫލުން، އެހެން ކުލަބަކަށް ބަދަލު ވުމެވެ. ނަަމަވެސް ސީޒަންގެ އެއްބަޔަށް، އެއްވެސް ކުޅުންތެރިޔަކު ޓީމަށް ގެންނާކަށް، އެއްވެސް ކުލަބަކުން ބޭނުމެއް ނުވާނެ އެވެ. އެއް ސިޒަނެއްގައި ދެ ފަހަރަށް ކުލަބު ބަދަލުކޮށް، ކުޅެން ޖެހުމަކީ، ޓެކްޓިކަލީ ކުޅުންތެރިޔާ އަށްވެސް އެކަމުގެ އުނދަގޫ ކުރިމަތި ވާނެ ކަމެކެވެ.
ދެން އޮތްގޮތަކީ، ޖަނަވަރީ މަހާ ހަމައަށް، އެއްވެސް މެޗެއް ނުކުޅެ ހުންނަ، ގޮތަށް އެތުލެޓިކޯއަށް ބަދަލުވުމެވެ. އެތުލެޓިކޯގެ ފިޓްނަސް ކޯޗް ޕްރޮފް އޯޓޭގާގެ ބެލުމުގެ ދަށުން، ފިޓްކޮށް ހުރުމަށްޓަކައި، ހާފް ސީޒަންގެ ފިޓްނަސް ޕްރޮގްރާމެއް ކޯސްޓާއަށް ހާއްސަކޮށް ކުރިއަށް ގެންދެވި ދާނެ އެވެ.
ނަމަވެސް، އެއްވެސް މެޗެއް ނުކުޅެ ހުރެއްޖެނަމަ، ސްޕެއިންގެ ގައުމީ ޓީމުގެ ޖާގަ ކޮސްޓާއަށް ލިބިދާނެތޯ ސުވާލު އުފެދެއެވެ. ވޯލްޑްކަޕް ކޮލިފައިންގެ ބޮޑުބައެއް އޭނާ އަށް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް، ސްޕެއިން އަށް ވޯލްޑް ކަޕްގެ ޖާގަ ލިބިއްޖެ ނަމަ، ޖަނަވަރީ މަހަުން ފެށިގެން މެއި މަހުގެ ނިޔަލަށް، އެތުލެޓިކޯގައި، ކޮސްޓާ އަށް ރަނގަޅަށް ޕާފޯމް ކުރެވިއްޖެނަމަ، ވޯލްޑް ކަޕް ސްކޮޑުން އޭނާ އަށް ޖާގަ ލިބުމުގެ ފުރުސަތު އެބައޮތެވެ.
ސްޕެއިންގެ ކޯޗް، ހޫލިއަން ލޮޕެޓެގީވެސް ބުނެފައި ވަނީ، ހަ މަސް ވަންދެން ނުކުޅެ ހުރި ނަމަވެސް، ވޯލްޑްކަޕް ސްކޮޑުގައި ކޮސްޓާ ނުހިމެނޭ ކަމުގެ އުންމިދަށް ބަދަލެއް ނާންނާނެ ކަމަށެވެ.
ކޮންޓޭގެ ބަދަލު ހިފުމެއްތަ
ނިމިދިޔަ ސީޒަންގެ މެދުތެރެއިން، ކޮންޓޭ އާއި ކޮސްޓާއާ ދެމެދު މައްސަލަ އުފެދުނެވެ. ސީޒަންގެ މެދުތެރެއިން އަންނަ ފިނި މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި، ކޮސްޓާ ގެންދަން ޗައިނާގެ ކުލަބު ޝަންހާއީގެ ޝެންހުއާ އެފްސީން ހުށަހެޅި އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާގެ ގޮތުގައި، ޗައިނާގެ ސްޕާ ލީގަށް ބަދަލުވާން ކޮސްޓާވެސް އިންތިހާއަށް ބޭނުން ވި އެވެ.
އެކާމާ ހުރެ، ޗެލްސީގެ އެތެރޭގައިވެސް ބައެއް މައްސަލަތައް، ކުރިމަތިވި އެވެ. ބައެއް ފަރިތަކުރުންތަކުން ކޮސްޓާ ގެއްލުނެވެ. އަދި ރަށުން ބޭރުގައި ކުޅުނު މެޗެއްގައި ޓީމާ އެކު ކޮސްޓާ ދަތުރުވެސް ނުކުރެ އެވެ. އޭރު ކޮންޓޭ ބުނީ، ފަރިތަކުރުން ތަކުން ކޮސްޓާ ނުފެނުނީވެސް، އަދި ޓީމާއެކު ނުދިޔައީވެސް، ކޮސްޓާގެ ބުރަކަށްޓަށް ތަދެއް އަރައިގެން އުޅޭތީ ކަމަށެވެ.
ސީޒަންގެ މެދުތެރެއިން، ކޮސްޓާ ދޫކޮށްލަން، ޗެލްސީން ބޭނުމެއް ނުވެ އެވެ. އެއީ އެވަގުތު، އެ މަގާމު ފޫބައްދަން އެހެން ކުޅުންތެރިޔެއް ހޯދަންއުނދަގޫވާނެތީ އެވެ. އެހެންވެ ކޮސްޓާގެ ޓްރާންސްފާ ހުއްޓުވަން ޗެލްސީ އޮބިއަޅައިގެން މަސައްކަތް ކުރި އެވެ.
ސީޒަން ނިމި، މިމަހު ކޮންޓޭ ވަނީ ޗުއްޓިއަށް ގޮސްފަ އެވެ. ޗުއްޓިއަށް ގޮސް އޭނާ ވަނީ، ކޮސްޓާ އަށް މެސެޖުކޮށް، ޗެލްސީގައި އޭނާގެ ޕްލޭންގައި ކޮސްޓާ ނުހިމެނޭނެ ކަމަށް ބުނެފަ އެވެ. ޗެލްސީއާ އެކު، ކޮސްޓާ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮއްވައި، ކޮންޓޭ އޭނާގެ ޕްލޭނަށް ބަދަލު ގެނައުމުން، މިއީ، ކޮސްޓާއާ މެދު، ހިފާލި ބަދަލު ހިފުމެއްތޯ ސުވާލު އުފެދެއެވެ.
ކޮސްޓާގެ މަގާމު ފޫބެއްދުމަށް، ޗެލްސީން ދަނީ، ކުރިން އެޓީމަށް ކުޅުނު އެވަޓަންގެ ރޮމެލޫ ލުކާކޫ ގެންނަން މަސައްކަތް ކުރަމުން ނެވެ.