ހަބަރު

ހޮޓް އެއާ ބެލޫން ފެސްޓިވަލް ހުޅުމާލޭގައި، ތައްޔާރުތަ؟

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ހޮޓް އެއާ ބެލޫން ފެސްޓިވަލް ހުޅުމާލޭ ޔޫތު ޕާކްގައި ބޭއްވުމަށް ނިންމައިފި އެވެ. ޔުނިކްސް ސްޕޯޓިންއާ ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގުޅިގެން ބާއްވާ މި ހަރަކާތް އޮތީ އަންނަ އީދުގެ 25 އާއި 26 ވަނަ ދުވަހުގަ އެވެ.

ޔުނިކްސް ސްޕޯޓިން އިން ކުރިން ރާވާފައި ވަނީ މާފަންނު ސްޓޭޑިއަމްގައި ހޮޓް އެއާ ބެލޫން ފެސްޓިވަލް ބާއްވާ ބެލޫންތައް އެރުވުމަށެވެ. ނަމަވެސް އެ ކުންފުނީގެ މާކެޓިން މެނޭޖަރު އަހުމަދު ތޯމީ މުރުތަލާ "އަވަސް"އަށް ވިދާޅުވީ އެ ފެސްޓިވަލް އިތުރަށް ފުރިހަމަކޮށް ގިނަ ބަޔަކު ބައިވެރިކުރުމުގެ ގޮތުން ހުޅުމާލޭ ޔޫތު ޕާކްގައި ބޭއްވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

"ހުޅުމާލޭ ޔޫތު ޕާކުގައި ބޭއްވުމުން ޖާގަ އިތުރަށް ޖާގަ ތަނަވަސްވެ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ހޮޓް އެއާ ބެލޫންއަށް އަރާލާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ. އެފަދަ ސަބަބުތަކާ ހެދި އަޅުގަނޑުމެން މިހާރު ނިންމާފައި ވަނީ ހުޅުމާލޭގައި ބާއްވަން،" ތޯމީ ވިދާޅުވި އެވެ.

ހޮޓް އެއާ ބެލޫންއަށް އަރަން ބޭނުންވާ ފަރާތްތައް ޓިކެޓު ގަތުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފަ އެވެ. ބެލޫންއަށް އަރާ ކޮންމެ މީހަކަށް ޓިކެޓެއް ވިއްކަނީ 700 ރުފިޔާ އަށެވެ. ނަމަވެސް އުމުރުން ދެ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ޓިކެޓު ވިއްކަނީ 350 ރުފިޔާއަށެވެ. ޓިކެޓު ގަތުމަށް ގުޅުއްވާނީ އިވެންޓުގެ ހޮޓްލައިން ނަމްބަރު 9901009 އަށެވެ.

މި ހަރަކާތުގައި ބޭނުން ކުރަނީ ސިވިލް އޭވިއޭޝަން ހުއްދަ ދީފައިވާ ބޭރު ކުންފުންޏެއްގެ ބެލޫންތަކެކެވެ. އަދި އެ ބެލޫންތައް އޮޕަރޭޓުކޮށް އުދުއްސައިދިނުމަށް ވެސް އެ ކުންފުނީގެ ހާއްސަ ޓީމެއް ރާއްޖެ އައުމަށސް ވަނީ ހަމަޖެހިފަ އެވެ.