އެއްއިރަކު ވެސް އަހަރެން މޮޔައެއް ކަމަށް ގަބޫލެއް ނުކުރަމެވެ. ސޭކު ވާކަތަކެއް ދެއްކި ހަނދާނެއް ވެސް އަހަރެންގެ ނެތެވެ. ބޮލިރަވައެއް ތަޅުވާހެން ފިރާޝާއޭ ކިޔާ ގޮވި ކަމަށް ވެސް މީހުން ބުނެ އެވެ. އަހަރެން ނުދެނެހުރީމެވެ. ގައިމު ވެސް އެއް ކަމެއް ޔަގީނެވެ. މޮޔައިންގެ މަރުކަޒުގެ ދޮރުން އަހަރެން މި ނުކުންނަނީ މޮޔައެއް ނޫންވީމަ އެވެ. އެކަމަކު އެންމެން ވެސް ބުނަީ އަހަރެން މީ މޮޔައެއް ކަމަށެވެ. މިތަނަށް އަހަރެން ގެނައީ މޮޔަވެގެން ކަމަށެވެ.
އަހަރެން ދެކެ ފިރާާޝާ އަދިވެސް ލޯބި ވާނެ ހެއްޔެވެ؟ ނޫނީ އަހަރެންގެ ހިތް އަދިވެސް ފިރާޝާ އަށް އެދެނީ ހެއްޔެވެ؟ މިއީ ކިހާ ހެއްވާ ކަމެއް ހެއްޔެވެ؟ އަހަރެންގެ ރުހުމާ ނުލާ ވެސް ހިތަށް އެހެން ވޭ ހެއްޔެވެ؟ މަރުކަޒުން ނުކުމެފައި އަހަންނަށް ހިޔާލު ކުރެވެން ފެށި އެވެ. އަހަރެން މޮޔައޭ ކިޔައިގެން މިތަނަށް ގެނައީ ވެސް މިކަހަލަ ހިޔާލުތައް ކުރެވޭތީކަން ނޭނގެ އެވެ.
މަރުކަޒުން ސަލާމަތް ވެވުނަސް އަހަރެން ދާން އޮތް ތަނަކީ ފޫހި މާލެ އެވެެ. އެ ބުނާހެން އަހަރެން މޮޔަ ކުރުވި ހަނދާންތައް އެ ތަނެއްގައިވާ އަނިޔާގެ ބިމެވެ.
ފުރަން ދޯންޏަށް އެރުމާއެކު އަހަންނަށް ހިޔާލު ކުރެވެން ފެށި އެވެ. ފިރާޝާއާ ދޭތެރޭގައި ވިސްނެން ފެށި އެވެ. ލޮލުން ކަރުނަ އަންނަން ފެށި އެވެ.
އަހަރެން ސްކޫލަށް ވެސް ދިޔައިމެވެ. އެކަމަކު އަހަންނަށް ލިބުނު ވަޒީފާއަކީ އެސްޓިމޭޓަސް ކުލަ ލައިދިނުމެވެ. އަހަރެން ކަހަލަ ގަމާރު މީހަކަށް އެކަހަލަ ވަޒީފާއެއް ވެސް އެންމެ ރަނގަޅޭއް ނޫން ހެއްޔެވެ؟ ރަނގަޅޭ މި ބުނީ މަސައްކަތް ގިނަކަމުން ބޮލަށް އުނދަގޫވާ ވަރަށް ވެސް މަސައްކަތް ލިބެ އެވެ.
އެކަމަކު ކުލަފިހި ހިފައިގެން އެ މުއްސަނދި ގަނޑުވަރުގެ ދޮރާށި ގިރާކުރެވުނީ ކީއްވެގެން އަހަންނަށް ކުރެވުނު ކަމެއް ހެއްޔެވެ؟ އެންމެ ފަހުން އެކަން ވީ މަސައްކަތާ ހެދި އަހަރެން ބޮލަށް އަރާ ތަދަށް ވުރެ މާ ބޮޑު ވޭން އެޅި ކަމަކަށެވެ.
މަރުކަޒުން ބުނަނީ އަހަރެން ރަނގަޅުވެއްޖެ ކަމަށެވެ. އެކަމަކު މިކަހަލަ ހިޔާލުތައް އަންނަ އިރަށް އަދިވެސް އަހަރެންގެ ހަށިގަނޑުގައި ވޭން އަޅާ ކަހަލަ އެވެ. ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ދިރިއުޅުމުގެ އެއްވެސް ހިސާބެއްގައި ހުހައް އޮތް ގޮޅިއެއް ފިރާޝާ ފުރައިދިން ހެއްޔެވެ؟
އޭރު އުމުރު އަހަންނާ ދާދި އެއްވަރަސް ފިރާޝާ އަކީ މީހެއްގެ އަންބެކެވެ. ތެދަށް ބުނަންޏާ އެއްވެސް ގޮތަކުން އަހަންނާ އަރާ އަރަފޯދިގެންވާ ކުއްޖެއް ވެސް ނޫނެވެ. އެއީ މާ މުއްސަނދި ދިރިއުޅުމެއްގެ ވަތުކިބައެވެ.
އެ ގޭގައި އަހަންނަށް ކުރަން ޖެހުނު މަސައްކަތަކީ އިމާރާތުގެ ކުލަ އާ ކުރުމެވެ. ކުލަތަކާއި ދަވާދާ މެކި ކަޅިވެގެނެވެ. އެހެންޏާ އަހަރެން ތަންތަނުގައި ކުލަލައި އުޅޭއިރު ގަޔަކު ފޭރާމަކު ކުލަކޮޅެއް އުނގުޅުނަކަ ނުދެމެވެ. އެކަމަކު އެ ގޭގައި އުޅޭއިރު އިސްތަށިގަނޑާއި، ރީތި ހެދުން ވެސް އޮންނަނީ މުޑުދާރުވެފަ އެވެ. ފިރާޝާ އައިސް އިރުއިރުކޮޅާއި ކުލަ ބަދަލު ކުރުވަ އެވެ. ހީވަނީ ގިނަ ކަމުން ފައިސާ އުކާން އުޅެނީ ހެނެވެ. ބައެއް ފަހަރު ހިތަށް އަރަ އެވެ. އަހަރެންގެ ނިކަމެތިކަން އެނގޭތީ އޭނާގެ މުއްސަނދިކަން ދައްކާލަނީ އެވެ.
އެހެންވިޔަސް ސިއްރު ނުކޮށް އަހަރެން ތެދައް ބުނަން ހެއްޔެވެ؟ އެ ގާތުގައި ފިރާޝާ އެނބުރޭތީ އަހަންނަށް ވަރަށް އުނދަގޫވެ އެވެ. އަދި އެހާ އުފާ ވެސް ވެއެވެ. އަހަރެން މަސައްކަތް ކުރާ ތަނުގައި އޭނަ ބަލަން ހުންނާތީ މަސައްކަތެއް ނުކުރެވެ އެވެ. މަސައްކަތް ކުރާ ހިތްވެސް ވެއެވެ.
"އަހަންނަށް މުނާޒު ވަރަށް ރީތި!" އެއް ދުވަހަކު ކުއްލިއަކަށް އައި އަޑެކެވެ. އެއްވެސް ޖެހިލުމެއްނެތި އޭނާ އަހަންނާ ދިމާއަށް ބުންޏެވެ. އަހަންނަށް ވީވަރަކީ އަތުގައި އޮތް ކުލަ ރޯލަރު ދޫކޮށްލެވުނީ އެވެ. ރޯލަރު ފުރޮޅިގެންގޮސް ޖެހުނީ ފިރާޝާ ހެދުމުގަ އެވެ.
"ތީ މަލާމާތެއް ދޯ؟"
"ނޫން. އަހަންނަށް ކަމުދާ ހުރިހާ ސިފަ އެއް މުނާޒުގެ ކިބައިން ފެނޭ...އަހަރެން އޭނާދެކެ ލޯތްބެއްނުވޭ، މި ބޮޑު ގެ އާއި މި މުއްސަނދި ކަމުން އަހަރެން ހިތެއް ފުރާލައެއް ނުދެވޭ..."
"އެޔޯ، ރަންގަނޑެއް ލިބުނީމާ ވެސް މީހުން އެއްލައިލާތަ؟"
"އޭނަ މުޅިން ދޮގުހަދަނީ. އޮޅުވާލައިގެން އުޅެނީ. އެހެންވެ ފޫހިވީ،"
އެ ގޭގެ މަސައްކަތް އަދިވެސް ނުނިމެއެވެ. އެކަމާ އަހަންނަށް އުނދަގޫ ވެސް ވެ އެވެ. އެ ގޭގައި މަސައްކަތް ކުރާށެވެ.
އެއް ދުވަހު މަސައްކަތް ނިންމާފައި ގެ އަށް އައިއިރު އަހަންނަށް ވަރަށް ފިކުރު ކުރެވުނެވެ. އެއީ ދެބަދޭތެރޭ ކުރެވުނު ފިކުރެއް ނަމަވެސް ދުވަހަކު ވެސް އަހަންނަށް އަދި ނުލިބޭ ކަހަލަ އަރާމެއް އެ ހިޔާލުތަކުން ލިބުނުހެން ހީވި އެވެ. ފަހަރެއްގައި އެއީ ވެސް އަހަރެންގެ ގަމާރުކަން ވީ ކަމަށް ވެދާނެ އެވެ. މިބުނަނީ ތެދަށެވެ. އަހަންނަށް ވިސްނުނީ ފިރާޝާއާ ދޭތެރޭގަ އެވެ. އަބަދުވެސް އަހަރެންގެ ޚިޔާލުތައް ދިޔައީ އެދިމާއަށެވެ.
ހަމަ އެރޭ އަހަރެން ސިހޭ ގޮތް ވެސް ވި އެވެ. ފެނުނީ ކުލަ ރޯލްތަކާއި ކުލަ ފާތާތައް ފުނި ޖަހައިގެން އަހަރެން ދިރިއުޅޭ އަވަނެއް ކަހަލަ ކުލީ ކޮޓަރިގަނޑުގެ ދޮރުމަތީގައި ފިރާޝާ ހުއްޓަ އެވެ. އޭރު އަހަރެން އުޅުނީ މިސްކިތެއްގެ ބޭރު ފާރުގައި ކުލަލައިދޭނެ އެސްޓިމޭޓެއް ހަދާށެވެ.
އަހަރެން ހައިރާންވި އެވެ. އެހާ ނަލަކޮށް ހުރެގެން ފިރާޝާ އަހަރެންގެ ކޮޓަރީގެ ތެރެއަށް ކުއްލިއަކަށް ވަނުމުންނެވެ. އަހަރެން ނިދަނިދާ ތަންމުޑު ވަސް ހިފާފައިވާ އެނދުގައި އިށީނދެފައި ފިރާޝާ އެރޭ ދައްކަން ފެށީ މުޅިން ވެސް މޮޔަ ވާހަކަ އެވެ. އަހަންނާ ނުލައި ދުނިޔެ މަތިން ފޫހިވާ ވާހަކަ އެވެ. އަހަންނަށް އިންތިޒާރުކުރެވޭ ވާހަކައެކެވެ.
އަހަރެން އޮޅުވައިނުލައި މި ބުނަނީ ތެދަށެވެ. ފިރާޝާ ދެއްކި އެއްވެސް ވާހަކައެއް އަމާޒު ވަނީ އަހަންނަށް ކަމެއް އެއް ގޮތަކަށް ވެސް އަހަންނަކަށް ނޭނގުނެވެ. އެއީ އަހަރެންގެ ގަމާރުކަން ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟
"މުނާޒު ދެކެ އަހަރެން ވަރަށް ލޯބިވޭ،" އިނދެއިނދެފައި އެންމެ ފަހުން ފިރާޝާ ބުންޏެވެ.
އެ ވާހަކަ ބުނާނެކަން އެނގޭތީ އަހަރެން ހައިރާނެއް ނުވެ އެވެ. އެކަމަކު ފާޑެއްގެ ހިންޏެއް އައެވެ. އެކަމަކު އެ ފާޑެއްގެ ލޯތްބެއްގެ ހުޅުކޮޅު ހަމަ އެ ރޭ ފެށިގެން ނަށަން ފެށި އެވެ. ވަރަށް ސިއްރުންނެވެ.
ފިރާޝާ އަހަރެން ދެކެ ލޯބިވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ކިބައިގައި ހުރީ އޭނާ ގަބޫލު ކޮން ސިފައެއް ހެއްޔެވެ؟ ކިތަންމެ ފަހަރަކު އެ ދެ ސުވާލު އަހަރެން އޭނާ ގާތު ކުރީމެވެ.
"މުނާޒަކީ އަސްލު ވަރަށް ރީތި މީހެއް."
"އަހަރެން ކުލައާ ތަތްތެޅިގެން ހުންނައިރު ވެސް ފިރާޝާ އަހަރެން ރީތިތަ؟"
"އާނ، އަހަންނަށް ވަރަށް ރީތި ރޭގަނޑު ފެންވަރައިގެން ހުންނަ އިރު. ވަރަށް ރީތި." އެހާ ހިސާބަށް ފިރާޝާގެ ވާހަކަ ހުއްޓާލި އެވެ. އެކަމަކު އަހަރެން ބޭނުންވީ އިތުރަށް ވެސް ތައުރީފެވެ. އެއީ އަހަރެން ވަރަށް ބޭނުންވާ އެއްޗެކެވެ.
"ދެނޯ،"
"ބުނަންތަ ވާހަކައެއް، ތިކަހަލަ ލޮލެއް، ތިކަހަލަ އިސްތަށިގަނޑަކާއި ތިހާ ހެޔޮވަރު އިސްކޮޅެއް ދިވެހި ކޮން ފިރިހެނެއްގެ ހުރީ؟" އަހަރެންގެ ދެ ލޮލާ އޭނާގެ މޫނު ކައިރިކޮށްލާފައި ބުންޏެވެ. އަތްލާން އުޅުނުހެން ހީވާތީ އަހަރެން ކުޑަކޮށް ދުރަށް ވެސް ޖެހިލީމެވެ.
ލޯބި ވަޒަން ކުރާނެ ހާއްސަ ސިފައެއް ނޯވެ ނޫން ހެއްޔެވެ؟ އެހެންވީމާ އެ ރޭ އަހަރެން ފިރާޝާއާ ހެދި މޮޔަވީއަކީ ނޫނެވެ. ފިރާޝާ އަހަރެން ދެކެ ލޯބިވާކަން ޔަގީނެވެ. އޭނާ އަހަރެންދެކެ ލޯބިވީ އެވެ. ކޮންމެ ވެސް ސަބަބުތަކެއް މެދުވެރިވެގެންނެވެ. އަހަރެން ގަމާރުކަމުން އެ ސަބަބު ހޯދައި ނުގަނެވުނީ އެވެ.
ފިރާޝާއަކީ އަހަރެން ހީކުރި ކަހަލަ ކުއްޖެއް ނޫނެވެ. ރީތިކަމާއި އެއްވަރަށް އޭނާގެ ހިތް ވެސް ރީއްޗޭ އަހަރެން އޭނާ ގާތުގައި ވެސް ބުނަމެވެ. އޭނާ މުއްސަނދި ކަމަށް ބޭނުމެއް ނުވެ އެވެ. އަހަރެން ދައްކާ ވާހަކަ ގަބޫލުކުރެ އެވެ. އަހަންނާއި އަހަރެންގެ މަސައްކަތަށް ލޯބިކޮށް ހިތްވަރު ދެ އެވެ. އޭނާ އުޅުނޯ ވަރަށް ލޯބިންނެވެ. ސިއްރުސިއްރުން ދެ މީހުން އުޅެމުން އައީ ވެސް ވަރަށް ލޯބިންނެވެ.
އެކަމަކު އަހަންނަށް އުނދަގޫވަމުން އައި ހަމައެކަނި މައްސަލަ އަކީ، ފިރާޝާއާއެކު ތަންތަނަށް ދާއިރު އާއި ކުލަލުމުގެ މަސައްކަތުގައި އުޅޭއިރު އަހަރެން ހަޑިކޮށް ހުންނާތީއޭ ބުނެ ކުރަމުން އައި ޝަކުވާތަކެވެ. އޭނާ ބުނަނީ އެއަށް ވުރެ ރީތިކޮށް ހުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް އަހަންނަކީ އެހެން މީހުން ލައްވާ މަސައްކަތް ކުރުވާފައި ބަލަން ދުރުގައި ހުންނަ މިޒާޖެއްގެ މީހެއް ނޫނެވެ. އެހެންކަމުން ހުރިހާ ކަމެއްގައި ވެސް އަހަރެން އަމަލީ ގޮތުން އުޅެމެވެ. ކުލަ މިކްސް ކުރަމެވެ. ރޯލަރު ހިފައިގެން ތަންތަނަށް އަރަމެވެ. ފުންމަމެވެ.
ސިއްރުވެފައި އޮތް އަހަރެމެންގެ ލޯބީގެ ހުޅުކޮޅު ކަނިވާންފެށީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވީ ފަހުންނެވެ. އަހަރެއް ފަހުން ތަސްވީރު މުޅިން ބަދަލުވީ އެވެ. ހަޑިވަމުން ހަޑިވަމުން ގޮސް ހުރިހާ ވަގުތެއްގައި ފިރާޝާއަށް އަހަރެން ހަޑިވެއްޖެ އެވެ. އަހަރެންގެ ނަޒަރުގައި އެ ހިސާބުން ފިރާޝާ ހުރީ އަހަރެންދެކެ ފޫހިވެފަ އެވެ. އޭނާ އަހަރެން ދޫކޮށްލައިފި އެވެ. ބުނޯ ދެން ނޫޅެވޭނެ ކަމަށެވެ. އަހަންނާ ބައްދަލު ކުރާކަށް ފިރާޝާ ބޭނުމެއް ނުވި އެވެ. އެންމެ ވާހަކައެއް ބުންޏެވެ:
"އަހަރެން މިއުޅެނީ ނަޖީބާއެކު ރީއްޗަށް އުޅެން. އަހަރެމެން އިންޑިއާ އަށް ބަދަލުވަނީ."
އަހަރެން ވަކި ބުނާނެ އެއްޗެއް އެބައޮތް ހެއްޔެވެ؟ މޮޔައެއްހެން ހުރީ އެވެ. ކުއްލިއަކަށް މިޖެހުނު މައްސަލަތަކަށް ހައްލެއް އަހަންނަށް ނުހޯދުނީމަ އެވެ. ފިރާޝާ އަށް ވިސްނައިދޭން ވެސް އުޅުނީމެވެ. އޭނާ ގަބޫލު ނުކުރީ އެވެ. އެހެންނޫނަސް އޭނާއަށް ވިސްނައިދޭން އަހަންނަކީ ކާކު ހެއްޔެވެ؟
ފިރާޝާ ގޮތް ދޫނުކުރުމުގެ ނަތީޖާއަކީ ފާލަމުގެ ދެކޮޅަށް ދެމީހުން ހިނގައިގަންނަން ޖެހުމެވެ. އަހަރެންމީ މޮޔައެއްނަމަ އެކަމެއް ވީ އެ ހިސާބުންނެވެ. ހަމަ ގައިމު ވެސް މީހަކު ދެކެ މާ ބޮޑަށް ލޯބިވުމުގައި ހުރި އުނިކަން އަހަންނަށް އިހުސާސް ކުރެވެން ފެށީ އެހާ ހިސާބުންނެވެ. ދުވާޅު މަސައްކަތް ނިންމާލާފައި ފިރާޝާގެ މަޑު އަތްތިލައިގައި ހިފަހައްޓާލައިގެން ތަފާޓު ވާހަކަތައް ދައްކަން ތިބުމުން ލިބުނު އުފަލަކީ ކިހާ ބޮޑުކަން އެއްޗެއް އެނގުނީ އެ ކަންތައްތައް އުނގުން ބީވުމުންނެވެ. ލޯތްބަކީ ބައެއް މީހުންނަށް ކިހާ އަނިޔާވެރި ކަމެއްކަން އެނގުނީ ވެސް އެ ހިސާބުންނެވެ.
ފިރާޝާ ދިއުމުން އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުވި އެވެ. ކޮންމެ ވަގުތަކު ވެސް ހުރެވެނީ ކޮންމެވެސް ހިޔާލެއްގަ އެވެ. މަސައްކަތަށް ފަރުވާ ބެހެއްޓުމުގެ ރީތި އާދަ އަށް ވެސް ބުރޫ އެރި އެވެ.
އެއް އަންހެން ކުއްޖަކު ވަކިވުމުން އަނެއް ކުއްޖަކު ލިބޭނެއޭ އެންމެން ވެސް ބުނެ އެވެ. ކުއްޖަކު ލިބިދާނެއޭ އަހަރެން ވެސް ބުނަމެވެ. އެކަމަކު އަންހެން ކުދިން ދެކެ އަހަރެން ފޫހިވާން ފެށި އެވެ. މާލެ ދެކެ ވެސް ފޫހިވާން ފެށި އެވެ. މަސައްކަތް ވެސް ދޫކޮށްލި އެވެ.
ދިރިއުޅުމަށްޓަކައި އަހަންނަށް މަސައްކަތްކުރަން އެނގެ އެވެ. މަސައްކަތް ކުރެވުނުކަން ވެސް އެނގެ އެވެ. އެކަމަކު އޭރު އަހަރެން ހުރީ މަރުކަޒުގެ މީހުން ބުނާ ފަދައިން ހަމަ ބުއްދިއަކު ނޫނެވެ. މޮޔައަކަށްވެފަ އެވެ. ގޮަވަނީ މޮޔަ އެވެ. އަހަރެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ހުސްކަން އުފެދުނީ ކީއްވެގެން ކަމެއް ނޭނގުނެވެ. އަހަރެން މޮޔަވި ކަމެއް ވެސް އަހަރެން ނުދެނަހުރީމެވެ. (ނިމުނީ)