ބޭރު ކުޅިވަރު

ރޯމާގެ ކޯޗަކަށް ކުރީގެ މިޑްފީލްޑާ ޑި ފްރެންޗިސްކޯ

Jun 15, 2017

އިޓަލީގެ އޭއެސް ރޯމާގެ ކޯޗަކަށް، އެޓީމަށް، އިޓާލިއަން ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުރީގެ މީޑްފީލްޑާ އެޔުސޭބިއޯ ޑި ފްރެންޗިސްކޯ ހަމަޖައްސައިފި އެވެ.

އޭނާ މީގެ ކުރިން ހުރީ އިޓަލީގެ ސަސްސުއޯލޯގެ ކޯޗަކަށެވެ. ރޯމާގެ ކޯޗަކަށް ޑި ފްރެންޗިސްކޯ ހަމަޖެއްސީ، ނިމިދިޔަ ސީޒަންގައި އެ ޓީމަށް ކޯޗް ކޮށްދިން، ލޫސިއާނޯ ސަޕެލެޓީ، އެޓީމުގެ ކޯޗް ކަމުން އިސްތިއުފާ ދިނުމުން ނެވެ. ސަޕެލެޓީ ވަނީ މިހާރު އިންޓަ މިލާންގެ ކޯޗް ކަމާ ހަވާލު ވެފަ އެވެ.

"އަހަންނަށް އިހްސާސް ކުރެވެނީ އެތައް އަހަރަކަށް ފަހު އެނބުރި ގެއަށް އާދެވުނު ހެން،" 2001 ވަނަ އަހަރު، އިޓާލިއަން ލީގް ޗެމްޕިއަންކަން ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔާ ބުންޏެވެ.

"ކުރިއަށް ވުރެ ބޮޑު ކާމިޔާބެއް ހޯދުމުގެ ބޭނުން ވަރަށް ބޮޑު އަދި ހިތްހަމަޖެހޭ ޓީމެއް ބިނާ ކުރަންވެސް ބޭނުން." ޑި ފްރެންޗިސްކޯ47 ބުންޏެވެ.

އޭނާ ވަނީ 2013 ވަނަ އަހަރު، ސަސްސުއޯލޯ އިޓަލީގެ ފުރަތަމަ ޑިވިޝަނަށް ގެންގޮސް ދީފަ އެވެ. އަދި މިދިޔަ ސީޒަންގައި އެ ޓީމު ލީގް ނިންމާލީ 12 ވަނައިގައި އޮވެގެން ނެވެ.

ނިމިދިޔަ ސީޒަންގައި، ލީގް ދެ ވަނައިގައި ނިންމާލި، ރޯމާއިން ދަނީ އަންނަ ސީޒަނަށް ތައްޔާރު ވުމަށް، އާ ކުޅުންތެރިން ހޯދަމުން ނެވެ. އެޓީމުން ވަނީ، މިދިޔަ ސީޒަންގައި، ހޮލެންޑްގެ ޕީއެސްވީ އެންދޯވަން އަށް ކުޅުނު މޮރޭނޯ އެޓީމަށް ގެނެސް ފައެވެ. އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގްގައި ރަނގަޅު ހިސާބަކަށް ދިއުމަކީވެސް ރޯމާގެ އަމާޒެކެވެ.