- ވަޅި ހަރައިގެން އަވާޙަރަކޮށްލަން ރޭވި
- ވިހައެއް ދީގެން ނިންމާލަން މަސައްކަތްކުރި
- މައްސަލައިގެ ފައިލް ލެއްޕުނީ އިބްރާހިމްދީއާ ހަމައަށް
ވަރުގަދައަށް ހިލިހިލާ ޖަހާފައިވާ އެމީހާ އުފުލާލައިގެން ރައްޔިތުން ގެންދިޔައީ މާލޭގެ ގުޅަކުޅޭ ފަސްގަނޑަށެވެ. އެއްވެ އޮތް މީހުން ހިލިހިލާގަނޑާއި ބިޑި ކަނޑައިލާ ސިފައިންގެ އަތްމައްޗަށް އުފުލައިލި އެވެ. އެ އެންމެންގެ ކުރިމަތީގައި އެމީހާ ގޮވައިލި އެވެ.
"އަޅުގަނޑު މިހުރީ އެވެ! ބޭކަލުން އަޑު މަޑު ކުރައްވާށެވެ!" ދެ ފައިގައި ވަރުގަދަށް ހިލިހިލާ ޖަހާފައި ވަނިކޮށް އުފުލާލައިގެން ގެނައި މީހަކީ އަންނަބީލު އިބުރާހިމް ހަބީބެވެ. އޭނާ ހިލިހިލާގެ ކަސްތޮޅުގައި އޭރު އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ވެއްޖެ އެވެ. އެއީ ވަޅި ހަރައި މުހައްމަދު އަމީނު އަވާހަރަކޮށްލަން ރޭވި ރޭވުމެއް ފަޅާއަރައި ކުށްވެރިވެގެނެވެ.
އެއީ އޯގަސްޓް ،21 1953 ގައި މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބު ކޮށްލުމަށް އަމީނުގެ ނައިބު ރައީސް ވެލާނާގޭ އިބުރާހިމް މުހައްމަދު ދީދީ އިސްވެ ހުންނަވައިގެން ދުރާލައި ރޭވި ޕްލޭނުގައި ރައްޔިތުންގެ ނަމުގައި މާލޭގެ ގުޅަކުޅޭ ފަސްގަނޑަށް މީހުން އެއްކޮށް އެންމެ ވަރުއެރި ވަގުތެވެ.
މުހައްމަދު އަމީން އަވަހާރަކޮށްލުމަށް ރޭވުނު ކަމަށް ބުނާ ރޭވުންތަކެއްވެ އެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ ޑިސެންބަރު 30، 1950 ގައި އޭނާގެ ހަށިކޮޅަށް ވަޅި ހަރަން ރޭވި ރޭވުމުގެ އަޑީގައި މުހައްމަދު ފަރީދު ހުންނެވި ބާވަ އެވެ؟ މުހައްމަދު އަމީނާއި މުހައްމަދު ފަރީދަކީ ދެބެންގެ ދެ ދަރިންނެވެ. ސާޖެންޓް އިބުރާހިމް ހަބީބަކީ މުހައްމަދު ފަރީދުގެ ކޮއްކޯފުޅެކެވެ. މި ބޭފުޅުން ހަސަދަވެރިވެ ތޫނު ހަތިޔާރުން އަނެއް ބޭފުޅަކު އަވަހާރަކޮށްލަން ރާވާ ފާނެ ހެއްޔެވެ؟
ކޮންމެއަކަސް މުހައްމަދު އަމީނު އަވަރާހަރަކޮށްލުމަށް ޕްލޭން އޭއަކާއި ބީއެއްގެ އިތުރުން ސީއެއް ވެސް އައެވެ. އޭގެ ތެރެއިން އެއް ޕްލޭނަކީ ޑިސެމްބަރު 30، 1950 ގެ ރޭވުމެވެ. މި ރޭވުމަށް ބަލާއިރު ބޭރު ފުށަށް ފެންނަނީ އެއީ ސީދާ މުހައްމަދު ފަރީދުގެ ޕްލޭނެއް ކަމަށެވެ. ރާއްވަވާފައި ވަނީ އެކަތި ފަހަރުން ނޫން ނަމަވެސް މުހައްމަދު އަމީނު އަވާހަރަކޮށްލުން ކަމެވެ. ހަމަލާގެ އިސް ހަރަކާތްތެރި އަކީ ސާޖެންޓް އިބުރާހިމް ހަބީބު ކަމެވެ. ޑޮކިއުމެންޓްތަކުން ފެންނަނީ ވެސް އެހެނެވެ.
އެފަދަ ހަމަލައެއް ދެވޭވަރުގެ ގާބިލު މީހަކު އެ ދުވަސްރު މަދުވާނެ އެވެ. އަންނަބީލު އިބުރާހިމް ހަބީބަކީ ސިފައިންގެ ތަމްރީނުތައް ލިބިވަޑައިގެން ހުންނެވި އެއް ނަމްބަރުގެ ފަހުލަވާނެކެވެ. މި ޕްލޭންގެ އަޑީގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް އެކަމަށް އޭނާ ބޭނުންކޮށްފައި ވަނީ އެއީ އެކަމަށް އެންމެ ގާބީލު މީހާ ކަމަށް ބަލައިގެނެވެ.
މުހައްމަދު އަމީނަށް ވަޅިން ހަމަލާދީ އަވަހަރަކޮށްލުމަށް ވިދާޅުވީ މުހައްމަދު ފަރީދު ކަމަށް ހަބީބު އިއުތިރާފުވެވަޑައިގެންނެވި ލިޔުންތައް "އެކިއެކި ކަން ލިޔާ ފޮތު" ގައި ހުންނާނެ އެވެ.
ޑިސެންބަރު 30، 1950 އައި އިރު މުހައްމަދު އަމީނަކީ ގައުމު ހިންގުމުގެ "އިންޖީނެ" ވެ. އެކަމާ ނުރުހޭ މީހެއް ނަމަ ޖެހޭނީ މުހައްމަދު ހުއްޓުވާށެވެ. އެ ޕްލޭން ރޭވި ބަޔަކު ބަލައިފައި ވަނީ އެއީ އެންމެ ރަނގަޅު ދަނޑިވަޅު ކަމަށެވެ. އެރޭ އިރު އޮއްސުނު އިރު މަދަރުސަތުއް ސަނިއްޔާ ކައިރީ ޕާކުކޮށްފައި މުހައްމަދު އަމީނުގެ ބައިސްކަލް ހުއްޓެވެ. މާނަ އަކީ މަދަރުސާގެ ތެރޭގައި މުހައްމަދު އަމީނު އުޅުއްވުމެވެ. އޭރު އެ މަދަރުސާ ހުންނަނީ މިހާރުގެ ގިރިޓީގެ އެހުރި ކޮށީ ތެރޭގަ އެވެ. އެރޭ ހަބީބު ގެއިން ނުކުމެވަޑައިގެން ބައެއް ރައްޓެހިންގެ ގޭގެއަށް ވަދެވަޑައިގެން ރަށުތެރޭގައި އުޅުއްވި އެވެ. ޗާންދަނީމަގުގެ އުތުރު ކޮޅުން ބަގީޗާގޭ ކުރިމަތިން ގިރިޓީގެ ހިމެނޭ ކޮށީގައި ހުންނަ ޓަކިބޭ މިސްކިތާ ހަމައިން ފަރާތް ފަރާތަށް ބައްލަވާފައި ގެއަށް ވަޑައިގަންނަވަނީ އެވެ. ފަހުން ވެސް އެރޭ ނުކުމެވަޑައިގެން އުޅުއްވި އެވެ. ހޭންވޭރުގެ އަށް ވެސް ވަދެވަޑައިގަތެވެ.
ހަބީބުގެ ހަރަކާތްތައް ޝައްކު އުފެދޭ ގޮތްވުމުން އޭނާ ހުއްޓުވައި އަތިރީގެއަށް ގެންދެވުނެވެ. ގަރުނުގެ ފޮތުގައި ބަޔާންކޮށްފައި ހުރި ލިޔުންތަކަށް ބަލާއިރު ހަބީބު އެހެން އުޅުއްވި ދުވަހުގެ ކުރިން އެމަހުގެ 15 ވަނަ ދުވަހުގެ ތާރީހުގައި އަހުމަދު ކާމިލު ދީދީ މުހައްމަދު އަމީނަށް ފޮނުއްވި ސިޓީއެއްގައި ހުރި ވާހަކަތަކުން އެކަން (ހަބީބު އުޅުއްވި ގޮތް) މުހައްމަދު އަމީނަށް އެނގިވަޑައިގެންފައި އޮތުމަކީ މި ޝައްކުވި ސަބަބު ކަމަށް ބެލެވެ އެވެ.
ހަބީބު އަތިރީގެއަށް ގެންދިޔައިރު އެގޭގައި އޭރު ސިފައިންގެ އޮފިސަރު ބަންދު މުހައްމަދު ކަލޭފާނާއި ވެލާނާގޭ އިބުރާހިމް މުހައްމަދު ދީދީގެ މައްޗަށް އެކުލެވޭ ތަހުގީގު ކޮމެޓީއެއް އޮތެވެ. އެ ކޮމެޓީން ސުވާލުތައް ކުރަން ފެށުމުން ހަބީބު ވިދާޅުވި ކަމަށް "އެކިއެކި ކަންކަން ލިޔާ ފޮތާ" ހަވާލާދީ ތާރީހު އިލްމުވެރިޔާ ކަށިމާ އަހުމަދު ޝާކިރު ލިޔުއްވާފައި ވަނީ ފުރަތަމަ ހަބީބު ދެއްކެވީ ވަރަށް ތާކުން ތާކު ނުޖެހޭ ގަބޫލު ކުރަން ދަތި ވާހަކަތަކެއް ކަމަށެވެ.
"ސިޓީއެއް ދައްކަވާފައި ވިދާޅުވަނީ މި ބައްލަވާށޭ، މިއޮތީ އެ ސިޓީ،" ޝާކިރު ވިދާޅުވި އެވެ. "މި ސިޓީ އަށް ބަލާފައި އަޅުގަނޑަށް ލަފާކުރެވެނީ ރޭވިގެން ލިޔެފައިވާ އޮތް ސިޓީއެއް ކަމަށް. ހަބީބު ހަމަނުޖެހޭ ގޮތަކަށް އުޅުއްވި އުޅުއްވުމަކީ ވެސް އެކްޓް ކުރުމެއް ކަމަށް."
އެ ސިޓީގައި ބުނަނީ "މުހައްމަދު ޝަމްސުއްދީނަށާއި މަގޭ މަންމާފުޅަށް އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ރަސްކަމަށް އަރާވަޑައިގަތުމަށްޓަކައި މުހައްމަދު ޝަމްސުއްދީނު ރަސްކަމުން ބާލަންވެގެން ރޭވި ރޭވުންތަކާއި އެވާހަކަތައް މަންމާފުޅަށް އެނގިވަޑައިގަންނަވާކަމުން ދައްކަވާފާނެތީ މަންމާފުޅު އަވަހާރަކޮށްލުމަށްޓަކައި ކުރި ކަންތައްތަކާއި އެކިއެކި ދުވަހުން އެކި ވާހަކަ އެކި ތަންތަނުން ފެންނާނެ" އޭ އެވެ.
"... މިނޫނަސް އެކި ޒާތްޒާތުގެ ވާހަކަތައް ސިއްރިޔާތުގައި އެކި މީސްމީހުންގެ ހިތުގަ އާއި ރަށުތެރޭގައި ފެތުރޭނެ އެވެ. އަދި ރާއްޖެތެރެއަށް އެކި ދުވަސްވަރުން މިކަހަލަ ކަރުދާސް ފެންނަމުންދާނެ އެވެ. މިއިން ކަރުދާހެއް ފެނުނު ކޮންމެ މީހެއްގެ ހިތުގައި މިކަހަލަ ވާހަކަތައް ބަހައްޓައި އަދި ނުފެނުނަސް އެމީހަކަށް އެނގިފައި ހުންނަ ވާހަކަތައް ކަރުދާސް ކަރުދާހުގައި ލިޔެ ހެދުމީ މަގޭ ރޫހުގެ ފާތިހާ" ކަމަށެވެ.
އެ ސިޓީގައި އަދި ވެ އެވެ: "...ކޮންމެ ކަރުދާހެއްގައިމެ މަރަން ދޭ ބޭސްތަކާއި ލާ ވިހަތަކާއި އެވިހަތައް އެކި ގޮތްގޮތުން އެކި ބަދިގެ ބަދިގޭ މީހުންނަށް ސިއްރުން ދަސްކޮށްދީ ހަދާށެވެ. އެހެނީ މަގޭ ފުރާނައަށް ނުވަތަ މަ ކުށްވެރި ކުރިޔަސް އަތިރީގޭ މަތިކޮޅުގެ ހުރިހާ ދަރިން މި ގޮތުން ނުވަތަ އަދި މިނޫން ގޮތަކުން މަރާ ހުސްކޮށް ދިވެހި ރާއްޖޭގައި ތިޔާގިކަން އުފައްދައި މިނިވަންކަން ފައިދާ ކުރާށެވެ. މި މަސައްކަތްކޮށް މިކަހަލަ ތިޔާގިކަމާއި މީސްތަކުންނަށް އުފަލުގައި އަތިރީގޭ މަތިކޮޅުގެ އަނިޔާވެރިކަމުން ދިވެހިރާއްޖެ މިންޖުކުޅަ ކޮންމެ އަޅަކަށް މާތް ﷲ ދެ ދުނިޔޭގެ ރަހުމަތް ލައްވާނެތެވެ."
"މިއީ ދޮންބަންޑަރައިންގެ މަތިކޮޅުގެ ރޫހު ތެދުވުމޭ" ވިދާޅުވުން ފަދަ އެނޫނަސް ބައިވަރު ވާހަކަ އެ ސިޓީގައިވެ އެވެ.
މި ސިޓީ ވީ މައްސަލައިގެ ސައިޒު ބޮޑުވެ ތަހުގީގު ވަރުގަދަ ކުރަން ޖެހުނު ސަބަބަކަށެވެ. އެގޮތުން އަތީރިގެއިން ބަނޑޭރިގެ އަށް ބަދަލުވެ ތަހުގީގު ރަސްމީ ކުރި އެވެ. ވާހަކަތައް ކިޔައިދެއްވަމުން ދިޔައިރު ހަބީބު ވިދާޅުވީ "މުހައްމަދު އަމީން ކޮއްކޮ ގަޔަށް ވަޅިއެއް ހަރަނިކޮށް ތިމަންނާ އަށް ރަސްކަން ލިބިދާނެއޭ،" އޭނާ ގާތުގައި މުހައްމަދު ފަރީދު ވިދާޅުވި ކަމަށެވެ.
އެ ބަޔާނަށް ބަލާއިރު ރޭވިފައި އޮތް ގޮތެއްގެ މަތިން އެރޭ ވަޅިން ހަމަލާދީ މުހައްމަދު އަމީނު އަވަހާރަކޮށްލުމުގެ ހަރަކާތްތައް ފެށުނީ ކަމަށް ވެސް ބެލެވިދާނެ އެވެ. އަދި އެއީ އެކަތި ފަހަރުން ނިންމައިލުމަށް ރާވާފައި އޮތް ރޭ ކަމަށް ފަހަރުގައި ނުވެދާނެ އެވެ.
އެހެނީ އެރޭ ހަބީބު ހެންވޭރުގެއަށް ވަޑައިގެން އަހުމަދު ކާމިލު ދީދީ އަރިހުގައި ކެމިސްޓްރީ ފޮތެއް ލިބިދާނެތޯ އެއްސެވިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވެ އެވެ. އަހުމަދު ކާމިލު ދީދީ އާއި އިބުރާހިމް ހަބީބަކީ ވެސް ކެމިސްޓްރީ އިލްމު ދެނެވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. ފަހަރުގައި ރޭވުމުގައި އޮތީ ވަޅީގެ ހަމަލަ ކާމިޔާބު ނުވި ނަމަވެސް ބާރުގަދަ ވިހައެއްގެ އެހީގައި އަމީނު އަވަރާކޮށްލުން ކަމަށް ވެދާނެ އެވެ.
"ކެމިސްޓްރީ ފޮތެއް ދީބަލާށޭ" ހަބީބު ވިދާޅުވީމާ އެރޭ ޝައްކުވި ކަމަށް އަހުމަދު ކާމިލު ދީދީ ވެސް ޝަރީއަތުގައި ވިދާޅުވި އެވެ. ހަބީބު އެ އުޅުއްވީ ވިހައެއް ހަދައިގެން ބޭނުން ކުރަންކަން ނޫނީ މީހަކަށް ވިހައެއް ދޭންކަން ކަމަށް ޝައްކު ކުރެވުނު ކަމަށް ޝަރީއަތުގައި ވެސް ކާމިލު ދީދީ ވިދާޅުވި އެވެ.
"އަޅުގަނޑަށް ލަފާ ކުރެވެނީ އެރެއަކީ ހަމަލާގެ ރޭ ކަމަށް. ލިޔެކިޔުންތަކުން ވެސް ފެންނަނީ އެހެން،" ޝާކިރު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވި ވާހަކަތަކުގެ ސީރިއަސް ކަމުން ތަހުގީގަށް މުހައްމަދު ފަރީދު ހާޒިރުކޮށް ސުވާލު ކުރި އެވެ. އޭނާ ކުރެއްވީ އިންކާރެވެ. އެކަމަކު އަބްދުﷲ ފަހުމީ ދީދީ އާއި ޝޭހު އިބުރާހިމް ރުޝްދީ އާއި އިބުރާހިމް މުހައްމަދު ދީދީ އާއި އިބުރާހިމް ޝިހާބުގެ ހާޒިރުގައި ހަބީބު ދެއްވި ބަޔާނެއް އޭރު އޮތެވެ.
އެ ބަޔާނުގައި ބުނަނީ ޑިސެމްބަރު 29، 1950 ވީ ހޮނިހިރ ވިލޭ ރޭ އޭނާގެ ބޭބޭފުޅު އަލްއަމީރު މުހައްމަދު ފަރީދު ފާށަނާކިލެގެފާނާ ބައްދަލުވެ ވާހަކަފުޅު ދައްކަވަމުން ގޮސް "މުހައްމަދު އަމީން ކޮއްކޮގެ ގަޔަށް ވަޅިއެއް ހަރަނިކޮށް ތިމަންނަ އަށް ރަސްކަން ލިބިދާނެއޭ. އޭރުން އިބްރާހިމް ހަބީބަށް މާލިއްޔާގެ ވެރިކަން ދީފާނަމޭ" ވިދާޅުވި ކަމަށެވެ. އެ ބަޔާނަކީ ހެޔޮ ވިސްނުމުގައި ސަލާމަތުން ހުރެ ދެއްވި ބަޔާނެއް ކަމަށް ވެސް އިއުތިރާވެ ވަޑައިގެންފައިވެ އެވެ.
މުހައްމަދު ފަރީދަކީ އޭރު ވަލީ ކޮމެޓީގެ މެންބަރެކެވެ. އެހެންކަމާއެކު ހަބީބު ފިތުނަވެރި ވާހަކަތަކެއް ދައްކަވަނީ ކަމުގެ ވިސްނުން ވެސް ތަހުގީގު ކޮމެޓީން ގެންގުޅުނެވެ.
ނަމަވެސް އަހުމަދު ކާމިލު ދީދީ މުހައްމަދު އަމީނަށް ފޮނުއްވި ސިޓީ ވެގެން ދިޔައީ ވަރަށް މުހިންމު ހެތްކަކަށެވެ. އޭގައި އޮންނަނީ މުހައްމަދު ފަރީދު ހެންވޭރުގެ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައި އިބުރާހިމް ފާމްލަދޭރި ކިލެގެފާނު އަރިހުގައި އަހުމަދު ބޭބެ (އަހުމަދު ކާމިލު) ބައްޕަ ދޫކޮށްފައި ކޮއްކޮ އަށް (އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގަފާނު ދޫކޮށްލައި މުހައްމަދު އަމީނަށް) ނަސްރު ދެނީއޭ ވިދާޅުވި ކަމަށެވެ.
އެ ސިޓީގެ އަދި އޮންނަނީ "... އަޅުގަނޑު ދެންނެވީމޭ އާދޭހޭ އަޅުގަނޑު މިހުރީ ކޮއްކޮ އަށް ނަސްރުދޭށޭ ހެޔޮގޮތުގައި ތަނަށް ހިދުމަތްކުރާ މީހުންނަށް ނަސްރު ދިނުމީ ވާޖިބެކޭ ބައްޕަ ވެސް އެންމެ ފަހުން ވިދާޅުވެފައި ވަނީ ކޮއްކޮ އަރިހުގައި އެންގެވި ކަމެއް ކޮށްގެން އުޅުމަށެވެ. އާދޭހޭ މިދަންނަވަނީ ތިޔަ ބާވަތުގެ ގޯސް ވާހަކަ އަޅުގަނޑު ގާތުގައި ނުދައްކަވާށޭ އަޅުގަނޑުގެ ސިކުނޑި ހަލާކުވެދާނެއޭ އަޅުގަނޑު ކޮއްކޮ އަރިހުގައި އުޅުނަ ދެއްވާށޭ ވަނެ ގޮތެއް ވެގެން ހިނގައިދާނެެއޭ."
އެރޭ މުހައްމަދު ފަރީދު ދެއްކެވި ވާހަކަފުޅުގައި "މިއުޅޭ މުނާފިގުން ދެރަ ނުވަނީހެއް" އޭނާގެ ބައްޕަ އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނު މާލެ ވަޑައެއްނުގަންނަވާނެ ކަމަށާއި މުހައްމަދު އަމީނު އުޅުއްވަނީ އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ރަސްކަމަށް ގެންނަން ކަމަށް ވިދާޅުވި ކަމަށް ވެސް އަހުމަދު ކާމިލް، އަމީނަށް ފޮނުއްވި ސިޓީގައިވެ އެވެ. އަމީނަށް މި ސިޓީ ލިބިވަޑައިގަތުމާ އެކު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއަކަށް ހުށަހަޅައި މުހައްމަދު ފަރީދު ދެއްކެވިކަމަށް އަހުމަދު ކާމިލު ދީދީ ދައްކަވާފައިވާ ވާހަކަފުޅުގެ ހަގީގަތް ބައްލަވައި ދެއްވުމަށް އެދިވަޑައިގަތެވެ.
މި މައްސަލަ އަށް ބަހުސްކޮށް މަޖިލީހުގެ އިއްތިފާގުން ފާސްވީ ރައްޔިތުންނާއި މަޖިލީހުގެ އިތުބާރު އަމީނުގެ މައްޗަށް ދެވިފައި ވަނީ މީހަކު ފޮނުވާ ސިޓީއެއްގެ މައްޗަށް ބިނާކޮށް މަޖިލީހުން އަމީނުގެ މައްޗަށް ދައުވާއެއް ކުރާން ފަށާވަރަށް ވުރެ ތަންދޭ މާމަތީ ދަރަޖައަކަށް ކަމަށެވެ.
ނަމަވެސް މަޖިލީހުގެ ގަވައިދުގެ 24 ވަނަ މާއްދާގެ ދަށުން އެހެން ކަމެއް ފާސްކުރި އެވެ. އެއީ ދައުލަތް ހިންގަން އިސްވެ ހުންނެވި އިސް ވެރިޔާއާ މެދު ވަލީ ކޮމެޓީގެ މެންބަރަކު ދެއްކެވި ކަމަށް އަހުމަދު ކާމިލު ދީދީ ވިދާޅުވާ ވާހަކަތައް ގާނޫނު އަސާސީގެ 66 ވަނަ މާއްދާގެ ދަށުން ޝަރީއަތުން ބެލުމަށެވެ.
މަޖިލީހުގެ މި ނިންމުމާ އެކު އުއްތަމަ ފަނޑިޔާރު ފަލީލަތުއް ޝޭހު އަބްދުﷲ ޖަލާލުއްދީނުގެ ރިޔާސަތުގެ ދަށުން ތަހުގީގު ފެއްޓެވި އެވެ. އަހުމަދު ކާމިލާއި މުހައްމަދު ފަރީދު ހާޒިރުކުރުމުން ސިޓީގައި ހުރި ވާހަކަތައް ހަމަ އެގޮތަށް ކާމިލުދިދީ ވިދާޅުވި އެވެ. އެފަހަރު ވެސް މުހައްމަދު ފަރީދު ކުރެއްވީ އިންކާރެވެ. ނަމަވެސް "ދައުލަތުގެ ފައިސާ އަށް މުހައްމަދު އަމީނު ހައްދަވަނީ ހިތްޕުޅަށް އެރި ގޮތެކޭ. ރާއްޖޭގެ ރައްޔިތުންނަށް ފުދޭވަރަށް ކާބޯތަކެތި ނުގަނެވިގެން މިއުޅެނީ އެކަމުގެ ނަތީޖާއެއްގެ ގޮތުންނޭ ރައްޔިތުންނަށް ދަތިކަން ލިބެނީ މުހައްމަދު އަމީނު މިތަން ހިންގަވާ ގޮތަކުންނޭ ދިވެހި ދައުލައުގެ ފައިސާ އަށް ވާނުވާ ގޮތެއް ނޭނގެއޭ. ރަންނަ ބަނޑޭރި ކިލެގެފާނުގެ ސިޓީފުޅެއް ވެސް ނައުކޮޅުން ލިބިވަޑައެއް ނުގަންނަވައޭ. ތަނަކު ބަންދުވީ ނޫންކަން ވެސް ނޭނގެއޭ." މުހައްމަދު ފަރީދު ވިދާޅުވި ކަމަށް ފަސް މީހަކު ހެކިބަސް ދިނުމާ އެކު މުހައްމަދު ފަރީދު އިއުތިރާފު ވެއްޖެ އެވެ.
ކުށަށް އިއުތިރާފުވެ ވަޑައިގެންނެވި ނަމަވެސް ދެން ވިދާޅުވީ އާ ވާހަކައެކެވެ. އެއީ މުހައްމަދު އަމީނު އިބްރާހިމް ފާމްލަދޭރި ކިލެގެފާނަށް ރަސްކަން ދޭން އުޅޭ ކަމަށް އޭނާ ގާތުގައި ވިދާޅުވީ ވެލާނާގެ އިބުރާހިމް މުހައްމަދު ދީދީ ކަމަށެވެ.
އަމީނާއި އިބުރާހިމް މުހައްމަދު ދީދީއާ ގުޅޭ ކޮންމެ ކަމެއްގައި އިބްރާހިމް މުހައްމަދު ދީދީއާ ހަމައިން ބުރަކި ޖެހޭ ގޮތަށް މިކަން ވެސް ވީ އެހެނެވެ. އެއީ އޭނާއާ ބެހޭ ގޮތުން މުހައްމަދު ފަރީދު އެދެއްކެވި ސާބިތު ނެތް ވާހަކައަކަށް ވީ އެވެ. މައްސަލަ އިތުރަށް ބަލާ ނަމަ އޭނާގެ ނަމަށް ކިލަނބު ކަމެއް އަތުވެދާނެ ކަމަކަށްވީ އެވެ. ނަތީޖާއަކަށްވީ ފައިލް ލައްޕާލުމެވެ. އިތުރަށް މައްސަލަ ނުބަލައި މުހައްމަދު ފަރީދު ވަލީ ކޮމެޓީން ވަކިކުރައްވައި ގޭގައި ބަންދުކުރުމަށެވެ. އިބުރާހިމް ހަބީބު ވެސް ހައްޔަރު ކުރުމެވެ.
ސުވާލަކީ މިއީ ހަމަ މުހައްމަދު ފަރީދުގެ ޕްލޭނެއް ހެއްޔެވެ؟
ތާރީހު އިލްމުވެރިން ވިދާޅުވާ އެއް ވާހަކަ އަކީ "ކަން އެގޮތަށް ހިނގާފައިވާ" ކަމަށާއި އެކަމަކު އެއީ މުހައްމަދު ފަރީދުގެ ރޭއްވުމެއް ކަމަށް ނުފެންނަ ކަމަށެވެ. މާނަ އަކީ ފޮރުވިފައިވާ ފަރާތެއް ހުރުމެވެ. އަނެއްކޮޅުން ޝަރީއަތުގެ އެންމެ ފަހު ވަގުތު އިބުރާހިމް މުހައްމަދު ދީދީގެ ވާހަކަ އައުމާއި އެހިސާބުން މައްސަލަ ނިންމައިލުމުން އޭނާ އެކަމުގައި ބައިވެރިވެފައިވޭތޯ ސުވާލު ކުރެވެން އެބަ އޮތެވެ.
"ވިސްނަވާ ދައުރު ބަދަލުކޮށްލި ވަގުތު އިބުރާހިމް ހަބީބު ހިލިހިލާގަނޑާ އެކު އައިސް ހުރީ. އެއީވެސް ކޮންމެވެސް ބަޔަލު ގެނައިމަތާ. މިކަހަލަ ސަބަބުތަކާ ހުރެ ދަލީލު ކޮށްދޭ އެހެން މީހެއްގެ ރޭވުމެއްގެ ދަށުން ހިނގާފައިވާ ކަމެއްކަން،" ޝާކިރު ވިދާޅުވި އެވެ. "ލީޑަރަކީ ބޮޑަށް ފަރީދެއް ނޫން. އަޑީގައި މީހަކު ހުރި ކަމަށް ބޮޑަށް ބެލެވެނީ."
އިބްރާހިމް މުހައްމަދު ދީދީ އަކީ މުހައްމަދު އަމީން އެންމެ އިތުބާރު ކުރައްވާ ފަރާތަށް ވެފައި އޭނާއާ މެދު ޝައްކެއް ވެސް ނުކުރެވޭނެ ގޮތަށް ހުރިހާ ކަމެއް ރޭވިފައި އޮތުމާ އެކު، ޝަރީއަތުގައި އޭނާގެ ވާހަކަ އައި ހިސާބުން ހުއްޓާލުމާއި އަދި އަމީނުގެ ވެރިކަން ނިންމައިލި ގޮތުގެ މައްޗަށް ބަލައި ތާރީހުގެ އިލްމުވެރިން ސީދާ އިބްރާހިމް މުހައްމަދު ދިދީގެ ރޭވުމެކޭ ވިދާޅު ނުވިއަސް އެއީ އޭނާގެ ރޭވުމެއް ކަމަށް ބަލާނެ ޖާގަ އެބަ އޮތެވެ.