ލައިފްސްޓައިލް

އަންހެނުންނާ އެކު ބާޒާރަށް ދާން ފިރިހެނުން ފޫހިވޭ

"އަދި ކިތައް ފިހާރައަށް މިރޭ ވަންނަން ޖެހޭނެ؟" ފޫހި ގޮތަކަށް އެ ފިރިހެން މީހާ ޝަކުވާ ކުރި އަޑު އިވުނެވެ.

"އަދި 10 ޖަހަން އެބަ އޮތް ވަގުތު. އެހެން ވީމަ ދެވޭނެ ދެތިން ތަނަށް. މިތަނަށްވުރެ ރީތި އެއްޗެހި ހުރެދާނެ އެކޮޅު ފިހާރަ އެއްގައި،" އެއީ އެމީހާގެ އަންހެނުން ދިން ޖަވާބެވެ. މެދު އުމުރުގެ ދެމަފިރިއެއް ހެން ބަލާބެލުމަށް ހީވެ އެވެ.

ހީވާ ގޮތުން އެ ދެމަފިރިން ނުކުމެ އުޅެނީ އީދު އަންނަން ވާއިރަށް ކުދިންނަށް އާ ހެދުން ގަންނަން ނުކުމެ އެވެ. ފިރިމީހާ ބޭނުންވަނީ އެންމެ ފުރަތަމަ ވަންނަ ފިހާރައިން ހުރިހާ އެއްޗެއް ގަނެގެން ދާށެވެ. އެކަމަކު އަންހެނުން އެގޮތާ ގަބޫލެއް ނޫނެވެ. އަންހެނުން ބުނަނީ އެއްޗެހި ގަންނަންވާނީ އެންމެ އަގުހެޔޮ ފިހާރައިން ކަމެވެ. އަދި ފަހުން ވަދެވޭ ފިހާރައަކުން މާ ރީތި އެއްޗެހި ފެނިދާނެ ކަމަށެވެ.

ބައެއް ދެމަފިރިން ވަރިވާ ހިސާބަށް މި މައްސަލަ ގޮސް އެބަ ހުއްޓެވެ. އަންހެނުންނާ އެކީގައި ބާޒާރު ކުރަން ދިއުމަކީ ގިނަ ފިރިހެނުން ވަރަށް ފޫހިވާ ކަމެކެވެ. ގިނަ ފިހާރަތަކަށް ވަންނަން ޖެހޭތީ އެވެ. ފިހާރަތަކަށް ވަދެ މުޅި ފިހާރަ "ހާވާ" ބަލާތީ އެވެ.

"އަހަންނަކަށް ނޭނގެ އަންހެނުންގެ ގޮތެއް ކިޔާކަށް. މުޅި ފިހާރައިގައި ހުރި ހުރިހާ އެއްޗެއްގަ އަތް ހާކާ ބަލާފަ ނުކުމެދާނެ އެކައްޗެއްވެސް ނުގަނެ. އަހަންނަށް ލަދުންވެސް ނުކެރޭނެ، ދެން ކޮންމެސް އެއްޗެއް ގަންނަންވާނެ ތާ." ޒުވާން ފިރިހެނަކު ލޯބިވެރިޔާ އާ އެކީގައި ފިހާރައަށް ނުދާ ސަބަބު ބުނެދިނެވެ.

އަންހެނުންގެ އެވާހަކަތަސް ދައްކާއިރު ބައެއް އަންހެނުން ފިރިހެނުން ގޮވައިގެން ބާޒާރަށް ދާން ބޭނުމެއްވެސް ނުވެ އެވެ. ގިނަ ފިހާރަތަކަށް ދާން ޖެހި، ވަންނަ ކޮންމެ ފިހާރައެއް ހާވާ ބަލާތީކީ ނޫނެވެ. ރީތި ހުތުރު ކިޔަން ނޭނގޭތީ އެވެ. ނޫނީ އެކަމަށް މާބޮޑު ޝައުގުވެރިކަމެއް ނުދައްކާތީ އެވެ. ކޮންމެ އެއްޗެއް ދެއްކި ނަމަވެސް ރީއްޗޭ، ރަނގަޅޭ ބުނާތީ އެވެ.

"ވަރަށް ފަހުން ގޮސްފިން ފިރިމީހާ ގޮވައިން ހެދުމެއް ގަންނަން. ދަރިފުޅަށް ތިން އަހަރު ވާތީވެ ބާއްވާ ޕާޓީއަށް، އަހަރުމެން ލާނެ އެއްޗެހި ގަންނަން. ރުޅި އައިސްގެން ހަލާކުނުވީ ކިރިޔާ، ދައްކާ ކޮންމެ ހެދުމަކަށް ބުނޭ ރީއްޗޭ، އޭތި ގަންނާށޭ، އެންމެ ފަހުން އަހަރެން ގެއަށް އައީ އެކައްޗެއްވެސް ނުގަނެ،"

އަންހެނުންނާ އެކީ ބާޒާރަށް ގޮސް އެއްޗެހި ގަންނަން ފިރިހެނުންނަށް ކިތަންމެ އުނދަގުލަސް އަމިއްލައަށް ގޮސްފައި ގަންނަން އެއި އެހާބޮޑު ކަމެއް ނޫނެވެ. ފަނަރަ ވަރަކަށް މިނެޓު ތެރޭ ފަސް މީހުންނަށް އެއްޗެހި ގަނެ ނިންމާލާނެ އެވެ.

މި ދެއްކީ ހުރިހާ ފިރިހެނުންގެ ވާހަކައެއް ނޫނެވެ. ފަހަކަށް އައިސް އަންހެނުންނާ އެކީގައި ބާޒާރަށް ދިއުމަކީ ބައެއް ޒުވާނުން ވަރަށް ލޯބިން ކުރާ ކަމެކެވެ. ހިތް އޮތް ގޮތެއް ނޭނގެ އެވެ. ފެންނަ ފެނުމަށް ޝައުގުވެރިކަން ފެނެ އެވެ. ރީތިއްޔާ ރީއްޗޭ އަދި ކަމުނުދާނަމަ އެވާހަކަވެސް ބުނެ އެވެ. ބައެއް ޒުވާނުން ބުނަނީ ދާހިތުން އަންހެނުންނާއެކު ބާޒާރަށް ދާ ކަމަށެވެ. އޭރަށް ދެ މީހުނަށްވެސް ރީތި އެއްޗެހި ގަނެވި ހިންހަމަޖެހޭ އުފާވެރި ވަގުތުތަކެއް ހޭދަކުރެވޭ ކަމަށެވެ. އެކަމަކު އެމީހުންގެވެސް ޝަރުތެއް އޮވެ އެވެ. މާގިނައިރު ގަނެފައި ނުގަންނާނެ އެއްޗެއް ނޭންގެން ވިސްނަން ނުހުރުމެވެ.