އަންހެން ކުއްޖާ އަކީ އޭނާގެ ހުރިހާ ވަގުތެއް ރައްޓެހިންނާ އެކީގައި ހޭދަކުރާ ކުއްޖެކެވެ. އެކުގައި އުޅުނު އަނެއް ހަތަރު ކުދިންނެކޭ އެއްގޮތަށް ހުސްހަށިބައި ކުއްޖެކެވެ. ލޯބިވެރިއެއް ނެތެވެ. ހުރިހާ ވަގުތެއް ރައްޓެހިންނާ އެކީގަ އެވެ. ކޮފީތަކާއި ސައިކަލު ބުރު ޖެހުމުގަ އެވެ. އެހެން އުޅުމުގެ ތެރޭގައި ލޯބިވެރިއެއް ވެސް ލިބެ އެވެ. ގްރޫޕް ތެރޭގައި މައްސަލަ ނުޖެހުނު ނަމަވެސް އެންމެނާ ދުރުވާން މަޖުބޫރުވެ އެވެ.
މައްސަލަ އުފެދޭ ހިސާބަކީ އެއީ އެވެ. އަލަށް ލިބުނު ލޯބިވެރިޔާ ދެނީ ދެ އޮޕްޝަން އެވެ. އެކުވެރިން ވިއްޔާ އެކުވެރިންނެވެ. ލޯބިވެރިޔާ ވެއްޖެޔާ ލޯބިވެރިޔާ އެވެ. ކޮންމެސް ކޮޅެއް އިހުތިޔާރު ކުރަން ޖެހުނީ އެވެ.
"އަހަރެން ޗޫޒް ކުރީ ލޯބިވެރިޔާ. ރައްޓެހިން ދޫކޮށްލީ. ހިތަށް އަރާފާނެ އަހަރެން ހާދަ ހެއްވައޭ، އަމިއްލަ އެދުން ބޮޑޭ. ޔެސް. މުޅި އުމުރު ރައްޓެހިންނާ އެކީގައި އެހެން ނޫޅެވޭނެ. ލޯބިވެރިއެއް ހޯދާ ދިރިއުޅުމެއް ފަށަން ބޭނުންވޭ. އުމުރު ދުވަހު ހުސްހަށިބައި ކޮށް ނޫޅެވޭނެ. އަހަރުން ގްރޫޕް އެއްވެސް މީހަކު ނުހުންނާނެ ބިޓެއް،" އެކުވެރިންގެ ޝަކުވާއަށް އެ އަންހެން ކުއްޖާ ދިން ޖަވާބަކީ އެއީ އެވެ.
އެކަމަކު އެގޮތް އެންމެ ރަނގަޅު ހެއްޔެވެ؟ އަލަށް ދިމާވި މީހަކަށްޓަކައި އަހަރުތަކެއް ވަންދެން އެކުގައި އުޅުނު "ލޯބިވެރިން" ދޫކޮށްލަން ވެދާނެ ހެއްޔެވެ؟
ރައްޓެހިން ތި ދޫކޮށްލީ އެއްވެސް ސަބަބެއް އޮވެގެން ހެއްޔެވެ؟ އެމީހުން ގޯސް ކަމެއް ކުރާނަމަ އެމީހުން އިސްލާހު ކުރަން އިތުރު މީހަކު ނާންނާނެ އެވެ.
އަލަށް ލިބުނު ލޯބިވެރިޔާ އަށް ތިހާބޮޑު އިތުބާރެއް އުފެދުނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ރައްޓެހިންނާ އެކީގައި ވަގުތު ހޭދަކުރާ ހެން އަންހެން ކުއްޖާވެސް ރައްޓެހިންނާ އެކުގައި ވަގުތު ހޭދަކުރަން ބޭނުންވާނެ ކަން ދަންނަންވާނެ އެވެ. ކަންކަމުގައި ރައްޓެހިންގެ ހިޔާލުވެސް ބޭނުންވާނެ އެވެ. އެކަން ލޯބިވެރިޔާއަށް ވިސްނައިދޭން ވާނެ އެވެ. ކޮންމެވެސް އެއް ބައެއް އިހުތިޔާރު ކުރުމަކީ ހައްލެއް ނޫނެވެ.
ހަގީގަތުގައި އެއިން ވަކި މީހަކު އިހްތިޔާރު ކުރާކަށް ނުޖެހޭނެ އެވެ. އެއީ ދިރިއުޅުމަށް އެންމެ މުހިންމު ދެ ބައެވެ. ކޮންމެވެސް އެކަކު އިހްތިޔާރު ކުރަން ލޯބިވެރިޔާ މަޖުބޫރު ކުރާނަމަ، ގިނަ މީހުން ބުނަނީ ލޯބިވެރިޔާ ދޫކޮށްލާފައި ރައްޓެހިން އިހްތިޔާރު ކުރާށެވެ. އެއީ ރައްޓެހިންނަކީ އަބަދުވެސް އެންމެ ގާތުގައިވާނެ މީހުންނެވެ. ރައްޓެހިންނަށްވުރެ ގިނައިން ބޭވަފާތެރިވަނީ ވެސް ލޯބިވެރިންނެވެ.