ބޭރު ކުޅިވަރު

ނިއު ޒިލޭންޑް - ރަޝިއާ މެޗުން ކޮންފެޑަރޭޝަންސް ކަޕް މިރޭ ފަށަނީ

Jun 17, 2017

ނިއު ޒިލޭންޑް އާއި ރަޝިއާ ބައްދަލުކުރާ މެޗުން ކޮންފެޑަރޭޝަންސް ކަޕް މިރޭ ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރަޝިއާގައި މިރޭ ކޮންފެޑަރޭޝަންސް ކަޕް ފަށާއިރު، މިއީ އަންނަ އަހަރު ވޯލްޑް ކަޕް ހޯސްޓްކުރާ ރަޝިއާ އަށް އެ މުބާރާތުގެ ކުރިން ލިބޭ "ވޯމަޕެއް"ގެ ގޮތުގައި ބެެލެވިދާނެ އެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ޗެމްޕިއަނުންނާއި ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރާ ކޮންފެޑެރޭޝަންސް ކަޕަކީ ހަމައެކަނި ވޯލްޑް ކަޕް ބާއްވާ ގައުމު "ވޯމަޕް" ކުރުމަށް ކުޅޭ މުބާރާތެއް ނޫނެވެ. ކޮންފެޑަރޭޝަންސް ކަޕަކީ ވެސް އޭގެ ޒާތުގައި ޝަރަފުވެރި މުބާރާތެކެވެ. އެހެންކަމުން، މި މުބާރާތަށް ވެސް ގިނަ ގައުމުތަކުން ދޭ ސަމާލުކަން ވަނީ ބޮޑުވެފަ އެވެ.

މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާގެ އިތުރުން މި މުބާރާތުގައި މި އަހަރު ހަތް ގައުމު ވާދަކުރެ އެވެ. އެއީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އާއި ދެކުނު އެމެރިކަގެ ޗެމްޕިއަން ޗިލީ އާއި އޭޝިއާގެ ޗެމްޕިއަން އޮސްޓްރޭލިއާ އާއި އުތުރު އެމެރިކާގެ ޗެމްޕިއަން މެކްސިކޯ އާއި އެފްރިކާގެ ޗެމްޕިއަން ކެމަރޫން އަދި އޯޝޭނިއާގެ ޗެމްޕިއަން ނިއު ޒިލޭންޑެވެ.

ކޮންފެޑަރޭޝަންސް ކަޕްގެ ގުރޫޕްތައް ބެހިފައިވާ ގޮތް:

  • ގުރޫޕް އޭ - މެކްސިކޯ، ނިއު ޒިލޭންޑް، ޕޯޗުގަލް، ރަޝިއާ
  • ގުރޫޕް ބީ - އޮސްޓްރޭލިއާ، ކެމަރޫން، ޗިލީ، ޖަރުމަން

މުބާރާތުގެ ކުރިން ރަޝިއާއަށް ޕްރެޝަރު

ވޯލްޑް ކަޕަށް ރަޝިއާ އިން ހަދާ ސްޓޭޑިއަމްތަކުގައި މަސައްކަތްކުރާ މީހުންނާމެދު ރަޝިއާ އިން އިހާނެތިކޮށް އަމަލުކުރާ ކަމަށް ބުނެ، އެމެރިކާގެ ބައިނަލްއަގުވަމީ ޖަމިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް އިން އަންގާރަ ދުވަހު ނެރުނު ރިޕޯޓާ ގުޅިގެން ރަޝިއާ އަށް ވަނީ ގިނަ ފާޑުކިއުންތައް އަމާޒުކޮށްފަ އެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ޖަމިއްޔާ އިން ބައެއް ސްޓޭޑިއަމްތަކަށް ގޮސް، ހޯދި މައުލޫމާތަށް ބަލާއިރު ބައެއް ސްޓޭޑިއަމްތަކުގައި މަސައްކަތްކުރާ ލޭބަރުންނަށް މުސާރަ ނުދީ، އެކަށީގެންވާ ލިޔެކިއުންތައް ނުދީ މަސައްކަތްކުރަވަމުންދާ ކަމަށެވެ. އަދި ފިނީގައި މަސައްކަތްކުރާއިރު، ރައްކާތެރިކަމެއް ނެތި، ފުރާނަ އަށް ނުރައްކާވާ ގޮތަށް މަސައްކަތްކުރަން ބައެއް ލޭބަރުންނަށް މަޖުބޫރުވެފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ފީފާ އިން މި ކަންތައްތައްތަކާމެދު ޒިންމާވަންޖެހޭނެ ކަމަށް ބުނެފަ އެވެ.

މީގެ ކުރިން ވެސް އެކި ކަންތައްތަކާ ގުޅިގެން ކުރިމަތިވި ފާޑުކިއުންތަކާއެކު، ރަޝިއާ އިން އުންމީދުކުރާނީ ކޮންފެޑަރޭޝަންސް ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރި، އެ ކަންތައްތަކުގެ މަތިން ހަނދާން ނައްތާލުމަށެވެ. ރަޝިއާ ޓީމުގައި އިންޖަރީގެ މައްސަލަ ގިނަ ނަމަވެސް، އަމިއްލަ ދަނޑުގައި ކުުޅުމަކީ އެ ޓީމަށް ލިބޭނެ އެޑްވާންޓެޖެކެވެ.

ރަޝިއާ އާއި ނިއުޒިލޭންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 20:00ގަ އެވެ.

ކޮންފެޑަރޭޝަންސް ކަޕްގެ ގުރޫޕް ސްޓޭޖުގެ މެޗު ޝެޑިއުލް:
17 / 6 (ހޮނިހިރު): ރަޝިއާ – ނިއުޒިލޭންޑް (20:00)
18 / 6 (އާދިއްތަ): ޕޯޗުގަލް – މެކްސިކޯ (20:00)
ކެމަރޫން – ޗިލީ (2300)
19 / 6 (ހޯމަ): އޮސްޓްރޭލިއާ – ޖަރުމަން (20:00)
21 / 6 (ބުދަ): ރަޝިއާ – ޕޯޗުގަލް (20:00)
މެކްސިކޯ – ނިއުޒިލޭންޑް (23:00)
22 / 6 (ބުރާސްފަތި): ކެމަރޫން – އޮސްޓްރޭލިއާ (20:00)
ޖަރުމަން – ޗިލީ (2300)
24 / 6 (ހޮނިހިރު): މެކްސިކޯ – ރަޝިއާ (20:00)
ނިއު ޒިލޭންޑް – ޕޯޗުގަލް (20:00)
25 / 6: ޖަރުމަން – ކެމަރޫން (20:00)
ޗިލީ – އޮސްޓްރޭލިއާ (20:00)