އެންމެ ބާރަށް ރޯންވީ މީހަކީ ޝާހިލް އެވެ. އެކަމަކު ކަރުނަ އޮއްސަމުން ދިޔައީ ޝާހިލް ނޫން އެހެން އެންމެންނެވެ.
މޫނުގައި އަތް ޖައްސާލައިގެން އެނދުމަތީގައި އިން ރީމާ ގަދަވެ ސަލާމަތުން ދުނިޔޭގައި އުޅުނެވެ. ހީނހީފަ އެވެ. މަޖާވެސް ކުރި އެވެ.
ސަަކަރާތް ވެސް ގަތެވެ. އޭރު ރީމާއާ ގާތުން އެންމެ ބާރަށް ހީނހީފައި ސަކަރާތް ގަތީ ވެސް ޝާހިލް އެވެ. ވީއިރު ރީމާގެ ބަސް ހުއްޓި ބުއްދި ފިލައި ދިއުމުން ޝާހިލް ބުދަކަށް ވާކަށެއް ނުޖެހޭނެ އެވެ. ހީނ އުޅުނު ގޮތަށް ރޯން ވެސް ޖެހޭނެ އެވެ. ރީމާގެ ބުރަކަށީގައި ފިރުމައި އޮޅުލާން ވެސް ޖެހޭނެ އެވެ. އެކަމަކު ޝާހިލްގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ނުވެއްޓެ އެވެ.
"މީނަ އަށް މިހެން މިވީ ސިކުނޑިއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން. އެއީ ސިމްނެމްބިއުލިޒެމް ކިޔާ ބައްޔެއް. އެބަލި ޖެހެނީ ކަންތައްތަކާ ބިރުގަނެ މާ ބޮޑަށް ފިކުރު ކުރެވޭ ގޮތްވުމުން... މި ބަލީގެ ވޭން ލިބޭނީ ހުވަފެނުގައި. މީނަ އަށް މިހެން ދިމާވީ ހުވަފެނެއްގައި ކަމަށް ބެލެވޭ،"
ޑޮކްޓަރު އޭނާގެ އަތުގައި އޮތް ފައިލް ނަރުސް ކުއްޖާއާ ހަވާލު ކުރަމުން ކިޔައިދިނެވެ. ޑޮކްޓަރުގެ މޫނުމަތީގައި ހާސްކަމެއް ނެތެވެ. އެ ގޮތް މެދުވެރިވާ މީހުންނާ ކުރިމަތިލާން ޖެހުމަކީ ޑޮކްޓަރަށް އާކަމެއް ނޫންހެން ހީވެ އެވެ.
"އެކަމަކު ރީމާގެ ސްކާޓު ވެސް އެ އޮތީ އިރާލާފައި ނޫންތޯ؟ އެ ކޮޓަރީގެ ދޮރުވެސް ހުރީ ހުޅުވައިފަ. ދަންވަރު އަޅުގަނޑު އަތުން އެ ކޮޓަރީގެ ދޮރު ލެއްޕީ،" ޑޮކްޓަރު ބުނި އެއްވެސް އެއްޗެއް ރީމާގެ މަންމައަކަށް ގަބޫލެއް ނުކުރެވެ އެވެ.
"އެހެން ވެދާނެ. ސިމްނެމްބިއުލިޒެމް ޖެހޭ މީހުން ނިދީގައި ހިނގާނެ. އޭނާ އަމިއްލަ އަށް ދޮރު ހުޅުވައިފާނެ. ތަނެއްގައި އަޅައިގެންފާނެ. ވެއްޓިދާނެ... ވަރަށް ދުރަށް ވެސް ހިނގާފާނެ. ހުވަފެނުން ހޭލެވުމުން ބަސް ހުއްޓި ބުއްދި ވެސް ފިލައިދާނެ. މިއީ ދުނިޔޭަގައި އާކަމެއް ނޫން،" ހިނގައިގަންނަމުން ޑޮކްޓަރު އޮޅުންފިލުވައި ދިނެވެ.
ޑޮކްޓަރުގެ ވާހަކަ އަޑުއަހަން ހުރި ޝާހިލް ކުރިޔަށް ފިޔަވަޅެއް އެޅި އެވެ. ބުއްދި ފިލައި ގޮސްފައިވާ ރީމާގެ މޫނަށް ބަލައިލި އެވެ. ދިރުމެއް ނެތް ރީމާގެ މޫނާ ދިމާއަށް އޭނާގެ އަތްތިލަ ހަރަކާތްކުރި އެވެ.
"ރީމާ!" ޝާހިލަށް މަޑުމަޑުން ބުނެވުނެވެ.
ޑޮކްޓަރު ދެއްކި ވާހަކަ ރީމާގެ މަންމަ އަށް ގަބޫލު ނުކުރެވުނީ އެވެ. އެއީ ވެދާނެ ގޮތެކެވެ. މައިލަގޮނޑިއަކަށް ކެތެއް ނުކުރެވޭނެ އެވެ. ގަބޫލެއް ވެސް ނުކުރެވޭނެ އެވެ. އެކަމަކު ޝާހިލް އަށް އެބަ ވިސްނެ އެވެ. ކުށް ކުރެވުނީ އޭނާއަށެވެ. އެ ކުށް ނުކުރުމަށް ރީމާ ޝާހިލު ގާތުގައި އެދުނެވެ. އޭނާގެ އިހުސާސްތަކުގައި ފިރުމައިދިނުމަށް އާދޭސްކުރި އެވެ. ޝާހިލު ގަބޫލު ކުރާ ގޮތުގައި ރީމާ އަށް ދިމާވި ގޮތް އެއީ އޭނާ ފިޔަވައި އެހެން އެކަކަށް ވެސް ނޭނގޭނެ ސިއްރެކެވެ. އޭނާ ހުރީ އެވެ. އެހެން މަޑުމަޑުން ހުރެގެން ދެލޯ ފުސްވެ ކަރުނަ ބޯވުމުން ރީމާ ގައިގައި ބައްދާލި އެވެ.
***
"ޝާހިލް އަހަރެން ބިރުގަނޭ! ޕްލީޒް، ތި ކަހަލަ ވާހަކަތައް އަހަންނަށް ނުކިޔައި ދީބަލަ. އަހަންނަށް ބިރުވެރި ހުވަފެނެއް ނުފެންނަ އެންމެ ރެއެއް ވެސް މިހާރު ނުދޭ!" ފޫހި ފާޑަކަށް ރީމާ ބުނެލި އެވެ.
"މަށަށް ފެނުނު ހުވަފެނެއް ކިޔައިދިނަސް ރީމާ އަށް ބިރުވެރި ހުވަފެން ފެންނަން ޖެހޭތަ؟ ހުވަފެނުގައި އަހަންނަށް ގަބުރެއް ފެނުނަސް ރީމާއަކާ ކީއްކީއް... ރީމާ އަށް ފެންނަ ހުވަފެންތައް އަހަންނަށް ވެސް ކިޔައދީބަލަ! އަހަރެން ބިރެއް ނުގަންނާނެ. ދެރައެއް ވެސް ނުވާނެ."
"އާނ، ޝާހިލް އަށް ވަރިހަމަވާނެ އަހަންނަށް ކޮންމެ ގޮތެއް ވިޔަސް."
ރީމާގެ ގައިގައި ބައްދާލައިގެން ހުރެ ޝާހިލް ބާރަށް ހީނގަތެވެ. މޫނު މައްޗަށް ބިރުވެރި ސިފަގެނެސް ދެ އަތްބުޅިކޮށްލި އެވެ. ބޮޑު ދުލެއް ނެރެލި އެވެ.
"ރީމާ ކާލާ... ރީމާ ގެންދޭ. ރީމާގެ ލޭ ބޯލާ!" ކުރިއަށްވުރެ ވެސް ބާރަށް ޝާހިލް ހޭންފެށި އެވެ.
އެއީ އަބަދުވެސް ޝާހިލަށް ދަސްވެފައި އޮންނަ ގޮތެވެ. ރީމާ ބިރުގަންނަވާށެވެ. ދެ އަތް ބުޅިކޮށް ވައްތަރު ޖައްސާށެވެ. ރީމާ ބިރުގަންނަވައިގެން އޭނާ ހިތް ފުރެ އެވެ. ޝާހިލް އެހެން އުޅުނަސް ރީމާ އަކަށް މިރޭ ނޫނީ އެއްޗެއް ވެސް ނުބުނެވެ އެވެ. ރުޅިއެއް ވެސް ނާދެވެ އެވެ. ހަމައެކަނި ދެރަވެފައި ބިރުގަންނަނީ އެވެ. ރީމާ މާ ބޮޑަށް ޝާހިލް ދެކެ ލޯބިވަނީ އެވެ.
"ހެޔޮ، ދެން ނޫޅެން ވާހަކަ ދައްކާކަށް. ގުޑްނައިޓް. ސްވީޓް ޑްރީމް! ބާއި... އިނގޭ!"
"އާނ! ނައިޓްމެއާ... ދޭދޭ، ގޮސް ރަޖާ ލައިގެން ނިދާ! ކުނި ގަބުރެއް އަރާ ފުރަތަމަ ވެސް ދޫ ލާން ފަށާނީ ރީމާގެ ކަނދުރާގައި. ތޫނު ދަތްތައް ވައްދާލުމަށް ފަހު ލޭތައް ބޯލާނެ..." ޝާހިލް އެހެން ބުނުމުން ކަންފަތުގައި އަތް އަޅައިގެން ހުރ ރީމާ ގޭގެ ދޮރު ލައްޕާލި އެވެ. ޝާހިލް ދައްކާ ބިރުވެރި ވާހަކަތަކުން ސަލާމަތް ވެގެން ގޮސް ނިދާލަން ރީމާ ބޭނުންވެފައިވާހެން ހީވެ އެވެ.
ދޮރު ޖެހުމަށް ފަހު ރީމާ ގަޑި ބަލައިލި އެވެ. ފާރުގައި ހުރި ގަޑި ވަފާތެރުކަން ސާބިތުކޮށްދޭން ހިނގަހިނގާ ހުއްޓެވެ. އެ ގަޑި ރީމާ އަށް ކުޑަ ޖެހުމެއް ގެނެސްދިނެވެ. ދެން ބަލައިލީ ގޭތެރެއަށެވެ. ރީމާ އެކަނިވުމުން ބިރުގަންނާނެވަރު ހަނދާން ނައްތާލާފަފަ އެވެ. މުޅި ގެ ވަނީ މަރު ނިދީގައި ހިމޭންވެފަ އެވެ. އެހެންވެ ބިރުވެރިކަން ބޮޑުވި އެވެ. ރީމާ މާ ބޮޑަށްވެސް ބިރުގަންނަން ފެށި އެވެ. އެކަމުން އޭނާ އަށް ސަލާމަތްވެވޭނެ ގޮތަކީ އަވަހށް އޮށޯތުމެވެ. އަވަހަށް ނިދުމެވެ. އަވަހަށް އިރު އެރުމެވެ.
ނައިޓް މެއާ! ނުކުމެގެން ދަމުން ޝާހިލް ބުނި ބަސް ރީމާ އަށް އިވުނުހެން ހީވި އެވެ. އެ ލަފުޒު އައިސް އޭނާގެ ހަށިގަނޑުގެ ތެރެއަށް ވަދެގެންފި ކަހަލަ އެވެ. އަރުތެރޭގައި ހީވީ ގުޅަވަރެއް ތާށިވިހިނެވެ. ކަރުތެރެއަށް ކޮންކްރީޓް ގަނޑެއް އޮއްސާލި ހެނެވެ. ހިތް ބާރަށް ތެޅެން ފަށައިފި އެވެ. ވަށައިގެން ހޯދާލެވުނެވެ. އާނގަތކުން ގޭތެރޭގެ އަނދިރި ކަމުގެ ތެރެއަށް ފައިބާފައި ވަނީ ރަތް އަލީގެ ހިޔަންޏެކެވެ. ލޮލު އަޅައިގަތުމުން ހީވަނީ އެ އަލި އައިސް ރޮލާ ކައިފާނެހެނެވެ. ރީމާ ދެ ލޯ މަރައިގެން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ހީވީ ފައިދަށުން ބިންގަނޑު ދެމިގަނެގެން ދާން އުޅޭ ހެނެވެ.
ދޮރު ހުޅުވާލުމާއެކު ރަތް އަލި މޫނަށް އެޅުނެވެ. ދެން ވީގޮތެއް ނޭނގި ރީމާ އަރި އަޅާލައިފި އެވެ. އެންމެ ފަހުން ގަތް ކުރުކުރު އެހައި ތުނި ހުދު ސްކާޓު ދޮރުކަނީގެ ތަޅުފަތްގަނޑުގައި އަޅައިގަނެ އިރައިގެން ދިޔައީ ރާސްލާފަ އެވެ.
ބަނޑުވަތަށް ވެއްޓުނީ ކަނޑާވައްޓާލި ގޮފިގަނޑެއް ހެނެވެ. ރީމާގެ ދެ ފައި އޮތީ ކޮޓަރިން ބޭރުގަ އެވެ. ބާރަށް ހަޅޭލަވައިގަންނަން އަނގަ ހުޅުވާލި އެވެ. އެކަމަކު ދޫ ހަލުވައެއް ނުލެވުނެވެ. އިޝާރާތް ކުރަން ބޭނުންވި އެވެ. ހަރަކާތެއް ނެތެވެ. ބިރުގަތީ އެވެ. ރޫރޫ ލަނީ އެވެ.
ފޮތްތަކާއި ސީޑީތައް އެގޮތް މިގޮތަށް އުކާލާފައިވާ، ތަރުތީބެއް ނެތް ކޮޓަރީގެ ދޮރު ކައިރި އަށް ވެއްޓިފައި އޮތް ރީމާ މަޑުމަޑުން ބޯ އުފުލާލި އެވެ. ދެ ލޯ ބޮޑުކޮށްފައި ބަލައިލި އެވެ. ކަޅި ހުއްޓުނީ ތަޅުގަނޑު މަތީގައި އޮތް ސިޑްނީ ޝެލްދަންގެ "ޓެލް މީ ޔުއާ ޑްރީމް" ވާހަކަ ފޮތަށެވެ. ހުޅުވިފައިވާ ފޮތުގެ ގަނޑުތައް ފަންކާގެ ވަޔާއެކު އުކެމުން ދާތަން ފެނުމުން ރީމާގެ ހިތަށް ތޮރުފިގަތީ ޝާހިލް ނުކުމެގެން ދަމުން ބުނި އިބާރާތެވެ.
ނައިޓް މެއާ... ނައިޓް މެއާ!
އެއް އަރިމަތިން އިރައިގެން ގޮސްފައިވާ ސްކާޓް ތިރިއަށް ދަމަމުން ރީމާ ތެދުވި އެވެ. އެހެން ކަމެއް ހަނދާން ހުރިހެނެއް ހިއެއް ނުވެ އެވެ. ދުވެފައި ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ.
"އައްދޯތް!" އިންޗިއެއްހާ ބޯ ފޮތެއް ބުރަކަށި ދަށުން ދަމައިގަތުމަށްފަހު ދުރަށް ހޫރާލާފައި ބަންޑުން އޮށޯވެ މޫނާއެކު ބާލީސް އަޅަ ފިއްތާލި އެވެ. ރީމާ ވިސްނަނީ އެވެ. ބިރުން އޮވެގެންނެވެ. ހިތަށް އަރަ އެވެ؛
ޝާހިލު ބުނާ ކުނިވެފައިވާ ގަބުުރު އަރައިގެން އައިސް ގައިގަ ދޫލާނެ އެވެ. އޭތީގެ ހިތްފުރުމުން ކަނދުރާމަތިން ވައިނޮޅީގެ ތެރެއަށް ތޫނު ދަތްތައް ވައްދާލައި ލޭ ބޯން ފަށާނެ އެވެ. ލޭ ހުސްވުމުން މަސްގަނޑު ރޮލާ ކައިލާނެ އެވެ. ނުކުމެގެންދާނީ ގޭގެ އެހެން މީހުން ވެސް މަރާލައި ކައިލައިގެންނެވެ. މިނި ލެޔާއި މިނިމަހުން ބަނޑު ފުރާލައިގެންނެވެ
.
ހިޔާލުގައި އޮވެ ރީމާ އަށް ގިސްލެވެމުން ދިޔަ އެވެ. ކުއްލި ކުއްލިއަށް ސިހެން ފަށައިފި އެވެ. އިރުއިރުކޮޅާ މޭމަތި އުފުލަމުން ހިތު ޖެހެމުންނެވެ.
އެންމެފަހުން ރީމާ އަށް ނިދުނީ އެވެ. އޭނާގެ ސިކުނޑި އަސް ބާރު ކުރަމުންދާ ބަލީގެ އަޅަކަށް ވީއެވެ. ނިދީގައި ހިނގަން ފެށީ އެވެ. ބިރުވެރި ކަމެއްގެ ތެރޭގަ އެވެ.
***
ރީމާ އަށް ވަސް ދުވަ އެވެ. ފުރަތަމަ އަންނަން ފެށީ ގަނދަކޯޅި މަލުގެ އަތަރު ވަހެވެ. އޭގެ ފަހުން ފެތުރެމުން ދިޔައީ ކުނި ވަހެވެ.
އެނދުމަތީގައި އޯކަށް ދެމިދެމި އޮތް ރީމާގެ ދެ ލޯ ބޮޑުވެއްޖެ އެވެ. ތަޅުންގަނޑުގައި ދިޔަ ބޮޑުވެ ކުނިވެފައިވާ ލޭގެ ކޯރެއް ދެމެމުންދާތީ ބިރުން ފިއްކަނޑައިގެން ދަނީ އެވެ. ލޭތައް ކެކި، ބޮކި ޖަހަމުން ދެ އެވެ. ރީމާ ސިހެމުން ދެ އެވެ. ނުބައި ވަހުގެ ރޯޅި އަންނަ ވަރަކަށް ލޭ ކޯރުގައި ބާނި އުފެދި ބޮކިތައް ބޮޑެތިވާން ފަށަ އެވެ. ރީމާ އަށް ހަޅޭއްލަވައިގަނެވެ އެވެ. ޝާހިލުގެ ނަމުން ބާރަށް ގޮވައިލި އެވެ.
ކުއްލިއަކަށް ރީމާގެ އަތް ހަރަކާތް ކުރަން ފެށި އެވެ. ފޯވެ، ހިރުވަމުން އަންނަ ކަނދުރާގައި އަތްތިލަ ބީއްސާލި އެވެ. ތެޅިގަނެވުނެވެ. ކަނދުރާމަތީގައި ދުވަނީ ފުޅަ އެވެ. ކުނި ފުޅަތައް ދުވަމުން ދިޔައިރު ކަނދުރާމަތިން ފޭދިގެން މޭ މައްޗަށް ކުނި ލޭ ތިކިތައް އޮހެނީ އެވެ. ރޮނގުރޮގަށެވެ.
އިދިފުށަށް އުކާ ބަލީގެ މީހެއް ފަދައިން ރީމާ އެނދުމަތީގައި ތެޅެން ފެށުމާއެކު ކުނި ލޭ ތިކިތައް ބުރަބުރައިގެން ދެ އެވެ. ތިރިން އުފެދިފައިވާ ލޭ ކޯރުގެ ތެރޭގައި އުފެދޭ ބޮޑެތި ވައި ބޮކިތައް ފަޅަފަޅައިގެންދާ އަޑު އިވެ އެވެ.
ވަސް ނުބައި، ލެއިން ޗަސްވެފައިވާ އެނދުމަތީގައި ރީމާ ހިމޭންވީއިރު ވެސް ފޮޅުތައް ކަންނެތް ކަމާއެކު ކަނދުރާ މަތީގައި ފިރުކެމުން ދިޔަ އެވެ. ބަން ކިޔާފައި އިވުނު އަޑާއެކު ރީމާ ފުންމައިގެން ތެދުވެއްޖެ އެވެ. އޭނާ ވަނީ ދާ ހިތްލާ ފޯވެފަ އެވެ. މާނޭވާ ލެވެމުން ދިޔައިރު ކަނދުރާއާ ނިތްކުރިން ދާތިކިތައް އޮހޮރެނީ އެވެ.
ބިރުގެންފައި ވިޔަސް ވިރިވިރި އޮތް ހިތަކާއެކު ކޮޓަރީ ތެރެ ހޯދަމުން ގޮސް ދޮރު ހުޅުވައި ގޭތެރެ ބަލަން ރީމާ ބޭނުންވި އެވެ. އޭނާ އަށް ފެނުނެވެ. ކަޅު ހިޔަނި ގޮސް ނިވާނީ އަނދިރީގެ ތެރެއަށެޗެ. ދެން ދޮރު ލައްޕާލި އެވެ.
ރީމާގެ އަޑު ބޭރެއް ނުވެ އެވެ. ހީވަނީ މޭ އިރައިގެން ގޮސް ތުނި ހިތް ފުންމާލަން އުޅެނީހެންނެވެ. އެ ބިރުވެރި ކަމުން ސަލާމަތްވާން ރީމާ މަސައްކަތް ނުކުރަން އެހުރީ ކީއްވެގެން ހެއްޔެވެ؟
ކުނި ލޭގެ ކޯރު ތެރޭގައި ރީމާ ހިނގަން ބޭނުންވީ ކީއްވެގެން ހެއްޔެވެ؟ ލޭތައް މަތީގައި ލަސްލަހުން ފައިތިލަ ބީހެން ފެށުމާއެކު ގަދަ އައްޔެއް ކޮޓަރި ތެރެއަށް ފުރޭނިގެން އައިސް ރީމާ ވަށައިގެން އެނބުރި ރެދަން ލާން ފަށައިފި އެވެ. ތޫނު އަލީގެ ތެރޭގައި ރީމާ ހިނގަން ފެށި އެވެ. ދުރަށެވެ. އާ ސަހަރާއާ ހަމައަށެވެ. އޭނާގެ ފަހަތުން އައި އަލި ދެމިގަތީ ސަހަރާގެ ދޮރުން އެތެރެ އަށެވެ. ނާމާން އަނދިރިކަމުގެ ތެރެއަށެވެ. ރީމާ ވެސް ވަނީ ސަހަރާ އަށެވެ. އަނދިރީގެ ތެރޭގައި ދެ އަތް ފުޅާކޮށްލި އެވެ. ގޮސް ސަހަރާގެ ގަބުރު ރައްކާކުރާ ކޮށާރުގެ ދޮރުމަތީގައި ރުލެއް ނެތި އޮށޯވެއްޖެ އެވެ.
ދަބަރަށް ވަމުންދާ ކޮށާރު ކައިރީ ދިއްލާފައިވާ ބައްތިން ފެތުރިފައިވާ އަލި މަޑުމަޑުން ފަނޑުވަމުން ގޮސް މަހާނަ ގާތަކުގެ ތެރެއަށް ހިނދުމާއެކު ކަޅުފޮއިގެ ރަސްކަން މުޅި ގަބުރުސްތާނަށް ވެރިވެގަތުމުން ރީމާ ހީނގަތެވެ. ހަމަ ބާރަށެވެ. ދެން ލޯ މަރާލި އެވެ.
އިރުކޮޅަކުން ޖައްވުން އައި ވައިރޯޅިން ކޮށާރުގެ ކުރިމަތީގައި ހުރި ނިކަގަހުގެ ތެރޭގައި ބިރުވެރިކަމެއް އުފެދުނެވެ. ގޮދިތައް ތެޅިގަތުމާއެކު ފަތްތައް ފައިބައި ގަތެވެ. ދުރަށް ފެތުރިފައިވާ މަހާނަ ގާތަކުގެ ތެރެއަށް ކުނިތައް އުދުހެމުން ދިޔައިރު ގަސް ދޮށަށް ވެރުނު ފަތްތައް އޮށޯވެ އޮތް ރީމާގެ ވަސައިގެން ހިމޭން ވަމުން ދިޔަ އެވެ.
ސަހަރާގެ ޗަސް ބިންގަނޑުގެ ތެރެއިން ކުކުރުމެއްގެ އަޑު އައި ދިމާގައި ހުރި ބިޔަ ނިކަގަސް ލެނބި މަހާނަތަކުގެ މައްޗަށް ތިރިވަމުން ދިޔަ އެވެ. ވައި އަޑު އަންނަ ދިމަދިމާއިން އަލިފާން ކަނި ބުރަން ފަށައިފި އެވެ.
ނިކަގަހުގެ އެއްފަރާތުގައި ހުރި މަހާނަ ގަލުގެ ލޯ ފޮތިން ނުކުތް ތޫނު އަލީގެ ދޯދޮތައް ފަޒާގެ ތެރެއަށް އޮބުމަށް ފަހު ލެނބިގެން އައިސް މަހާނައިގެ ތެރެއަށް ތޮރުފިގެން ދިޔަ އެވެ. ހީވީ ސަހަރާގެ ބިންގަނޑު އިރައިގެން ގޮސް ގަބުރުތައް އަރަން އުޅުނު ހެނެވެ.
ދެން އިވުނީ އަނެއްކާ ވެސް ރީމާ ހީނގަތް އަޑާއެކު ވަޅުގަނޑެއްހެން ހުރި މަހާނައިގެ މެދަށް ފޭވެފައިވާ ފަސްގަނޑުގެ ތެރެއިން ގަބުރެއް އަރާތަނެވެ. އޭތި ވަނީ ކުނިވެ، ފުޅަ އަޅާފަ އެވެ. ކިސަޑު ވެއްޔާއި ތަތް ތެޅިފައިވާ ގަބުރެއް ތެދުވަނީ އެވެ. އޭތި ވަނީ ކުނިވެ، ފުޅަ އަޅާފަ އެވެ. ކިސަޑު ވެއްޔާ ތަތް ތެޅިފައިވާ ގަބުރުގެ ބޮލުގައި ބޮޑެތި ފާރުގަނޑު ހުއްޓެވެ. ފައިބަމުންދާ ދިރޭ ރަހައިގެ ވިދުން ހުރި ދޮސްތަކުގެ ވަށައިގެން ބޮޑެތި ފުޅަތައް ފިރުކެމުން ގުދު ލައްވަމުން ދެ އެވެ.
ކަޅި ހީވަނީ ނާށި އަނގުރުކޮޅެއް ހެންނެވެ. ކަޅީގެ ވަށައިގެން އިރުއިރުކޮޅާ ތޫނު އައްޔެއް ނުކުމެ އެވެ. ކަންފަތާ ހަމައަށް ފަޅައިގެން ގޮސްފައިވާ އަނގައިގެ ތެރެއިން ތޫނު ދަތްތަކެއް ފެންނަން ހުއްޓެވެ. ދެ ތުންފަތް މަތިން ބޭރަށް ނުކުމެފައިވާ ދުލުގެ ނާރުތައް ވަނީ ފުފިފަ އެވެ. ދެމިއަކަނުން ފައިބާ ދަވަ ތިކިތައް ރޮނގަކަށް ކަނދުރާ އަށް އޮހެމުން ދިޔަ އެވެ. ކޮންމެ ފިޔަވަޅަކާއެކު އަރައިގެން އަންނަ ނުބައިވަހުން ނޯށް ދަމާލަން ނުކެރެ އެވެ.
ސަހަރާގެ ތެރޭގައި އޮށޯވެލައިގެން އޮތް ރީމާގެ ވަށައިގެން ލޭ ބޮކިތަކެއް ކެކެން ފެށުމާއެކު ލޯ ހުޅުވާލި އެވެ. ވިދުވަރު ރީމާގެ ވަށައިގެން އެނބުރި ގަތުމުން ގަބުރުގެ ދެ އަތްތިލަ، ލޭތަކުގެ ތެރެއިން މައްޗަށް ނެރެ ރީމާއާ ދިމާއަށް ހަރަކާތް ކުރަން ފަށައިފި އެވެ. އޭތީގެ ކިބައިން ސަލާމަތްވެވޭތޯ ރީމާ މަސައްކަތެއް ނުކުރެ އެވެ. ހުތުރު އަތްތިލައިގެ ތެރޭގައި ރީމާ ހައްޔަރު ވިއިރު ވެސް އޮތީ އެވެ.
ގުނަވަންތައް ކުރު، ކުނި މަސްގަނޑުގެ ދިޔާވެފައިވާ މޭމަތީގައި ރީމާ ފެތެމުން ދިޔަ އެވެ. ދުވާ ނުބައި ވަހުން ރީމާގެ ނޭވާ އުފުރެމުން ދާކަހަލަ އިހުސާސެއް ވެސް ރީމާ ނުކުރެ އެވެ.
ތޫނު ވަކިތަކުން ރީމާގެ ހެދުން، މޭމަތިން އިރާލައިފި އެވެ. ދަވަ ފައިބަމުންދިޔަ އެވެ. ދޫ ކާއްތަން ފެށުމާއެކު އުޑުތިލަ މައްޗަށް ރީމާ ތިރިވެއްޖެ އެވެ. ގަބުރު ރީމާގެ ހަށިގަނޑުހައި ކޭއްތެމުންދިޔަ އެވެ. އެންމެ ފަހުން ދަތްތައް ރީމާގެ ދޮން ކަނދުރާގެ އުފުލިފައިވާ ނާރުތަކުގެ ތެރެއަށް ވައްދާ ހުސް ކޮށްލައިފި އެވެ.
"މަންމާ!...މަންމާ!" ރީމާ ފުންމައިގެން ތެދުވެއްޖެ އެވެ. އެކަމަކު އިތުރު އެއްވެސް އެއްޗެއް ނުބުނެ އެވެ.
އެ ބިރުވެރި ހުވަފެނަށް ފަހު ރީމާ ހަށިގަނޑު މަޑުމަޑުން އެނދުމައްޗަށް ތިރިވެގެން ދިޔައީ ހަކަތަ އާއި ބާރު މުޅިން ކެނޑުމުންނެވެ. ރީމާގެ ލޯ އޮތީ ހުޅުވިފަ އެވެ. އެކަމަކު ކަޅި ހުއްޓިފަ އެވެ. (ނިމުނީ)