ވަގު ފުރޭތަ! ކުނިކޮށްގެން ހުރެ ގޭތެރެ އަށް ވަނުމާއެކު ޒިޔާދުގެ ހިތަށް އެރި އެވެ. އެތެރެ އަށް ހިނގައިގަތީ ދެ ލޮލުން އަނގުރު ވިއްސަމުންނެވެ. ކޮޓަރި އަން ވަން އިރު ވެސް ހުރީ ރަން ކަނި ބުރާހާ ގަދަ ރުޅިން ރަތްވެފަ އެވެ.
"ތެދުވޭ! ތަންދައްކާ... ވަގު ފުރޭތަ!" ނެރުން ވައްދާލި އުދަގަނޑެއްހެން ގޮސް އެނދުމަތީގައި އޮތް ލައިލާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ. ހީވީ ފުލުފުލުގައި ދެ ގުގުރި ޖެހި ހެނެވެ. އެތެރެ ފެންނަ ތުނިތުނި ޓޮޕެއްގައި އޮތް ލައިލާ ސިއްސައިގެން ދިޔަ ގޮތުން ހީވީ މުއުޖިޒާތަކުން އުފުލާލާފައި އެނދު މައްޗަށް ވައްޓާލިހެނެވެ.
"މި ބުނީނު ތެދުވާށޭ... މިތަނުން ނުކުންނާށޭ!" ޒިޔާދުގެ ވަރުގަދަ ދެ އަތުން ލައިލާގެ އަތުކުރީގައި ހިފާ ކޮަޅަށް ޖެހި އެވެ. ތުނޑިއަކަށް އަރައި އޮތް ބިސް ވެލައެއް ފުރޮޅައިލި ހެނެވެ.
"ޒިޔާދު މޮޔަވީތަ؟ މަށެއް ނޫނޭ މިގޭން ނުކުންނަން ޖެހޭނީ. މީ އަހަރެންގެ ގެއޭ... އަންނަ ގޮތަށް ގަޔަށް ބޮލަށް އަރަންޖެހޭތަ؟ ވަރި ކޮށްފަ ނުކުމެގެން ދާން ޖެހޭނީ ޒިޔާދަށޭ!" ލައިލާ ބަލަން ހުރީ އަކީ ނޫނެވެ. ކޮނޑު މައްޗަށް ދަމާލި އަތުގެ ފަސް އިނގިލީގެ ނިޝާން ޒިޔާދުގެ މޫނު މައްޗަށް އަރުވާލި އެވެ.
މޫނުގައި އަތް ޖައްސާލާފައި ޒިޔާދު ކޮޓަރީގެ ތަންތަން ފުށުން ޖަހަން ފެށި އެވެ. ފުރަތަމަ ފެށީ ހެދުން އަލަމާރިންނެވެ. ބާރަ ހާސް ރުފިޔާގެ އަގުހުރި މުދާގަނޑުގައި ކޮޅުފައިން ޖެހިޖެހީނުން ދޮރު ފަތް ވައްޓާލި އެވެ. އެ ވިޔަރިގަނޑުގައި ބުމަރެއްހެން ޒިޔާދު އެނބުރި ގަތެވެ. ހަރުގަނޑުގައި ބަރިއަކަށް ނިދާފައި ތިބި ވާހަކަ ފޮތްތައް ހޭލައްވާލައި ކޮޓަރީގެ ތެރެއަށް ބުރުއްސާލި އެވެ. ދެން ވަރުބޭލީ ބަރި ޖަހާލާފައިވާ ހިނދީ ޑްރާމާ ރޯލްތަކަށެވެ. ފުލުފުލުގައި ހުރިހާ ރޯލެއް ކުޑަ ދޮރުން ވާރޭތެރެ އަށް އުކައިލި އެވެ. ދާ ވެފައިވާ ހެދުންތައް އަޅާފައިވާ ވަށިގަނޑު ބަނޑުން ކޮށްލި އެވެ. ތަތްމުޑު ވަސް އުދުހި ގަތެވެ.
"ދޮގު ހަދާނެ ކަމެއް ނެތް، އެނގޭނެ ބުނޭ،" ހަފްތާއެއް ކުރިން އުނގުޅޭ ބާޒާރަށް ގޮސް، ގައިން ހަމެއް ކަނޑާލައިގެން ހޯދި ވަށިގަނޑު ހިފައިގެން ގޮސް ލައިލާގެ ބޮލަށް މަހާލި އެވެ.
"އައްޗީޑި... އައްދިއްޔޯތް، ޒިޔާދޫ!" ގަދަ ފެހި ކުލައިގެ ވަށިގަނޑު ނަގަން ލައިލާ މަސައްކަތް ކުރި އެވެ. އެކަމަކު ތޮރާ ވެއްލެއްގެ ނަރުވާތަކެއްހެން އެލިފައިވާ ބުޅި އިސްތަށިތައް ވަށިގަނޑުގެ ކުދި ގޮޅިތަކަށް ވަދެ ފައި ހުރުމުން ސަލާމަތް ވެވުނީ ހާލެއްގައި އުޅެގެނެވެ.
"ޒިޔާދު ހީކުރަނީ އަހަރެން މީ ވަގެއް ކަމަށްތަ؟ ޒިޔާދެއްނު އުޅެނީ ސިއްރުން ތަންތަނަށް އެއްޗެހި ކޮށްޕައިގެން... މަށަށް ފޮރުވައިގެން. ބަލަ ވަގުންގެ ކަބަޑުގެ ތަޅޭ އަބަދު ވެސް ބޮޑު ވާނީ،" ލައިލާ ގާތަށް ވެސް ވިއަރި އަރަން ފެށި އެވެ.
"ލައިލާ ދޮގު ވެސް ހަދާ. ވައްކަން ވެސް ކުރޭ... އާނ، އިރެއް ދިޔަ ލައިލާ ހަދާ ދޮގުތަކުން އަހަރެންގެ ހިތަށާއި ފުރާނަ އަށް ދިރުން ލިބުނު!"
"އެހެންތަ! ދެ މީހުން އުޅޭ ގެއެއްގަ ކާކުތަ ވަތްގަނޑުތައް ތަޅުލައިގެން އުޅެނީ؟ ކާކު ސިއްރުން އެއްޗެހި ގެންގުޅެނީ... އެއެއް އެނގޭނީ ޒިޔާދު ދޮގެއް ހަދާ ކޮންމެ ފަހަރަކު ނޭފަތް ދިގު ވާ ނަމަ. ވައްކަން ކުރާ ކޮންމެ އަތް ކަނޑާނަމަ!"
"ކީއްވާނީ؟"
"ކީއްހޭ ވާނީ؟ ތިހިރަ ނޭފަތް ޕިނޯކިއޯގެ ނޭފަތަށް ވުރެ ދެ ގުނަ ދިގު ވާނެ... ހަތަރެސް ފައިން ކުރެ ފައެއް ހަމައެއް ނުވާނެ!"
"އަހަރެން ވައްކަމެއް ނުކުރަމޭ" ހަމަޖެހޭ ގޮތް ދައްކަމުން ޒިޔާދު ހީގަތެވެ. "އަހަރެން ވެސް ދޮގެއް ނުހަދަމޭ!" ރާގު ލާފައި ލައިލާ ދުލަށް ބާރުލި އެވެ.
"ބޭކާރު އަނގަ ނުތަޅާ، ލައިލާ ނެގި އެތި ދެންޏާ ދޭންވީނު. މަށެއް ނޫޅެން ލައިލާ ރޮލާ ކާކަށް،"
"މަށެއް ވެސް ނޫޅެމޭ ޒިޔާދު ދިރުވާލާކަށް. އަދިއެއް މިނިމަހެއް ނުކަމޭ..."
"ތިއުޅެނީ ލައިލާގެ މޮޅުކަން ދައްކަން މަށާ ޒުވާބެއް ފަށައިގަންނަންތަ؟ އަނގަމަތީ ޖަހަންވީތަ؟"
"ބުނަންތަ، ޒިޔާދަކަށް މަގޭ އަނގައަކު އަތެއް ވެސް ނޭޅޭނެ. ދުލަކު ވެސް ނުހިފެހެއްޓެނެ... ދަސްކޮށް ދިނީމަ ޒުވާބެއް ނޫން ތަގުރީރު ވެސް ކުރަންވީނު!" ލައިލާ ވެސް ދުލެއް ނުދެ އެވެ.
"ވައްކަން ކުރީ އަހަރެން ދަސްކޮށްދީގެންތަ؟"
"ޒިޔާދު ދޮގު ހެދީ އަހަރެން ދަސްކޮށްދީގެންތަ؟"
ގިނައިރު ވީވީހެން ލައިލާ އާއި ޒިޔާދު ދިޔައީ ހޫނުވަމުންނެވެ. ކިޔޭ ނުކިޔޭ ނޭނގި އެކަކު އަނެކަކު ބޭޒާރު ކުރަމުންނެވެ. އަމިއްލަ އަށް އޮރިޔާން ވަމުންނެވެ.
"ކޮބައިހޭ؟ އަދި ވެސް ނުއެއް ދެއްކެއެއްނު!"
"މޮޅު ސްޓޯރީތައް މޭކްއަަޕް ނުކޮށް ބުނެބަލަ ލޯބީގެ ހަނދާން ކޮބައިހޭ؟ ވަގު ވަކި ލީ ފަށް ގެއްލިގެނޭ މިއުޅެނީ. ދިމާލަށް ބުނަން ނުކެރިގެން ތިއުޅެނީ ކީއްވެގެންތަ؟"
ލައިލާ ބުނި އެއްޗަކުން ޒިޔާދު ދުއްވައިގަތެވެ. ސިޓިން ރޫމުގެ ތެރޭގައި ހުރި މާ ޓުކުރި އަތަށް ނެގިގޮތަށް ދޫކޮށްލި އުނޑައެއްހެން ފާރަށް އަރުވާ ކުދިކުދި ކޮށްލި އެވެ. "އަހަރެން ގެންގުޅޭ އެއްޗެއްސާ ބެހެންޏާ އަދިވެސް އެއްޗެހި ހަލާކު ކުރާނަން،" ބުރައިގެން ދިޔަ ޕްލާސްޓިކް މާތަކަށް ޒިޔާދު ފައިން އެރި އެވެ.
"މަށަށް ވަކި ނުކުރެވޭނެތަ؟ އަހަރެން ވެސް ޒިޔާދުގެ އެއްޗެއް ހަލާކު ކޮށްލާނަން،" ލައިލާ ވެސް ދުއްވައިގަތެވެ. ސިޓިން ރޫމު ފަޅުފިލުވައިދޭ މާސިންގާ ޓީވީ ރެކްމަތީގައި ހުރި ކާނި ލަކުޑީގެ ނާ ބޯ މައްޗަށް އުފުލައިލުމަށްފަހު ތަޅުން މައްޗަށް ތަރަކޮށްލި އެވެ. ރިޔަނެއް ވެސް ހަމަ ނުވާ ނަވެކެވެ. އެކަމަކު އެއް ހާސް ޓަނުގެ ނަވެއްގައި ވެސް ހުންނާނެ ވަރަށް ރިޔަލާއި ވާވެލާވެލި އެއިން ތަޅުން މައްޗަށް ފެތުރެނުވެ.
"މާ ކަންތައް ފަލަ ކުރަން ނޫޅެއްޗޭ..." ޒިޔާދު ގޮސް ފުރަގަހުން ލައިލާގެ އުނަގަނޑުގައި ބެއްދި އެވެ. ނިޔަފަތި އަޅުވައިގެން ރިޔާ ފޮތިގަނޑެއް އިރާލިހެން ލައިލާގެ ޓޮޕްގެ ކަރުވަޅުން ފެށިގެން ތިރިއަށް ވީދާލި އެބެ. އިސްތަށިގަނޑު އަތަށް އޮޅަން ފެށުމަށް ފަހު ޒިޔާދު ލައިލާ ދޫކޮށްލި އެވެ.
"ހީކުރަނީ ނުކެރޭނެ ކަމަށްތަ؟ އަދި ތި އިސްތަށިގަނޑު ބުޑުން ބުރިކޮށްލާނަން!" ޒިޔާދުގެ ޖީބުން ފޯނު ރިންގުވަމުން ދިޔަ އެވެ.
"ހަލޯ،" ދުރަށް ޖެހިލުމަށްފަހު ޒިޔާދު ފޯނުން ވާހަކަ ދައްކަން ފެށި އެވެ. ހުޅުވާފައި ހުރި ކުޑަ ދޮރުގައި ބަނޑު އަޅާލި އެވެ. ދޮރުން ވަދެގެން އައީ ފިނި ކެލާ ކޮޅެއްކަހަލަ ނަލަ ވައިރޯޅި އެކެވެ. ޒިޔާދުގެ ހަށިގަނޑުގައި ވަށައިލުމާއެކު އަނދައަނދާ ހުރި ގިނި އެކަތި ފަހަރުން ނިވާލި އެވެ.
"އެއްވެސް ކަމެއް ނުކުރަން. އިރުކޮޅަކުން މިދަނީ... ކޯންޗެއް ލައިގެން ތިހުރީ... އުމމމމ ވައިލެޓްތަ... އަސްލު ވެސް ތަ؟ މިހާރު ދަންތަ؟ ވަރަށް ބޭނުން..."
***
ޒިޔާދު ނުކުމެގެން ދިއުމުން ލައިލާ ވެސް ގޮސް ކުޑަދޮރުގައި މޭ އަޅުވާލި އެވެ. އިސްފިރޭނުތަކެއްހެން އެލިފައިވާ އިސްތަށިގަނޑު އަތަށް ބޮނޑި ކޮށްލުމަށް ފަހު ދެ ލޯ ފުހެލި އެވެ. ބޭރު ބަލައިލި އެވެ. އުޑުމަތި މާކަ ސާފެއް ނޫނެވެ. އިޝާ ވަގުތު ދިމާ ހުޅަނގުން ރޯޅިފަށް ވެލާފައި އައި ކެރިކޮޅުގެ އަސަރުން އުޑުމަތީގެ ބައްތިތައް ވަނީ ނިވާލައިފަ އެވެ. އެކަމަކު ތޭވީސް ވިލޭރޭގެ ފާނޫޒު އުދަރެހުން ފާޅުވާން އުޅޭ ކަހަލަ އެވެ. މަޑުމަޑުން ލައިލާ ބޭރަށް ނުކުތެވެ. ރޭގަނޑުގެ މަޑުމައިތިރި ކަމުގެ ތެރެއަށް ވަދެ ހުސްވުމުގެ ސަބަބުން ރީތި ފެއްސަކުން އަނދިރި ކަޅަކަށް ބަދަލުވެފައިވާ ގަސްތައް ކައިރި އަށެވެ. ބަގީޗާއެއްގެ ސިފަ ޖެހެމުންދާ މާ ގަސްތަކުގެ މެދުގައި ހުރި ފިނިފެންމާ ގަހުގައި ހަމަ އެންމެ މަލެއް ފޮޅިފައި އިނެވެ.
ނާއިފް! މާ ބިނދެލަން އަތް ދިއްކޮށްލުމުގެ ކުރިން ލައިލާގެ ހިތުގެ އަޑިން އެ ނަން ކިޔައިލި އެވެ. ކަރު މައްޗަށް ޖެހި އެވެ. ގޭގެ ހަތަރު ވަނަ ބުރި ރަނގަޅަށް ފެންނާނެހެނެވެ. މާ ބިނދެލައިގެން ލައިލާ ވަނީ ކޮޓަރި އަށެވެ. ހުއްޓިފައި އިރުކޮޅަކު ހުރެވުނެވެ. ބޮޑު ރާޅު އަރާ ގިރާލާފައިވާ ތަނެއްހެން ތަރުތީބު އޮޅިފައިވާ ކޮޓަރީގެ ތެރެއިން މާ ބާއްވާނެ ތަނެއް ލައިލާ އަކަށް ނުފެނުނެވެ. ވިސްނާލި އެވެ. ދެ ތުންފަތް ފޭ ކޮށްލި އެވެ. މަލުގެ ތަނޑުގައި ދަތް އެޅި އެވެ. އެއާއެކު އިރާލާފައިވާ ޓޮޕް ބާލައި އެނދު މައްޗަށް ގުޅަ ކަރުވާލި އެވެ.
އިރުކޮޅެކެވެ؛ ލައިލާ ހެދުން ބަދަލު ކޮށްލި އެވެ. އިސްތަށިގަނޑު ތަރުތީބު ކޮށްލި އެވެ. ތުންފަތް ރަތްކޮށްލި އެވެ. މީރު ވަސް ދުއްވާލި އެވެ. ހިނގައިގަތެވެ. މަޑުމަޑުން ސިޑިން މައްޗަށެވެ.
ނާއިފު މިހާރު އަހަރެން ރީތިތަ؟ މަލުގެ ފިޔަތަކާ ކުޅެމުން ލައިލާ ފަހަރަކު ހަރުފަތެއް ގިރާ ކުރަމުން ދިޔަ އެވެ.
***
އަމީނީ މަގުން ގޮސް ބޮޑުތަކުރުފާނު މަގަށް ނުކުތުމާއެކު ލިފާން ސައިކަލުގައި ހުރި ވަރެއް ޒިޔާދު ދައްކާލި އެވެ. ނޫރާ އިނީ ޒިޔާދުގެ ގައިގައި ބާރަށް ބައްދައިގެންނެވެ. ނޫރާގެ ހަށިގަނޑުގެ ހުރިހާ ބާރެއް ރޫހީ ފިނިފިނި ޖަޒުބާތުތަކެއް ފަދައިން ދޫކޮށްލާފައިވަނީ ވަނީ ޒިޔާދަށެވެ. ސައިކަލުގެ ދުވެލި ބާރެވެ. ކަނޑު ތޮއްޓަށް މުގުރާ ރާޅުތަކުނމް ބުރުއްސާ ލޮނު، ކަނޑުގެ ރޯޅިއާ އެކު އަރައިގެން އާދެ އެވެ. ދުންފިނީގެ ސްޕްރޭ އަށް ވެގެނެވެ. މަގުގެ ލައިޓްތަކުން ފަތުރާފައިވާ ރަން އަލީގެ ތެރެއިން ދުރު ފެންނަނީ ފުސް ގަނޑެއްހެން އަދި މާދުރަކުން ދަރުބާރުގެއާ ދިމާލުގައިވާ ފިތުރޯނު ގަސްތަކަށް ވަނީ ދުރުން ފެންނަ ރަށެއްގެ ސިފަ ޖެހިފަ އެވެ.
ނަމޫނާ ޓެޓްރާ ޕޮޑާ ދާދި ކައިރިއަށް ސައިކަލް މަޑު ކޮށްލުމަށް ފަހު ޒިޔާދު ސައިކަލު ފައިބާ ލެނިގިލި އެވެ. ނޫރާ ހުއްޓުނީ ޒިޔާދު ކުރިމަތީގަ އެވެ.
"ކީއްވެ ފާޑަކަށް ތި ބަލަނީ؟" ވަޔާ ރޫޅެމުން ދިޔަ އިސްތަށިގަނޑު ރަނގަޅު ކުރަމުން ޒިޔާދު ނޫރާގެ އަތުގައި ހިފި އެވެ.
"ފާޑަކަށްތަ މި ބަލަނީ...؟ ކޮބާ އަހަރެން ޒިޔާ އަށް ދިން ފަށް؟ ބިއްލޫރި ވަގު ވަކި! ނެގީތަ؟ ލައިލާ ހިތްހަމަނުޖެހިދާނެތީ ބިރުގަތީ ދޯ؟"
"ސޮރީ! ފެންވަރަން ވެގެން ނެގި ގޮތަށް ހަނދާން ނެތުނީ،" ޒިޔާދު އޮޅުވާލި އެވެ. ކުރިއަކުން ވެސް ޒިޔާދު އެ ފަށެއް ނާޅަ އެވެ. ކަބަޑުގައި ފޮރުވާފައި ބޭއްވީ އެވެ. ދެން ގެއްލުނީ އެވެ. މަހެއް ފަހުން ނޫރާއާ ބައްދަލުވެފައި އެވަރުގެ ދޮގެއް ހެދިއަސް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އެހެންވެ ޒިޔާދު ހުރީ ޔަގީން ކަމާއެކު އެވެ. ފަޅައެއް ނާރާނެ އެވެ.
"ތީ ދޮގެއް ލައިލާ ދެކެ ބިރުން... ފިނިޑިކަމުން އަޅަން ނުކެރުނީ!"
"ބަރާބަރު އެއްމަސް ފަހުން މިހާ މިނިވަން ވަގުތު ކޮޅެއް ލިބުނީމަ ކީއްވެގެންތަ ލައިލާގެ ވާހަކަ ތި ދައްކަނީ...؟ އަހަންނާ ލައިލާއާ ހާދަ ތަފާތޭ، ލައިލާ އަހަންނަކާ މެޗެއް ނުވޭ... ހުރިހާ ގޮތަކުން ވެސް ނޫރާއާ އަހަންނާ ގުޅޭ،" ޒިޔާދު ފަހަތަށް ބަލައިލި އެވެ. ދުރުން ފެންނަނީ ރީތި އަލިން ފަވާލާފައިވާ ހުޅުލެ އެވެ. ކަނޑުމަތީގައި ރަން ކުލައިން ދަމާލާފައިވާ ރޮނގެއްހެނެވެ.
"ދެން ނޭނގެ ދޯ، އަހަރެން ވަރަށް ބޮޑަށް ނޫރާ ދެކެ ލޯބިވޭ!" ޒިޔާދު ބުނެލި އެވެ.
"ދެރަވީތަ..؟ ސޮރީ... ޒިޔާ ކުރީގައި ރައިވަރު ކިޔައިދެމެއްނު، ނެތްތަ ރައިވަރެއް؟" ނޫރާ ޒިޔާދުގެ ގައިގައި ލެނިގިލި އެވެ.
"އޭތް، ދެން ކިޔާބަލަ!"
ޒިޔާދު އެނބުރުނެވެ. ލޯ މަރާލި އެވެ. މަޑުމަޑުން ކިޔަން ފެށި އެވެ:
ކުރުގެޅި ބިތަށް އޮވެ ނިދީމާ!
ފިތަށް ފެންނަނީ ރަންކޮޅު!
ވެއްޓިދާ ވަރުވޭ ބަނޑު ވަތަށް!
މަ ރަންކޮޅު ހިތަށް ސިފަވާތީ!
(އާ ރައިވަރެއް: ދެ ފައި ތަގުޅިލައިގެން، މަރު ނިދީގައި އޮންނަ އިރު ވެސް ހިތަށް ފެންނަނީ ނޫރާ އެވެ. ކަލާ މަތިން ހަނދާންވެ ފިތަށް ތަދުވާތީ ބަނޑު ވަތަށް ވެއްޓޭ ވަރުވެ އެވެ.)
"ހިނގާ ދާން މިހާރު އެއޮށް މެންދަން ވަނީ!" ޒިޔާދުގެ ފަހަތުން ނޫރާ ސައިކަލަށް އެރުމާއެކު ޒިޔާދުގެ ބުރަކަށީގައި ތަތްވެލި އެވެ. ޒިޔާދު ސްޓާޓް ބަޓްން އަށް ފިތާލުމުން ކިނބިއްސެއް އަޅާފައި ސައިކަލްގެ އިނޖީނު ހިނގައިގަތެވެ. ދުވެލި ލިބުނު އިރު ނޫރާ އޮތީ ޒިޔާދުގެ ގައިމައްޗަށް ލެނބިފައި އެކަތިގަނޑަކަށް ވެގެނެވެ. ދުރުގެ ފުސްކަމުގެ ތެރެއަށް އޮބާލީ ހަލުއި ދުވެލީގަ އެވެ.
***
ފިނިފެން މަލާ ކުޅެމުން ހަތަރު ވަނަ ބުރި އަށް އެރުނުކަން ލައިލާ އަށް އެނގުނެވެ. ނާއިފު އުޅޭ އެޕާޓްމަންޓުގެެ ދޮރު ހުޅުވާލާފައި އެތެރެ އަށް ވަދެވުނު ކަން ވެސް އެނގެ އެވެ. ދެން ލޯ މަރާލެވުނީ އެވެ. ފެނެ އެވެ. ހުސް ނޫކުލަ އެވެ. ރޮނގެއް ނެތް ރީތި އުޑެއް ކަހަލަ އެވެ. ހީވި އެވެ. އޮވެވުނީ ހެލުވި ހެލުވި އޮތް އުނދޯޔެއްގަ އެވެ. ވަރަށް އަރާމެވެ. އޮމާން ރާޅެއް މަތީގައި ދެެ އަތަށް ލައިލާ ގެންދަނީ އެވެ.
"ލައި ލޯ ހުޅުވާލަ ބަލަ؟" ލައިލާ ސިހުނެވެ. ލޯ ހުޅުވައިލި އެވެ. އޮވެވުނީ ނާއިފުގެ އަތްދަނޑިމަތީގަ އެވެ.
"ނާއިފު!" ކޮޓަރީގެ މެދުގައި ލައިލާ ބެހެއްޓުމުން، ލައިލާ ނާއިފުގެ ގައިގައި ބައްދާލި އެވެ.
"ތެމިގެންތަ؟" ކުއްލިއަކަށް ލައިލާ ދުރަށް ޖެހިލި އެވެ. ނޫ ކުލައިގެ ތުވާއްޔެއް އުނގަނޑުގައި އޮޅާލައިގެން ހުރި ނާއިފުގެ ގައިގައި ހަރުލާފައި ވަނީ ބިއްލޫރި ކޮޅުތަކެއް ކަހަލަ ފެން ތިކިތކެވެ. އެތަކެއް ބައިވަރެވެ. އިސްތަށިގަނޑުން ތިއްކަކަށް ފަހު ތިއްކެއް ވެއްޓެމުން ދެ އެވެ.
"ހާދަ ވަރަކަށް ތި ބަލަނީ؟" ނާއިފު ހުރީ ހެވިފަ އެވެ.
"ތި މޭމަތީގައި ފުރޮޅިލާ ހިތުން... މި ފަށް ނުވެސް ބާލަންތަ؟" ލައިލާ ނާއިފު އާ ގާތްވި އެވެ. ވީހާވެސް ބޮޑަކަށެވެ. އެއާއެކު ނާއިފް ކަރުގައި އަޅާފައިވާ ކަޅު ރޮދީގެ ފަށުގައިވާ ބިއްލޫރި ވަގު ވަކީގައި ހިފާ އުފުލައިލި އެވެ. ވަގު ވަކީގެ ފަށުފުލުން ލައިލާ ދޫކޮށްލުމުން ނާއިފް މޭމަތީގައި ހިމޭންވި އެވެ. ދަތްދޮޅިން ވެއްޓި ޖެހުނު ފެންތިކި ވިއްސައިގެން ދިޔަ އެވެ.
" މީ އަހަރެމެންގެ ލޯބީގެ ހަނދާނެއް!" ނާއިފު އެހެން ބުނުމާއެކު ލައިލާގެ ލޮލުގައިވާ ހައިރާންކަން ކަރުނައިގެ ތިކިތަކުން ފަރުދާވާން އުޅުނު ކަހަލަ އެވެ. މޫނު ފޮރުވަން ލައިލާ ބޭނުންވި އެވެ. ފެނުން ތެމިފައިވާ ތާޒާ މޭމަތީގައި އެވެ. ނާއިފުގެ މޭަމަތީގައި ލައިލާ ބޯ އަޅައިލީ އެއްވެސް ޖެހުލުމެއްނެތި އެވެ.
"ދެން ދަނީ... އައި ލަވް ޔޫ!"
"ޝުކުރިއްޔާ!" ނުކުންނަމުން ލައިލާ ދިއްކޮށްލި ފިނިފެން މަލުގައި ހިފަމުން ނާއިފު ހިނިތުން ވެލި އެވެ.
ގުޑް ނައިޓް! ދެ މީހުންގެ ހިތަށް ވެސް އެރީ އެހެނެވެ.
ބާރުބާރަށް ސިޑިން ފައިބައިގެން އައިސް ލައިލާ ކޮޓަރި އަށް ވަން ވީހާވެސް ދުރުގައި ޖައްސާލަމުން ލައިލާ ހިންދިރުވާލި އެވެ.
ވަގު ފުރޭތަ! ލޯ މަރައިގެން އޮތް ޒިޔާދަށް ލައިލާ އައިކަން އެނގުމާއެކު ހިތުން ބުންޏެވެ. ދެ މީހުން ކުރެ އެކަކު ވެސް ލޮލުފިޔައެއް ނުޖަހައި ލޯ މަރައިގެން ތިބީ ދެ ފަރާތަށް މޫނުލައިގެނެވެ. ޒިޔާދު އޮތީ އެވެ. ގަދަކަމުން ބިން ހިއްކާ ބޮޑު ކޮށްފައިވާ މާލޭގައި 25 އަހަރު އުޅުނު އިރު ވެސް ބިމުން ކައިވަތެއް ވެސް ލިބިފައި ނުވާތީ ލައިލާ ވަރި ކުރަން ނުކެރިފަ އެވެ. ވަރިކޮށްފިއްޔާ ދާނެ ދިމާއެއް، ވަންނާނެ ފިޔަފާޅިއެއް ނުލިބޭނެތީ އެވެ. ލައިލާ އޮތީ ވަރިކޮށްފައި ޒިޔާދު ދިޔަސް ވަރިހަމަ ކަމަށް ހަދައިގެނެވެ. އަމިއްލަ ގެދޮރު ހުރުމުން ކުރިފަސް ލިބޭނީ އޭނާ އަށް ކަން އެނގޭތީ އެވެ.
ރޭގަނޑެއްގެ އަނދިރިކަން އެ ގޮތް މިގޮތަށް އުދުހިގެން ހިނގައްޖެ އެވެ. ދުވާލެއްގެ ސާފުކަމާއި އުޖާލާކަން ދުނިޔެ މައްޗަށް ގަދަވާން އުޅެނީ އެވެ. ވިލާތަށް އެއަތަށާއި މިއަތަށް ކަހަމުން އުޑު މައްޗަށް އެހެރަގެން އަރަނީ ފިސާރި ޒަވި ގަދަ އިރެކެވެ. ގަދަ ހޫނަކުން ޓިނު ފުރާޅުތަކާއި ގުނގުރެޓް އިމާރާތްތައް ދޮން ކުރަމުން ތިރި ބިންތަކުގައި އަލިފާން ލަމުންނެވެ. ލައިލާ އާއި ޒިޔާދުގެ ހިތުގައި އނަދާ ގިނީގެ ހުޅު ފަޅައިގެން ދާނީ އަދި އެއް ދަމަށް އިރު އެރުމުންނެވެ. (ނިމުނީ)