ކުޅިވަރު

ރޮނާލްޑޯ ދޫކޮށްލަން ރެއާލް އޮތީ ތައްޔާރަށްތަ؟

Jun 17, 2017
1

ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް މެޑްރިޑް ދޫކޮށްލާ ވާހަކަ އަކީ، އާ ވާހަކަ އެއް ނޫނެވެ. ނަމަވެސް، އިއްޔައިން ފެށިގެން ދުނިޔޭގެ މީޑިއާގައި މި ވާހަކަ ދެކެވެން ފެށީ، މީގެ ކުރިން ނުދެކެވޭ، ރާގެއްގަ އެވެ. ސްޕެއިންގެ ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ރެއާލް ދޫކޮށްލަން، ނިންމާފައިވާ ކަމަށް، ޕޯޗުގަލްގެ ކުޅުންތެރިންގެ ގާތު ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

ރެއާލް އާއެކު، ރޮނާލްޑޯގެ ކޮންޓްރެކްޓް 2021 ވަނަ އަހަރާ ހަމައަށް އެބައޮތެވެ. ރެއާލުން އޮތީ ރޮނާލްޑޯ ދޫކޮށްލާ ގޮތަށް ހެއްޔެވެ. އެ ހާލަތައް ރެއާލް އޮތީ ތައްޔާރަށް ހެއްޔެވެ.

ރޮނާލްޑޯ ދޫކޮށްލައިގެން، ރެއާލްއަށް ފަރުޖައްސާ ލެވޭނެ ހެއްޔެވެ. ސްޕެއިންގެ މާސާގައި، ރޭޑިއޯ މާސާގެ ރިޕޯޓަރު ހޯސޭ ފެލިކްސް ޑިއަޒު ލިޔެފައިވާ ކޮލަމްގައި އޭނާ ބުނެފައި ވަނީ، ރެއާލް އޮތީ، ރޮނާލްޑޯ ދުކޮށްލާ ހާލަތައް ތައްޔާރު ވެގެން ނެވެ.

"ރޮނާލްޑޯ، ރެއާލް އަށް ވުރެ ބޮޑެއް ނުވާނެ، އަދި އެއްވެސް ކުޅުންތެރިޔެއް، ރެއާލްއަށް ވުރެ ބޮޑެއް ނުވާނެ.. މެޑްރިޑްގައި، އެމީހުން އޮތީ އެ ހާލަތައް ތައްޔާރުވެފަ، ރޮނާލްޑޯ ރެއާލް ދޫކޮށްލުމަކުން ރެއާލް މިސްރާބު ނިމުނީކީ ނޫން،" ފެލިކްސް ބުނެފައި ވެއެވެ.

"ރޮނާލްޑޯ ރެއާލް ދުކޮށްލައިފިނަމަ، އަވަސް ފުރުސަތެއްގައި، ރޮނާލްޑޯ ނެތިވެސް ކާމިޔާބާ ހަމަޔަށް ދެވޭގޮތަށް ރެއާލްގެ ޕްލޭންތައް ކުރިއަށްދާނެ."

ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ރެއާލް އޮތީ، ޗެލްސީގެ އެޑެން ހަޒާޑަށް ބިޑް ކުރަން ތައްޔާރަށެވެ. ހަޒާޑް އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަ ކުރުމުގެ ފެންވަރު ހުރި ކުޅުންތެރިޔެއް ކަމަށް ފުޓްބޯޅައިގެ އެކްސްޕާޓުން ހިސާބު ޖަހާ ކުޅުންތެރިޔެކެވެ. ސުވާލަކީ، ރެއާލްގެ އޮތް ޕްލޭން ތަކާއެކު، ރޮނާލްޑޯ ނެތްތައް އެކުލަބަށް ފޫބެއްދި ދާނެ ހެއްޔެވެ.