މިއުޒިކް

ޒަކިއްޓެ، އަމާން އަދި ޝާޔާގެ ލަވަތައް ވަރަށް ސަޅި

ހަސަން އިރުފާން (ޒަކިއްޓޭ) އަދި އިބްރާހިމް އަމާން މޮޅީ ހަމައެކަނި ސަކަރާތް ޖަހައި މީހުން ހެއްވާލަން ނޫންކަން އެ ދެ މީހުން އެނގޭ ކޮންމެ މީހަކަށްވެސް އެނގޭނެ އެވެ. މޯލްޑިވިއަން އައިޑޮލް އިން ފިޔަޖަހައިގަނެ، އައިޑޮލް ދަތުރުގައި މާ ދުރަށް ނުދެވުނު ނަމަވެސް މިއުޒިކް އިންޑަސްޓްރީގައި މި ފަންނާނުން އެންމެ އުހަށް ދިއުމަށް މިހާރު ދަނީ ފިޔަޖަހަމުންނެވެ.

ދެ ފަންނާނުންގެ އަމިއްލަ ލަވަތަކެއް ނީވުނު ނަމަވެސް ޝޯތަކުން މި ދެތަރިންގެ އަޑު ނުކުނޑެ އެވެ. ރީތި ލަވަތަކެއް ކިޔައި އާންމުންގެ މަގުބޫލުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދަނީ އެވެ. އަވަސް އާއި ޗެނަލް 13 ގުޅިގެން މުޅިން އަލަށް ގެނެސްދޭން ފެށި، "ރިދަމް" ޝޯގެ ތިން ވަނަ އެޕިސޯޑުގައި މިރޭ ގެނެސްދިނީ ޒަކިއްޓެ އާ އަމާން ޕާފޯމްކުރި އިރު ހުށަހަޅާފައިވަނީ އެންމެ ކިޔާލަން ބޭނުންވި ލަވަތަކެވެ. އެ ލަވަތަކަކީ ރާއްޕެގެ "ލޯބި ލޯބިން" އަދި ""ދޮން ކަމަނަ" އެވެ. މީގެ އިތުރުން އާ ފަންނާނެއް ކަމަށްވާ ޝާޔާވެސް ވަނީ ޒަކިއްޓެ އާ އެކު ޕާފޯމްކޮށްފަ އެވެ. ޒަކިއްޓެ އާއި ޝާޔާ އެއް ލަވައެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އައްފާންގެ "ބިންދާލީ ރާޅެއްހެން" އަދި "ވިހަ" އެވެ. ޒަކިއްޓެ އަދި ޝާޔާއަށް އެންމެ ރީތި ލަވަތަކުގެ ކުރީގައި މި ދެ ލަވަ ހިމެނެ އެވެ.

އެންމެ ފުރަތަމަ ޝޯ ފަށައިދިނީ "ލޯބި ލޯބިން" މި ލަވައިންނެވެ. ޒަކިއްޓެ އާއި އަމާން އެ ލަވަ ސިފަކުރަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށްވެސް އެންމެ ގިނައިން އިވޭ އެއް ލަވައިގެ ގޮތުގަ އެވެ. މި ޝޯގައި "ލޯބި ލޯބިން" ކިޔަން ނިންމީ މިއީ ދުވަސްތަކެއް ވަންދެން އެ ފަންނާނުން ކިޔަން ބޭނުންވެފައި ހުރި ލަވައަކަށް ވާތީ އެވެ.

"ވަރަށް ދުވަސްވަންދެން ކިޔަން ބޭނުންވި ލަވައެއް މީ. އަމާން އާ އެކީގައި ކިޔަން ބޭނުންވީ ވެސް. ވަރަށް ދުވަސްވެއްޖެ އަމާން ކައިރީ ކިޔާތާވެސް. ހިނގާބަލާށޭ މި ލަވަ ކިޔަން،" ލޯބި ލޯބިން ކިޔަން ނިންމި ގޮތް ކިޔައިދެމުން ޒަކިއްޓެ ބުންޏެވެ.

އެ ލަވަ ޒަކިއްޓެ އާ އަމާން ކީ ބޭންޑާ ނުލަ އެވެ. ހަމައެކަނި ގިޓާ ކުޅެމުންނެވެ.

ދެވަނަ އަށް ޝޯގައި ހުށަހަޅައިދިނީ "ދޮން ކަމަނަ" އެވެ. ދޮން ކަމަނަ އަކީ ޓްރިއޯގެ ރީތި ލަވަތަކުގެ ތެރެއިން ގެއްލިފައި އިން އަމިއްލަ ރާގުގެ ރީތި ލަވައެއް ކަމަށް އަމާން ބުންޏެވެ. އަމާން ބުނިހެން އެ ލަވަ އަކީ ހަމަ ދޮން ކަމަނަ އެކެވެ.

"ޝާޔާ ޗޫޒް ކުރީ ކީއްވެކަން މި ލަވަ އަޑު އަހާލީމަ އެނގޭނެ." ޒަކިއްޓެ އަދި ޝާޔާގެ ލަވަ ފެށުމުގެ ކުރިން ޒަކިއްޓެ ބުންޏެވެ. ޒަކިއްޓެ ޝާޔާ ހޯދީ ކީއްވެކަން ވަރަށް ރަނގަޅަށް މިހާރު އެނގިއްޖެ އެވެ. ޝާޔާ އަކީ ހުނަރުން ފުރިގެންވާ ކުއްޖެއްކަން އެ ލަވަ އަޑުއެހި ކޮންމެ މީހަކަށްވެސް ގަބޫލުކުރެވޭނެ އެވެ. މި ލަވަތައް ކޮންމެހެންވެސް ބަލައިލަން ވާނެ އެވެ. ޔޫޓިއުބުން މިހާރު ބަލައިލެވޭނެ އެވެ.