ރިހަފަތް

ޗޮކްލެޓް ސުފްލެސް ކްރެޕް ވަރަށް މީރުވާނެ

Jun 17, 2017
1

ރޯދަ ވީއްލަން ކާއެއްޗެހި ތައްޔާރުކުރާއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއް ކަމަކީ މީރު ފޮނި އެއްޗެއް ތައްޔާރު ކުރުމެވެ. މީރު އަދި ތަފާތު އެއްޗެއް ތައްޔާރު ކުރަން ކޮންމެ މީހަކުވެސް ވަރަށް ހާއްސަ އިސްކަމެއްދެ އެވެ. އެގޮތުން އަވަސްގެ "ރިހަފަތު" ގައި މިއަދު މި ހިމަނާލަނީ ރޯދަ ވީއްލާ ގަޑިއަށް ތައްޔާރުކޮށްލެވިދާނެ މީރު ޑެޒާޓް އެކެވެ. ޗޮކްލެޓް ސުފްލޭސް ކްރެޕް އެވެ. މިއީ ތައްޔާރުކޮށްލަންވެސް އެހާ އުނދަގޫ އެއްޗެއް ނޫނެވެ.

ބޭނުންވާ ތަކެތި

  • ޑާކް ޗޮކްލެޓް
  • ޑަބަލް ކްރީމް
  • ފުށް
  • ކުކުޅު ބިސް
  • ކުކުޅު ބިހުގެ ރީނދޫބައި / ހުދުބައި
  • ބަޓަރު
  • ކިރު
  • ކޮކޯ ޕައުޑާ
  • ލޮނު
  • ސިނަމަން ޕައުޑާ
  • ހަކުރު
  • އެސެންސް

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ކްރޭޕް ތައްޔާރުކޮށްލުމުން ފަސޭހަވާނެ އެވެ. އެގޮތުން އެންމެ ފުރަތަމަ ބަޓަރުކޮޅު މަޑު ގިނީގައި މެލްޓްކޮށްލާށެެވެ. ދެން ވަކިން އެހެން ތައްޓެއްގައި ފުށާ، ކޮކޯ ޕައުޑަރު އަދި ސިނަމަން ޕައުޑަރު ރަނގަޅަށް އެއްކޮށްލާށެވެ. އަނެއްކާވެސް އެހެން ތައްޓެއްގައި ކިރާއި ކުކުޅު ބިސް ރަނގަޅަށް ގިރާލާށެވެ. ކިރު އަޅަންވާނީ ބިސް ރަނގަޅަށް ގިރާފަ އެވެ. އެއަށްފަހު އޭގެ ތެރެއަށް އެސެންސް އެޅުމަށްފަހު ގިރާލާފައި ކުރިން ތައްޔާރުކުރި ފުށްކޮޅާއި އެއްކޮށްލާށެވެ. ރަނގަޅަށް މިކްސް ކޮށްލުމަށްފަހު އޭގެ ތެރެއަށް ބަޓަރުކޮޅު އަޅާލާފައި އެއްކޮށްލާށެވެ. އެއަށްފަހު އެއިން އޮމްލެޓް ގޮތަށް ކުދި ފޮޅިތަކެއް ފިހެލާށެވެ. އެހާ ތުނިވެސް އަދި އެހާ ބޯވެސް ނުކުރައްޗެވެ.

ދެން ސުފްލޭސް ތައްޔާރުކޮށްލަންވީ އެވެ. އެންމެ ފުރަތަމަ ބިހުގެ ރީނދޫބައި ހަކުރު ރަނގަޅަށް އެއްކޮށްލާށެވެ. ހަކުރުކޮޅު އެއްކޮށް ވިރުވާލަން ވާނެ އެވެ. ދެން ޑާކް ޗޮކްލެޓްކޮޅު ކިރު އަރައިގެން ރަނގަޅަށް މެލްޓްކޮށްލާށެވެ. އެއަށްފަހު ދެންމެ ހަކުރުއަޅައިގެން ތައްޔާރުކުރި ބިހުގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ދެން ކުކުޅު ބިހުގެ ހުދުބައި ވަރަށް ރަނގަަޅަށް ގިރާލާށެވެ. ރަނގަޅަށް ފޯމްއަކަށް ތައްޔާރުވުމުން ހަކުރު އެޅުމަށްފަހު އަނެއްކާވެސް ގިރާލާށެވެ. އެއަށްފަހު ކުރިން ތައްޔާރުކުރި ޑާކް ޗޮކްލެޓް ކޮޅުގެ ތެރެއަށް އަޅާ މިކްސް ކޮށްލާށެވެ.

ދެން ޓްރޭއެއްގައި ކުރިން ތައްޔާރުކުރި ކްރޭޕްތައް ފަތުރާލުމަށްފަހު އޭގެ މައްޗަށް ސުފްލޭސް އަޅާފައި ފަތް ޖަހާލާށެވެ. ދެން އަވަނަށް ލާފައި ކުޑަކޮށް ފިހެލާށެވެ. އޭރަށް ތައްޔާކުރެވުނީ އެވެ.