ފިހާޅޮހި ރިސޯޓުން: މުންޑޫ އާދަމް ހަލީމް --- މި ރިސޯޓަށް އަރައިގެން އާއިރު ހިނިތުން ވުމަކާއެކު ސަލާމް ކޮށްލީ ތިން ދިވެހިންނެވެ. ލޮބީ ތެރެއިން ދިއްކޮށްލި ފިނި ފިނި ތުވާލިކޮޅު ނިއުޅާލައި ތާޒާވަމުން ދިޔައިރު އެ ތިން ބޭފުޅުން ވެސް އެއް ފަހަރާހެން ކުރެއްވީ ދެ ސުވާލެކެވެ. ދިގު އިސްތަށިގަނޑު ކޮބައިހެއްޔޭ އެވެ؟ ނޫސްވެރިކަމުގައި ހާދަ ޒަމާނެއް ވެއްޖެދޯ އެވެ؟ މާ ކުރިންސުރެ އަހަރެން ދަންނަނީތާ އެވެ. ގައިމު އަހަރެން އެއިން ބޭފުޅަކު ނުދަންނަމެވެ. ތައާރަފުވެލަމުން އޭގެ ތެރެއިން އެއް ބޭފުޅަކު ވިދާޅުވީ އޭނާއަކީ ރިސޯޓްގެ މެއިންޓަނަންސް މަސައްކަތުގެ ޑެޕިއުޓީއޭ އެވެ.
އަނެއް ބޭފުޅަކު ވިދާޅުވީ ގޮތުން ވިއްޔާ އޭނާއަކީ މި ރަށުގެ ހައުސްކީޕިންގެ ވެރިޔާ އެވެ. ދެން ހުންނެވީ އިންޖިނިއަރިން އެންޑް ބިލްޑިން މެއިންޓަނަންސްގެ ހެޑެެވެ. ރޯދަ ވީއްލުމާ ދެމެދަށް ވަގުތު ކޮޅެއް އޮތުމުން އަހަރެމެން ނުކުތީ މިރަށުގެ ހިތްގައިމު "ފިޝަމޭން ބާ" އަށެވެ. ފޮހޭން ދިޔަ އިރު، ދިޔައި އަލިފާން ބޯޅައެއްހެން އަހަރެމާ ދިމާއަށް "ބަލަހައްޓައިގެން" ތިރިއަށް ވެއްޓެމުން، ވެއްޓެމުން ދެއެވެ. ވާހަކަ އޮލަ ތިން ބޭފުޅުންނާއެކު އެ މަންޒަރަށް ބަލަމުން ދިޔަ ވަރަކަށް ކުރިތައް ފަޅަފަޅައިގެން ދެއެވެ. މިހާރު އެއް ކަމެއް ސާފުވެއްޖެ އެވެ. އުމުރުން 52 އަހަރުގެ މުހައްމަދު ރަޝީދު މި ރިސޯޓުގައި ވަޒީފާ އަދާ ކުރައްވާތާ 25 އަަހަރުވެއްޖެ އެވެ. އައްޑުއަތޮޅު މީދޫއަށް އުފަން އަހުމަދު ޖާބިރު ވެސް 15 އަހަރު ހޭދަ ކުރައްވައިފި އެވެ.
މި ރިސޯޓަށް 35 އަހަރެވެ. ހުސައިން ޝުކުރީ މިރަށުގެ ވަޒީފާ އަދާ ކުރައްވާތާ 31 އަހަރުވީ އެވެ. އެ ބޭފުޅުން އަހަންނާ ދެ ސުވާލު ކުރި ފަދައިން އަހަރެން ވެސް ކޮށްލާ ހިތްވީ އެންމެ ދެ ސުވާލެކެވެ. އެހާ ގިނަ ދުވަހު ރިސޯޓެއްގެ ވަޒީފާގައި ހޭދަ ކުރީ ކިހިނެއް ހެއްޔެވެ؟ މިހާރު ވަޒީފާގައި ޒުވާނުންނަށް ނޫޅެވެނީ ކީއްވެގެން ހެއްޔޭ އެވެ؟ ދެން އެ އޮތީ ވާހަކަ ދިޔައި ވެފައެވެ.
"ވަޒީފާއެއް ނެތޭ ވަޒީފާއެއް ނުދެއޭ، ނުލިބިއޭ ކިޔަސް އެއީ ހުސް ދޮގު ވާހަކަ! ވަޒީފާ އެބައޮތް އެކަމަކު އެހީ އަހުލާގު ހުރި ކެރޭ ހީވާގި އިހުލާސްތެރި މީހުންނަށް ލިބޭ އެއްޗެއް، އެއީ އަކީ ތަނެއްގައި ހަރު ނުލައި ވަގުތަށާއި މުސާރައަށް ބަލައިގެން ވަޒީފާ ފަހާ ދުވާ މީހުންނަށް ލިބޭ އެއްޗެއް ނޫން،" ތިން ބޭފުޅުންގެ ތެރެއިން ވާހަކަ ގިނައީ ރަޝީދެވެ.
ރަޝީދު ވިދާޅުވި ގޮތުގައި އޭނާގެ އުމުރުން 20 އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް އުޅެމުން އައީ ރިސޯޓް ދާއިރާގަ އެވެ. އަދި މާދަމާވެސް އޭނާގެ ގެއަކަށް ވާނީ ރިސޯޓެވެ. އޭނާގެ އުންމީދަކީ ފުރަތަމަ ދުވަހެކޭ އެއްގޮތަށް ވަޒީފާގައި އިހުލާސްތެރި ކަމާއެކު ކުރިއަރައި ދިއުމެވެ.
"މިހާރު ނޫސްވެރި ކަމުގައި ކިހާ ދުވަހެއް ވެއްޖެތަ؟" ރަޝީދު އަހަންނާ ސުވާލެއް ކުރި އެވެ.
"1996 އިން ފެށިގެން ފަހަތަށް އައި ހުރިހާ ދުވަހެއް... އިރާދަ ކުރެއްވިއްޔާ މާދަމާވެސް!" އަހަރެން ބުނީމެވެ.
"އެހެންވީމާ 21 އަހަރުވީ ނޫންތޯ؟ އެހާ ގިނަ ދުވަހު ނޫސްވެރި ކަމުގައި އުޅެވޭނީ ހަރުދަނާ ކޮންމެވެސް ސިފައެއް ހުރެގެން، އެއްތަނުން އަނެއް ތަނަށް ދުވިނަމަ ތިގޮތުގައި ހޭދަ ނުކުރެވުނީސް... އަޅުގަނޑު މިރަށުގެ ވަޒީފާގައި ވެސް މިވީ 25 އަހަރު މިރަށުގައި 20 އަހަރު ވަންދެން އަޅުގަނޑު އުޅުނީ ރެސްޓޯރެންޓްގެ އާދައިގެ ވޭޓަރެއްގެ ގޮތު. އެހެން ގޮސް ކެޕްޓަން ކަމާއި ހެޑް ވޭޓަރު ކަމުން ސްޕަވައިޒަރު ކަމާ ހަމައަށް. އޭގެ ފަހުން މެނޭޖުމެންޓަށް ފެނި ވަޑައިގަތީ އަޅުގަނޑު އައިލެންޑް މެއިންޓަނަންސްގެ ޑެޕިއުޓީ އަކަށް ބަދަލު ކުރަން މި ކުރިއެރުމަކީ އެއް ދުވަހުންވީ ކަމެއް ނޫން. އަދި މިއީއަކީ މުސާރައާ މަސައްކަތް ކުރާ ވަގުތަށް ބަލައިގެން އެއްތަނުން އަނެއް ތަނަށް ދުވާ މީހުންނަށް ހޯދޭނެ ކާމިޔާބީއެއް ވެސް ނޫން،" ރަޝީދު އޭނާގެ ތަޖުރިބާތައް ފިޝަމޭން ބާގެ ހުސް ޑެކް މައްޗަށް ބަންޑުންކޮށްލި އެެވެ. އަހަންނާއެކު މި ދަތުރުގައި އައި އަދި އިހަކަށްދުވަހުގެ ދެ ނޫސްވެރިން ރޯދައިގެ ހައިކަން ވެސް ފިލައި ހައިރާންވެފައި އަޑު އަހަން ތިއްބެވެ.
މިޒަމާނުގެ ރިސޯޓެއް ނޫނަސް ރުކާއި ގަސްތައް ގިނަ މި ރިސޯޓަކީ ފެހި ފެއްސޭ ބުނާހާ ވެސް ފެހި ރިސޯޓެކެވެ. މި ރަށް ފެހިކޮށް ބާއްވައިދީ މުޅި ރަށް ސާފުކޮށް ރަށާއި ރޫމްތަކާއި އެހެން ހުރިހާ ކަމެއްގެ މެއިންޓަނަންސް ބެލެހެއްޓުމުގައި ދެވަނަ އަށް އިސްވެ ހުންނެވި ވެރިޔާއަކީ ރަޝީދެވެ. މިރަށުގެ ގަޑިން ހެނދުނު 7:00 ޖަހާއިރު ރަޝީދު ތެދުވެ ވަޑައިގަންނަވާނެ އެވެ. ދެން އެއްތާ ދެފައި ނުޖަހާ މަސައްކަތް ކުރައްވާނެ އެވެ. މުޅި ރަށް ހަމައަކަށް އަޅުވާފައި ބާއްވާނެ އެވެ. އޭނާގެ ފަހަތުގައި އޮންނަ ޓީމަށް ކިކް ގެނެސް އެމީހުންގެ ސަފުތައް ރާވައި ހިނދުން ހިނދުން މަސައްކަތް ކުރުވައި ބަލައި ޗެކު ކުރުމަކީ އޭނާގެ މަސައްކަތެވެ. ފިހާޅޮހި ފިހާޅޮއްސައްކަވަނީ ރަޝީދުގެ "ގަދަ" ކަމުންނެވެ.
"ނަވަރާސަތޭކަ އައްޑިހައިގައި އަޅުގަނޑު ކަނީގައި ވެސް އުޅުނިން އަދި ކުޑަ ދުވަސްކޮޅަކަށް ރިހިވެލީގައި ވެސް ހޭދަ ކުރިން. އޭގެ ފަހުން އަޅުގަނޑުގެ ގެއަކަށްވީ މި ރިސޯޓް، މިއީ ހަޔާތާ ގުޅިފައިވާ ވަރަށް ހާއްސަ ތަނެއްގެ ގޮތުގައި އަޅުގަނޑަށް ސިފަވޭ،" އޭނާ ބުންޏެވެ.
"އެހެންތަ، ތިޔަހެންޏަ، މިހާރު ދިރިއުޅުން ވެސް ވަރަށް ކުރިއަށް ޖެހިފައިދޯ އޮންނާނީ!" އަހަރެން ވެސް އަހައިލީމެެ.
ކުޑަ ވަޒީފާއަކުން މަހަކު 600 ރުފިޔާގެ މުސާރައަށް މަސައްކަތް ފެށި، ގދ، ވާދޫއަށް ނިސްބަތްވާ ރަޝީދުގެ ވެސް ހެޔޮވަރު އާއިލާއެއް އެބައޮތެވެ. މިރަށުގައި އޭނާއަށް ލިބޭ އާމްދަނީއާއެކު އެ އާއިލާއާ އޮތީ ވަރަށް ފުރިހަމަވެފައޭ ބުނެވިދާނެ އެވެ. އޭނާގެ ފަސް ކުދިން ކިޔަވާ ނިމިއްޖެ އެވެ. އެންމެ ދޮށީ ދަރިފުޅަށް މިހާރު 30 އަހަރުވެފައިވާއިރު އޭގެ ތެރެއިން ދެ ކުއްޖަކު ވަނީ ޑިިގްރީ ހާސިލުކޮށްފަ އެވެ. އެހެން ކުދިން މަތީ ތައުލީމް ފުރިހަމަކޮށް ނިންމާން ދަނީ އެވެ.
"ޓޫރިޒަމްގެ ދާއިރާއަކީ ރާއްޖޭގެ 'ހިތް' މި ދާއިރާގެ ވަޒީފާއިން އަޅުގަނޑާއި އާއިލާ އުފުލައިދިން. މިތަނުން ލިބުނު އާމްދަނީން އަޅުގަނޑުގެ ހުރިހާ ކުދިންނަށް ކިޔަވައިދީ ދިރިއުޅުން ބާއްޖަވެރިކުރީ. މި ރިސޯޓުން އަޅުގަނޑުގެ އާއިލާއަށް ވަރަށް ބޮޑެތި ފުރުސަތުތައް ފަހިކޮށްދިން. އަޅުގަނޑު ވަރަށް ލޯބިވާ ބަޔަކަށް މި ރިސޯޓްގެ ވެރިންނާއި މުވައްޒަފުން ވެގެންދިޔައީ އެހެންވެ، މިހާ ގިނަ ދުވަހު ދެގޮތެއްނުވެ ހުރެވުނީ، އަޅުގަނޑުގެ ޝައުގުވެރިކަން އަދި އަޅުގަނޑުގެ ވެރިންގެ ރަނގަޅު ކަން،"
އަވަހާރަވެފައިވާ މަޝްހޫރު އިހަވަންދޫ ހުސައިން ޝާކިރުގެ މި ރިސޯޓްގައި ގާތްގަނޑަކަށް 230 އެއްހާ މުވައްޒަފުން އުޅޭ އިރު އެ އެންމް ވެސް ރަޝީދާމެދު ދެކެނީ ގަަދަރު އުފުލިފައިވާ ނަމޫނާއެއްގެ ގޮތުގަ އެވެ.
"ފުރަތަމަ މުސާރައަށް ލިބުނީ 600 ރުފިޔާ، އޭރު ޓިޕްހަށް ބަލާފައި ކުޑަ މުސާރައެއް އޮންނަނީ ސާވިސް ސާޖެއް ވެސް ނޯވޭ... ކުރިން ދަތިކޮށް ދިޔައަސް މިހާރަކީ އުފާވެރި ޒަމާނެއް، އަޅުގަނޑު މިކުރި ދަތުރުގައި ފުރިހަަ ދިރިއުޅުމެއް އާރަސްތުވެއްޖެ، މަސްވެރިކަން ކުރާ ފައިބަރު ދޯންޏެއް އެބަ ދުވޭ، ކުޑަ ގެސްޓް ރޫމްތަކެއް ވެސް ހިންގޭ،"
ރަޝީދު ވިދާޅުވި ގޮތުގައި ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު "ބައްޔަކީ" ވަޒީފާ ނުލިބޭ ވާހަކައިގެ ބައްޔެވެ. އެކަމަކު އެއީ އެއްވެސް ހަގީގަތެއް ނެތް ބައްޔެކެވެ. އެއީ އޮތް ބައްޔެއް ނަމަ އޭނާ ވިދާޅުވަނީ އޭނާއަށް ވެސް އަދި އަހަނަށް ވެސް ވިހި ބާވީސް އަހަރު ވަޒީފާ އަދާ ނުކުރެވުނީސް ކަމަށެވެ.
"ވަޒީފާ ނުލިބޭ ވާހަކައަކީ ކަންނެތް މީހުން ހަދާފައި އޮންނަ ބޮޑު ދޮގެއް، ފުރަތަމަ ދާ ގޮތަށް މުސާރަ ކުޑަވެގެން ދުވަން ފެށީމާ ވަޒީފާ ލިބޭ ކަމަކަށް ނުވާނެ. ކުރިމަގެއް ވެސް ނުފެންނާނެ ކޮންމެ ތަނެއްގައި ކޮންމެ ކަމެއް ގައިވެސް ފުރަތަމަ ދުވަހު ކަންކަން ބަރާބަރެއް ނުވާނެ! އުޅެމުން ކުރި އަރަމުން ގޮސް މީހާ ތެދުވެ ހިނގައިގަންނަން ޖެހޭނީ. މީހުން ކުރިމަތީގައި އަގު ހުރި މީހަކަށް ވާން ޒުވާން ކުދިން މަސައްކަތެއް ނުުކުރޭ އެއީ މިހާރު ދިވެހި ޒުވާން ކުދިންނަށް ދިމާވެފައިވާ މައްސަލައަކީ. އެންމެން ވެސް ދުވަނީ މުސާރައާ ފަހާ، ވަޒީފާ ފަހާ، އެކަމަކު އެކަން އަތުވާނީ އަހުލާގު ރަނގަޅު، ކެރޭ ހިތްވަރު ގަދަ ޒުވާނުންނަށް،" އޭނާ ވިދާޅުވި އެވެ. "މިހާރުގެ ގިނަ ކުދިން ގަޑިއަކަށް ވަޒީފާއަކަށް ނުދާނެ އެއީ އަޅުގަނޑުގެ ވަރަށް ބޮޑު ތަޖުރިބާއެއް، ގަޑިއަށް ނުދިއުމާއި ކަންނެތްކަން، އަހަރެމެންގެ ޒުވާނުން ހަލާކުކޮށްލައިފި!"
ރަޝީދުގެ ހުރީ ހިތްހަމަ ޖެހިވަޑައިގެންނެވެ. ވަޒީފާގައި 25 އަހަރުވެ، ކުރިއަރައިގެން ގޮސް އާއިލާ ހަމަޖެހިފައިވާތީ އެވެ. އޭނާ މިއަދު ވެސް ވަޒީފާއަށް ނުކުންނާނީ އެންމެ ފުރަަތަމަ ދުވަހުވެސް ނުކުންނެވި ގޮތަށް އެ އަޒުމުގައި އެއްވެސް ތަފާތަކާ ނުލަ އެވެ. އޭނާގެ ކުރިމަތީގައި ދެން އޮތީ ދެމަފިރިން އެކުގައި ހައްޖުގެ މަތިވެރި އަޅުކަން ނިންމާލުމެވެ. ރިސޯޓުން ވަނީ މަތިވެރި ވެގެންވާ އެ ފުރުސަތު އޭނާއަށް ތަނަވަސްކޮށްދީފަ އެވެ. – އަލްހަމްދުލިﷲ
"ރިސޯޓުން އޮތީ މިހާރު ހައްޖު ދަތުރެއް ދީފައި، އަޅުގަނޑުގެ ސިއްހަތު ރަނގަޅު، ހަޔާތް އުފާވެރި، ހަމަހުން ހަމަހުން ޗެކަޕުން ހަަދާއިރު ސިއްހީ އެއްވެސް މައްސަލައެއް ވެސް ނެތް،" އޭނާ ހީނހލި އެވެ.
އަހަރެމެންގެ ވާހަކައިގެ ތެރެއަށް ދެން ވެންނެވީ ޝުކުރީ އެވެ. ބޯ ކަޅުކޮށްލާފައި ހުއްޓަސް އައްޑު އަތޮޅު ހުޅުދޫއަށް އުފަން ޝުކުރީގެ އުމުރު މިހާރު ފަންސާސް ފަހަނަޅައި ތިނަކަށް އަރައިފި އެވެ. ރިސޯޓްގައި އޭނާގެ ވަޒީފާ ފެށުނީ 1984 ވަނަ އަހަރު ގަސްފިނޮޅުންނެވެ. ދެ އަހަރު އެ ރަށުގައި އުުޅުއްވުމަށް ފަހު ބަނޑޮހުގައި ވެސް ދުވަސްކޮޅަކު ވަޒީފާ އަދާ ކުރެއްވި އެވެ. އޭގެ ފަހުން 1986 ވަނަ އަހަރު މި ފިހާޅޮއްސަށް ބަދަލުވީ އަހަރުގެ ކުރީ ކޮޅު އެވެ.
ޝުރީގެ މަސައްކަތް ފެށުނީ މި ރިސޯޓުގެ ރޫމް ބޯއީއެއްގެ ވަޒީފާއިންނެވެ. އެއީ ވަރަށް އާދައިގެ ކުޑަ ކުޑަ ވަޒީފާއެކެވެ. އެކަމަކު މިހާރު އެއީ އާދައިގެ ބޭފުޅެއް ނޫނެވެ. މި ރިސޯޓްގެ އެގެޒެކްޓްވި ހައުސް ކީޕަރަކީ އޭނާ އެވެ. މިރަށުން "ނުފައިބާ" އުޅުއްވާތާ 31 އަހަރުވީ އެވެ. އޭނާގެ ދަށުގައި 40 އަށްވުރެ ގިނަ މުވައްޒަފުންގެ ލަސްކަރެއް "ތައްޔާރީ ހާލަތުގައި" އޮވެއެވެ.
"ޝުކުރީ އަށް ޖެހިވަޑައި ގަންނަވާ ކަމަކީ ކޮބައިތޯ؟"
މި ރަށުގައި 150 ކޮޓަރި ހުންނައިރު ހެނދުނުން ފަށައިގެން ހައުސްކީޕިންގެ ހުރިހާ ކަމެއް ދަނީ ޝުކުރީގެ ބެއްލެވުމުގެ ދަށުންނެވެ. ތަންތަން ޗެކް ކުރުމާއި ވިއައިޕީ ހިދުމަތް އެރުވުމާއި އެންމެ މަތީފެންވަރުގައި ހިދުމަތް ދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ހިނގާނީ އޭނާގެ އަތް ދަށުންނެވެ.
"އެ ހުރިހާ ކަމެއް އަޅުގަނޑު އަމިއްލައަށް ވެސް ބަލާފައި ނޫނީ ދޫކޮށެއް ނުލަން. އެއީ އަޅުގަނޑުގެ ކާމިޔާބީއަކީ،"
އެއް އިރެއްގައި އާދައިގެ ރޫމްބޯއީ މިހާރު ހުރިހާ ރޯމްބޯއީންގެ ވެރިޔާއަށްވީ އޭނާގެ ގަޔަށް ވަރަށް ގިނަ ރާޅު ޖެހި ދަތުރަކަށް ފަހު އެވެ. އެ ދަތުރުގައި ފުރަތަމަ މުސާރައަކީ 300 ރުފިޔާ އެވެ. އެހެން ނަމަވެސް ކެތްތެރި ކަމާއެކު ވަޒީފާގައި ކުރިޔަށް ވަޑައިގެންނެވި އެވެ. ހަމަސް ފަހުން ހެޑް ރޫމް ބޯއީއަކަށް ބަދަލު ކުރި އެވެ. އޭގެ ފަހުން 1987 ގައި ހޮޓެލް ސްކޫލް ހުޅުުވުމާއެކު ކިޔަވަން ވަޑައިގެންނެވި އެވެ. އެ ދަތުރަށް ފަހު އެސިސްޓެންޓް ހައުސް ކީޕަރަކަށް ވެވަޑައިގެންނެވުނެވެ. އޭގެ ފަހުން ހައުސްކީޕަރަކަށް ހުންނަވާތާ ވެސް 22 އަހަރުވީ އެވެ. ސްރީލަންކާގެ ވެރިންނާއި ޔޫރަޕްގެ ވެރިންގެ ދަށުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ބޭރު ގައުމުތަކުގައި ވެސް ތަމްރީން ހޯއްދެވި އެވެ.
"އޭގެ ފަހުން ބުރަ މަސައްކަތާއެކު އޭރެއްގަ އޮންނަ މެނޭޖްމެންޓަކަށް އިހުލާސްތެރި ކަމާއެކު މަސައްކަތް ކުރީ އެގޮތަށް ކުރިއަށް ފިޔަވަޅު އަޅަމުން އައިސް މިހިސާބަށް އާދެވުނީ، މިއަދު ހާދަ އުފާވެއޭ،" ޝުކުރީ ވިދާޅުވި އެވެ.
ޝުކުރީގެ ތިން ބޭފުޅުން ތިއްބަވަ އެވެ. އުފާވެރި ދިރިއުޅުމެއްގައި އެ އާއިލާ ވެރިރަށް މާލޭގައި ދިރިއުޅެމުން އަންނައިރު އޭނާގެ އާއިލާ ވެސް އިއްޔެ ތިބީ މި ރިސޯޓަށް އައިހެވެ.
"ހިތްވަރެއް ފިސާރި މިކުރީ... ކިތަންމެ ފަހަރަކު ކެނޑިގެން ދާން ބޭނުންވި ހާއްސަކޮށް ލަންކާ މެނޭޖެމެންޓްތައް އޮތް އިރު ކެނޑިގެންދާން ބޭނުންވި. އެކަމަކު ހަޔާތުގައި ދިރިއުޅުމުގެ އުފާ ބޭނުންވާތީ ވަޒީފާގައި ކުރިއަރައިގެންދާން ބޭނުންވީ... އަޅުގަނޑުގެ ކުދިން މޮޅު ކުދިންނަށް ހަދަން ބޭނުންވާތީ ހިތްވަރު ކުރީ. މިއަދު ކުދިން ކިޔަވާ ނިމިއްޖެ.. މިއީ މިއަދުގެ ޒުވާނުން އިބުރަތް ހޯދަންވީ ކަމަކީ،"
ޝުކުރީ ވިދާޅުވާ ގޮތުގައި އޭނާ އާއި މިތަބަ ތިން އެކުވެރިން ވަޒީފާ އަދާ ކުރުމުގައި ހިތްވަރު ކުރެއްވި ފަދައިން ދިވެހި ހުރިހާ ޒުވާނުން ހިތްވަރާއެކު ވަޒީފާ އަދާ ކުރުމުގެ އަޒުމު އާ ކުރަން ޖެހެ އެވެ. އިހުލާސްތެރި ކަމުގެ ފިލާވަޅު ދަސްކުރަން ޖެހެ އެވެ.
"ބަންގަލަދޭޝް މީހުން ވިހި ބާވީސް އަހަރު ހޭދަ ކުރާއިރު ދިވެހި ކުދިންނަކަށް ނޫޅެވެނީ ކީއްވެތަ؟ މިއީ ނޫހުގައި ލިޔެލަން ވެސް ރަނގަޅު ނުކުތާއެއް!"
ޝުކުރީ އުފާ ވަނީ މި ރަށަށް އަންނަ މެނޭޖްމެންޓްތަކުން އޭނާ ފަދަ ދުވަސްވީ މުވައްޒަފުންނަށް އިނާާޔަތްދީ އަގު ވަޒަން ކުރާތީ އެވެ. އޭނާ އުފާ ވަނީ ކަށިން ހިތްވަރުލާފައި ފެއްޓެވި މަސައްކަތުގައި ކާމިޔާބު ހޯދިފައިވާތީ އެވެ. އެކަމަކު އޭނާ ދެރަވަނީ ދިވެހި ޒުވާނުން އޭނާ ފަދައިން މަސައްކަތަށް ނުކުތުމަށް ހެނދުނު ނުތެދުވާތީ އެވެ.
"ކީކޭ ޖާބިރު!" އޭނާ ސުވާލެއް އެއްލައިލެއްވީ ޖާބިރަށެވެ. މިއީ މުޅިން ތަފާތު ބޭފުޅެކެވެ. މިޒާޖުގެ ގޮތުން ވެސް އަނެއް ދެބޭފުޅުންނާ ތަފާތެވެ. ޝުކުރީ އާއި ރަޝީދުއާ އަޅާ ބަލާއިރު ތަންކޮޅެއް ހަގުވީމާ ކަމަށް ވެސް ވެދާނެ އެވެ. އޭނާގެ އުމުރުން މިހާރު 43 އަހަރެވެ. މިރަށުގެ ވަޒީފާގައި ޖާބިރުވެސް 15 އަހަރުވީ އެވެ. މިއަކީ މަދަކު ބައިވަރު ދުވަސްތަކެއް ނޫނެވެ. އެއްތަނެއްގައި މިހާ ދުވަހު ހޭދަ ކުރެއްވޭނީ ހަރުދަނާ ކަމެއްވެސް ހުރެގެނެވެ. ބަލައި ބެލުމަށް ވެސް އޭނާގެ ކިބައިން އެ ގޮތްގަނޑު ފެނެ އެވެ.
"ތެދެއްތޯ ޖާބިރު، ކޮންމެވެސް އެއްޗެއް ވިދާޅުވެ ބައްލަވާ!"
އަހަންނާ ޖެހިގެން މިހިރަ ޖާބިރަކީ މި ރިސޯޓްގެ އިންޖިނިއަރިން އެންޑް ބިލްޑިން މެއިންޓަނެންސްގެ ހުރިހާ ކަމެއްގެ ވެރިޔާ އެވެ. ރިސޯޓެއްގައި އެއީވާ ކެއްޓުބާރު ބޮޑު ވަޒީފާއަކަށް ވާނެ ކަން މިތާ މިތިބަ ޒުވާން ދެ ނޫސްވެރިންނަށް ނޭނގުނަސް އަހަންނަށް އެނގެ އެވެ. އަހަރެންގެ މަސައްކަތް ވެސް ފެށުނީ ރިސޯޓަކުންނެވެ.
މިރަށުގައި ޖާބިރު ފުރަތަމަ އަދާ ކުރެއްވީ ސީނިއާ ރިސެޕްޝަނިސްޓެއްގެ ވަޒީފާ އެވެ. އޭގެ ފަހުން އެޗްއާރުގައި ވެސް ދުވަސްކޮޅަކު އުޅުއްވި އެވެ. އޭނާއާ ދިމާއަށް ޕްރޮމޯޝަންތައް ދުވެފައި އައީއެއް ނޫނެވެ. އޭނާގެ މަސައްކަތުން ޕްރޮމޯޝަންތައް އޭނާއާ ހަމައަށް ގެންދިޔައީ އެވެ.
"މިރަށުގެ އިންޖިނިއަރިންނާއި މެއިންޓަނެންސްގެ ހުރިހާ ކަމެއް ދާނީ އަޅުގަޑުގެ ބެލުމުގެ ދަށުން... އެފަދަ މީހަކަށް ވެވިދާނެ ކޮންމެ ޒުވާނަކަށް ވެސް. އެއީ ރަޝީދާއި ޝުކުރީ އެ ވިދާޅުވިހެން ހިތްވަރެއް ލައިގެންވާނެ ކަންކަން،"
ޒުވާން ދުވަސްވަރު ކުރަމައްޗާއި މާޔާފުއްޓާ ދެރަށަށް ހަޔާތުގެ 10 އަހަރު ދޫކޮށްލާފައިވާ ޖާބިރާއި އަހަންނާއި ޝުކުރީ، ވާހަކަ މަޖާ ރަޝީދު އާއެކު ޑެކްމަތިން ފައިބަނީ އެވެ. އަހަރެމެނަށްވުރެ ކުރީން އަލިފާން ބޯޅައިގެ އިރު އެހަރަގެން ފެނުތެރެއަށް ގިރި ފައިބައިގެން ދަނީ އެވެ.
އަހަރެމެން ހިނގައި ގަތީމެވެ. މިރަށުގެ "ބުލޫ ލެގޫން ބާ" ގައި ތައްޔާރުކޮށްފައިވާ ސުފުރާއިން ރޯދަ ވީއްލާށެވެ. މިއޮށް ވެދުވުނީ އެވެ. ތަށިމަތި އެެއޮތީ އަހަރެމެނަށްޓަކައި ތައްޔާރަށެވެ. ޝުކުރީ އާއި ރަޝީދު ވެސް އަހަންނަށް ދައްކާލީ އެތާނގެ މޭޒުތަކުގައި ވަށައިގެން އެތުރެމުން ދިޔަ އެމީހުންގެ އުފާވެރި އާއިލާތަކަށެވެ. އެ ތިބީ ނޯޖަވާނުންނެވެ. އަހަރެންގެ ހިތަށް އެރިއެވެ. ބުރަ މަސައްކަތުން އުފާވެރިވެރިކަން ހޯދާނީ މިހެނެވެ. މިއީ މާތްﷲ ގެ ކޮންފަދަ ބޮޑު ނިއުމަތެއް ހެއްޔެވެ؟