ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ މެދު އިތުބާރު އެބައޮތް ކަމަށް އެޓީމުގެ ކޯޗް، ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.
ރަޝިޔާގައި ރޭ ފެށި، ފީފާ ކެންފެޑްރޭޝަން ކަޕްގައި، މިރޭ، މެކްސިކޯ ދެކޮަޅަށް ކުޅޭ މެޗަށް ނިކުންނައިރު، ރޮނާލްޑޯއާ ބެހޭގޮތުން، ގިނަ ވާހަކަތަކެއް ދަނީ ދެކެވެމުން ނެވެ. ސްޕެއިންގެ ޓެކްސް އިދާރާއިން ވަނީ 14 މިލިއަން ޕައުންޑްގެ ޓެކްސް ދެއްކުމުގައި ރޮނާލްޑޯ ޓެކްސްއަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.
އަދި، ރޮނާލްޑޯ، އޭނާގެ ކުލަބު ރެއާލް މެޑްރިޑް ދޫކޮށްލަން އުޅޭ ވާހަކަތައް މީޑީއާގައި ވަނީ ގަދަ ވެފަ އެވެ. މި ހުރިހާ ވާހަކަތަކެއްގެ ތެރެއިން ފުރޭނިގެން އައިސް، ކޮންފެޑްރޭޝަން ކަޕަށް، ރޮނާލްޑޯގެ ސަމާލުކަން ނުގެއްލޭނެ ކަމުގެ ޔަގީންކަން ސަންޓޯސް އަށް އެބައޮތެވެ.
ނަމަވެސް، ސަންޓޯސް ވަނީ ރޮނާލްޑޯއާ ބެހޭގޮތުން، ދެކެވެމުން އަންނަ ވާހަކަތައް އިތުރަށް ދައްކަން ދެކޮޅު ހަދާފަ އެވެ.
"މިއީ ރޮނާލްޑޯއާ ބެހޭގޮތުން ބުނާ ފަހު ބަސް،" ރޮނާލްޑޯއާ ބެހޭގޮތުން، ނޫސްވެރިންގެ ސުވާލުތައް އަމާޒު ވުމުން ސަންޓޯސް ބުންޏެވެ. "އަހްނަނަށް ޔަގީން ހުރިހާ އެންމެން އަހަން ބޭނުންވާނެ ސުވާލަކަށް ވާނީ އެއް ސުވާލެއް ކަން، އަހަރެމެން މި ތަމްސީލު ކުރަނީ ޕޯޗްގަލް، އަދި މާދަމާ [މިރޭ] އަހަރެމެން މި ކުޅެނީ މެކްސިކޯ އާ ދެކޮޅަށް."
ސަންޓޯސް ބުނީ ރޮނާލްޑޯ އަކީ އެންމެ ފުރިހަމަ އެތުލީޓެއް ކަމަށާއި އަދި އޭނާ އަކީ އިންސާނެއް ކަމަށެވެ. ސަންޓޯސް ވަނީ ރޮނާލްޑޯއާ ބެހޭގޮތުން ސްޕެއިންގެ ޓެކްސް އިދާރާއިން ދައްކާ ވާހަކަތަކަށް ކޮމެންޓް ކުރަން ދެކޮޅު ހަދާފަ އެވެ.
"ކަލޭމެން ނަށް އެނގޭނެ، އަހަންނަށް ރޮނާލްޑޯ އެނގޭތަން ގިނަ ދުވަސްތަކެއް ވެއްޖެކަން، ޕޯޗްގަލް (ލީގް) ގައި ރޮނާލްޑޯ އަށް އެންމެ ފަހުން ކޯޗް ކޮށްދިނީ އަހަރެން، ސްޕޯޓިން ލިސްބަންގައި، ރޮނާލްޑޯ އަށް ކޯޗް ކޮށްދިން ސަންޓޯސް ބުންޏެވެ.
ޕޯޗްގަލްގެ ގޯލްކީޕަރު ރުއީ ޕެޓްރީސީއާވެސް ބުނީ، ރޮނާލްޑޯ ހުރީ ހުރިހާ ގޮތަކުން މުބާރަތަށް ސަމާލުކަން ދީގެން ކަމަށެވެ.
"އޭނާ [ރޮނާލްޑޯ] އަކީ އެންމެ ފުރިހަމަ އެތުލީޓެއް، އޭނާ ކުރަން ޖެހޭ ކަމަކާ މެދު އޭނާ ފޯކަސް ކުރާނެ، އެއްވެސް ޝައްކެއް ނެތް އޭނާ އެންމެ ފުރިހަމައަށް ކޮންފެޑްރޭޝަން ކަޕްގައި ޕާފޯމް ކުރާނެ." ސްޕޯޓިން ލިސްބަންއަށް ވެސް ކުޅެމުންދާ ކީޕަރު ބުންޏެވެ.
ރޭ މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނީ، މުބާރާތް ބާއްވާ ގައުމު ރަޝިޔާ އާއި ނިއުޒިލެންޑެވެ. ރަޝިޔާގެ ޕީޓާސްބާގްގެ ކްރެސްޓޮވްކީ ސްޓޭޑިއަމްގައި ކުޅުނު މެޗު ރަޝިޔާ ކާމިޔާބު ކުރީ 2-0 ން ނެވެ. މެޗު ބައްލަވާ ލެއްވުމަށް ޓަކައި، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ ދަނޑަށް ވަޑައިގެންފަ އެވެ.