ދިވެހި ސިނަމާ

އަނެއްކާވެސް ޖުމަލް އާއި މަޖޫގެ ފިލްމެއް

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ކެމިސްޓްރީ ރަނގަޅު ޖޯޑަކީ ކޮބައިހޭ ބުނެފިނަމަ އެންމެ ފުރަތަމަވެސް ހަނދާނަށް އަންނާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އަދި މަރިޔަމް މަޖުދާ (މަޖޫ) އެވެ. އެ ދެތަރިންގެ އެކްޓްކުރުމުގެ ހުނަރާއި އެކުގައި ބަލައިލަން ގުޅޭ ޖޯޑެއްގެ ގޮތުގައި ވަނީ ބަލައިގަނެވިފަ އެވެ. ޖުމަލް އަދި މަޖޫ އެކުގައި ފެނިގެންދިޔަ ޑާކްރެެއިން އެންޓަޓެއިންމަންޓްގެ "އެންމެފަހު ވިންދާ ޖެހެންދެން" އަދި "ވާށޭ މަށާ އެކީ" ހިޓަކަށްވެ އަރައިގެން ދިޔަ އެއް ސަބަބަކީ އެއީ އެވެ.

ޑާކްރެއިނުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ "މީ ލޯތްބަކީ" އެވެ. އެ ފިލްމަށްފަހު ދެން އިވުނީ އެ ސްޓޫޑިއޯ އިން ތްރިލާ ފިލްމަކަށް ތައްޔާރުވަމުންދާ ހަބަރެވެ. އެ ފިލްމާއެކު އިތުރު ފިލްމެއްގެ މަސައްކަތަށްވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ޑާކްރެއިނުން ތައްޔާރުވަމުންދަނީ ފެމެލީ ޑްރާމާ އަކަށެވެ. "ވަކިން ލޯބިން" ނަމުގައި އުފައްދާ އެ ފިލްމުން އަނެއްކާވެސް ޖުމަލް އާއި މަޖޫ އެކުގައި ފެނިގެންދާނެ އެވެ. އެ ފިލްމަކީ ޒުވާން ދެމަފިރިއެއްގެ ކައިވެނި ވަރިފަށަށް އެރުމުން ދިމާވާ މައްސަލަތަކެއް ދައްކައިދޭ ފިލްމެކެވެ.

ފިލްމުގެ ލީޑްތަރިން ކަނޑައަޅާ ރޯދަމަހަށް ފަހު ޝޫޓިން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ފިލްމުގައި ކުޑަކުދިންގެ ރޯލު ކުޅޭނެ ކުދިން ހޯދަންވަނީ އިއުލާނުކޮށްފަ އެވެ. ޑާކްރެއިނުން ބުނީ އުމުރުން ހަ އަހަރާއި އަށް އަހަރާ ދެމެދުގެ ކުދިންނަށް އެފުރުސަތު މިއަދުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ފިލްމު މިއަހަރުގެ ޑިސެމްބަރު މަހު ސްކްރީން އަށް ގެނެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ޑާކްރެއިނުން މައުލޫމާތުދެ އެެވެ.

ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގެވެ. މީގެކުރިން ޗިއްޕެ ޑައިރެކްޓްކޮށްފައިވާ ގިނަ ފިލްމުތަކަކީ ވެސް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމުތަކެކެވެ.

މި ފިލްމުގައިވެސް އަމިއްލަ ރާގުގެ ރީތި ލަވަތަކެއް ހިމެނޭނެ އެވެ. އޭގެ ތެރެއިން އެއް ލަވަ މިހާރު ވަނީ އާންމުނަށް ދޫކޮށްލާފަ އެވެ. އެއީ ފަތޯގެ "ބީވީމަ" އެވެ.