ކުޅިވަރު

ފުޓްބޯޅަ މެޗުގެ ވަގުތު 60 މިނެޓަށް ކުރުކުރަން ހުށަހަޅަނީ

Jun 18, 2017
  • ބޭނުމަކީ ވަގުތު ބޭކާރު ކުރަން މަދު ކުރުން
  • ހާފެއްގެ ދިގުމިން 30 މިނެޓަށް ކުރު ކުރަން

މެޗު ލަސް ކުރުމަކީ، ފުޓްބޯޅައިގެ ނުރަނގަޅު ކަމެއްގެ ގޮތުގައި ބެލެވިފައި އޮންނަ ކަމެކެވެ. އެކަން ހައްލު ކުރަން، ނުވަތަ އެކަން މަދު ކުރަން މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފަ އެއް ނުވެ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ގަވައިދު އެކުލަވާލާ ފަރާތްތަކުން، އޮތީ އެކަމަށް އާ ހިޔާލެއް ހުށަހެޅުމަށް ތައްޔާރު ވެފަ އެވެ. އެއީ ފުޓްބޯޅަ މެޗެއްގެ ވަގުތު 60 ކުރު ކުރުމެވެ. ހާފެއްގައި 30 މިނެޓެވެ.

އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިން ވަނީ ބޮޑު ބަދަލެއް ފުޓްބޯޅަ މެޗެއްގެ ވަގުތަށް ގެނައުމަށް އައުޓްލައިނެއް ޑްރާފްޓް ކޮށްފަ އެވެ. މި ސްޓްރެޓެޖީއަށް އައިއެފްއޭބީ އިން ދީފައިވާ ނަމަކީ "ޕްލޭ ފެއާ" ނުވަތަ "ހަމަހަމަ ކޮށް ކުޅޭށެވެ." ހާފެއްގެ ދިގުމިން 30 މިނެޓަށް ކުރު ކުރުމަށްފަހު ބޯޅަ ބޭރަށް ގޮސްގެން ނުވަތަ ކުޅުން މެދުކަނޑަލަން ޖެހޭ ސަބަބެއް ދީމަވާ ކޮންމެ ފަހަރަކު ގަޑި ހުއްޓައިގެން ކުރިއަށް ގެންދިއުމެވެ. އައިއެފްއޭބީން ބުނެފައި ވަނީ އެ ބަދަލު ގެންނަން ހުށަހަޅަނީ ހިތްގައިމު ފުޓްބޯޅަ އެއް ކުޅުވުމަށެވެ.

އައިއެފްއޭބީން ބުނީ "ފެއާ ޕްލޭ" ޑޮކިޔުމެންޓްގެ މައިގަނޑު ތިން މަގުސަދެއް އެބައޮތް ކަމަށެވެ. އެއީ: - ކުޅުންތެރިންގެ އަހްލާގް ރަނގަޅު ކުރުވުމާއި އިހްތިރާމް ކުރަން އާދަކޮށް ދިނުން، - ކުޅުމުގެ ވަގުތު އިތުރު ކުރުން، - އިންސާފުވެރިކަމާއި ކުޅުމުގެ ހިތްގައިމުކަން ހިފެހެއްޓުން، މއިއެވެ.

"ވަރަށް ގިނަ މީހުން ކަންބޮޑުވާ ކަމެއް 90 މިނެޓް މެޗެއްގައި ހިނގާ ކަންކަމުން، 90 މިނެޓް ނަމަ ހަގީގީގަތުގައި ބޯޅަ ދަނޑުގެ ލައިންގެ ތެރޭގައި އޮވެގެން ރަނގަޅަށް ކުލެންލަން ލިބެނީ 60 މިނެޓް،" އައިއެފްއޭބީ ޑޮކިޔުމެންޓްގައި ބުނެފައި ވެއެވެ. "ހުށަހަޅާފައި ވާނެ ސްޓްރެޓެޖީ އަކީ ވަގުތު ބޭކަރު ކުރުން މަދު ކުރުވުމާއި، ކުޅުމުގެ ސްޕިޑް އިތުރު ކުރުން."

އެ އެސޯސިއޭޝަނުން ބުނީ، ޑްރާފްގައި ހުރި ބައެއް މާއްދާތަކަކީ، މިހާރުން މިހާރަށް ވެސް އަމަލު ކުރެވޭނެ މާއްދާތައް ކަމަށާއި އަދި ބައެއް މާއްދާތައް ޓެސްޓް ކުރުމުގެ ގޮތުން ތާރަފު ކުރެވިދާނެ ކަމަށެއި އަދި ބައެއް މާއްދާތަކާ ބެހޭގޮތުން އިތުރަށް މަޝްވަރާ ކުރަން ޖެހޭ ކަންކަންވެސް އެބަހުރި ކަމަށެވެ.

އައިއެފްއޭބީ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން އުފައްދާފައިވާ ޖަމާއެތެވެ. އެ ޖަމާއަތަކީ ފުޓްބޯޅައިގެ ގަވައިދު ކަންކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ އެ ޖަމާއތުން ނެވެ.