ހަބަރު

ދެ ރަށެއްގެ ނަރުދަމާ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ޅ. ނައިފަރުގެ ފެނާއި ނަރުދަމާ މަސައްކަތާއި ތ. ވޭމަންޑޫގެ ނަރުދަމާގެ މަސައްކަތް ކުރަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީން އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏަކާއި ހަވާލުކޮށް އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވި އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އަދި އެލްއީ ޓްރިވެނީ ޖޭވީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ވިނޭ ކުމާރު ސިންގް އެވެ. މި މަޝްރޫއަކީ 148.9 މިލިއަން ރުފިޔާގެ މި މަޝްރޫއެކެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލު ކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާށެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ނައިފަރާއި ވޭމަންޑޫގެ ނަރުދަމާގެ މަސައްކަތް ކުރާނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ ލޯނު އެހީގެ ދަށުން ކަމަށާއި ނައިފަރުގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތަކީ އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 18 ރަށެއްގެ ނަރުދަމާގެ މަސައްކަތް ނިމިފައިވާ ކަމަށާއި 21 ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި 15 ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި 16 ރަށެއްގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނައިފަރަކީ އާބާދީގައި ފަސްވަނަ އަށް އެންމެ ބޮޑު ރަށް. ފެނާއި ނަރުދަމާގެ މަސައްކަތް ވޭތުވެ ދިޔަ ސަރުކާރުން މާ ބޮޑު މަސައްކަތް ތަކެއް ކޮށްފައެއް ނުވޭ. " މިނިސްޓަރު ވިދާޅުވި އެވެ.