ފެނާއި ނަރުދަމާގެ ނިޒާމް

ދެ ރަށެއްގެ ނަރުދަމާގެ ޑިޒައިން ކުރަން ބަޔަކާ ހަވާލުކޮށްފި

ދެ ރަށެއްގެ ނަރުދަމާ ނިޒާމް ޑިޒައިންކޮށް ޓެންޑާ ޑޮކިއުމެންޓް ތައްޔާރު ކުރުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. ރިޔަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކުރީ އއ. ފެރިދުއާއި ނ. ހެނބަދޫގެ ނަރުދަމާ ޑިޒައިން ކުރުމުގެ މަސައްކަތެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަމީޒެވެ.

އެ ކުންފުންޏަށް މި މަސައްކަތް ދިނީ 507،000ރ. އަށެވެ.

ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭ ނިންމަންޖެހޭ ޑިޒައިނިންއާ ޓެންޑާ މަސައްކަތްތައް ރިޔަން އާ ހަވާލުކުރެއްވުމަށްފަހު މިނިސްޓަރު ތޯރިގް ވިދާޅުވީ، ސަރުކާރުން މިހާތަނަށް 10 ރަށުގެ ފެނާއި ނަރުދަމާ ކަށަވަރު ކޮށްދީފައިވާއިރު، ކުރިއަށް އޮތް ދެ އަހަރު ނިމޭއިރު ސަރުކާރުގެ އަމާޒާ އެއްގޮތަށް ރާއްޖޭގެ 75 ޕަސެންޓް ރަށަށް ފެނާއި ނަރުދަމާ ޔަގީންކޮށްދޭނެ ކަމަށެވެ.

މިއަދު ހަވާލު ކުރި މަސައްކަތަށް ހަމަސް ދުވަހުގެ މުއްދަތެއް ދީފައި އޮތް ނަމަވެސް އޭގެ ކުރިން އެ ދެރަށުގެ ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށް ލަސްނުވެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

".އާބާދީގެ 75 ޕަސެންޓަށް ނަރުދަމާއާ ފެން ގާއިމްކޮށްދިނުމަކީ ރައީސް އަބްދުﷲ ޔާމީންގެ އަމާޒެއް. އެހެންކަމުން އެ މަގުސަދު ހާސިލްކުރުމަށް މިދަނީ މަސައްކަތްތަކެއް ބާރު ސްޕީޑުގައި ކުރަމުން. މިހާތަނަށް 10 ރަށެއްގެ ނަރުދަމާ އާއި ފެން ވިއުގަ ގާއިމްކޮށްދީފައިވާނެ. އަދި އިތުރު ބައެއް ރަށްރަށުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރު އާއިރު ރާއްޖޭގެ ރަށްރަށުގެ ނަރުދަމާ ގާއިމްކޮށްދީފައި އޮތީ 35 ޕަސެންޓެެވެ. އަދި ފެނުގެ ނިޒާމް ގާއިމްކޮށްދީފައި އޮތީ 25 ޕަސެންޓެވެ.

އޭނާ ވިދާޅުވީ މި ސަރުކާރު އައުމަށްފަހު އެ އަދަދު އެތައް ގުނައެއް މަތިކޮށްފައިވާ ކަމަށާއި ރައީސް ޔާމީންގެ ފަސް އަހަރު ނިމޭއިރު އަމާޒާ އެއްގޮތަށް މި ދެ ދާއިރާއިން ވެސް 75 ޕަސެންޓް ކަށަވަރުވާނެ ކަމަށެވެ.